ވަޒީފާއެއްގައި ގުޅެ މަހުން މަހަށް އެކައުންޓަށް މުސާރައިގެ ގޮތުގައި ފައިސާ ޖަމާނުވާ ނަމަ ބޭންކުތަކާއި މާލީ އިދާރާތަކުން ލޯނާއި ސްކީމްތަކުން ތަކެތި ގަތުމަށް ދަތިވެ އެވެ. އެކަން ތަޖުރިބާ ކުރަންޖެހިފައިވާ އެއްބަޔަކީ ދިވެހި ލޭނާރުކަމުގައިވާ މަސްވެރިކަމުގައި، ރޭދުވާ ކަނޑުފަޅުގައި ހޭދަކުރާ މަސްވެރިންނެވެ.
މަސްވެރިންގެ މި ޝަކުވާ އަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ނިމުން ގެނުވީ، އެ ބޭންކުގެ އުޖާލާ ދިރިއުޅުން ސްކީމުގައި މަސްވެރިންނަށް ބައިވެރިވެވޭ ގޮތް ހަދައިގެންނެވެ. އެކަން އިފުތިތާހުކުރީ މަސްވެރި ރަށެއް ކަމުގައިވާ ގދ. ފަރެސްމާތޮޑާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގަ އެވެ.
އެ ހަފްލާގައި އެމްއައިބީގެ އެކްޓިން ސީއީއޯ އަހްމަދު ރިޒާ ވިދާޅުވީ އެމްއައިބީއިން މަސައްކަތް ކުރާނީ ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް އިތުރު ހިދުމަތްތަކާއި ފަސޭހަތަށް ހޯދައިދިނުމަށް ކަމަށެވެ.
އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ރާއްޖޭގެ އެންމެ މަގްބޫލް ފައިނޭންސިން ސްކީމެވެ. މި ސްކީމުގެ ދަށުން މަސްވެރިންނަށް މިހާރު ގިނަވެގެން 400،000ރ ގެ މުދާ ނެގޭނެ އެވެ. އެ ސްކީމުން މަސްވެރިންނަށް ގެޔަށް ބޭނުންވާ ފަރުނީޗަރާއި، މޮބައިލް ފޯނު، ސައިކަލް އަދި އިލެޓްރޯނިކް ސާމާނުގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އެކި ސާމާނު ގަނެވޭނެ އެވެ.
މަސްވެރިންނަށް ގެނެސްދިން މި ފަސޭހަކަމުގެ އިތުރުން، މިހާރު ވެސް އެމްއައިބީއިން މަސް ދޯނި ބަންނަން ފައިނޭންސް ކޮށްދިނުމުން ފެށިގެން މަސް ދޯންޏަށް ބޭނުންވާ ސާމާނު ގަނެދިމުގެ ހިދުމަތް ވެސްދެ އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ދޯންޏަށް އެ ބޭންކުން ފައިނޭންސް ކޮށްފައިވެ އެވެ.
ކުރިޔަށް އޮތްތަނުގައި ވެސް މަސްވެރިންނަށްދޭ ހިދުމަތްތަށް އިތުރަށް ފުޅާކުރަމުން ގެންދާނެ ކަމަށް ވެސް އެމްއައިބީ އިން ބުނެ އެވެ.








