މާތް ނަބިއްޔާ ދަމުނަމާދުގައި އާލްޢިމްރާން ސޫރަތް ވިދާޅުވަމުން ގެންދެވިއެވެ. ކީރިތިކުރައްވާ ހާލުކޮޅުގަ އެވެ. ފަތިސް ވަގުތު ޖެހުމާއެކު މާތް ﷲ ރުއްސުންލެއްވި ބިލާލްގެފާނު ވަޑައިގެންނެވިއިރު މާތް ނަބިއްޔާ އެ ހާލުކޮޅުގައި ވަނިކޮށް ފެނިވަޑައިގެން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ކީރިތިކުރައްވަނީ ކޮން ކަމަކާތޯ އެވެ؟ ފަހެ ހަމަކަށަވަރުން ކަލޭގެފާނަށް މާތް ﷲ ވަނީ އިސްވެގޮސްފައިވާ ފާފަތަކާއި ފަސްވެކުރެވޭން ހުރިހާ ފާފަތައް ފުއްސަވާފައިނޫންތޯ އެވެ؟ އެ ހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. ޝުކުރުވެރިވާ އަޅަކުކަމުގައި ތިމަންކަލޭގެފާނު ނުވާންވީތޯ އެވެ. މިރޭގައި އާޔަތެއް ބާވާލައްވައިފި އެވެ. އެ އާޔަތް ކިޔެވުމަށްފަހު އެ އާޔަތާމެދު ވިސްނާފިކުރުނުކޮށްފި މީހަކަށް ހަލާކު ހުއްޓެވެ.
އެ އާޔަތް އެނގި ކިޔެވުމަށްފަހު އެ އާޔަތާމެދު ވިސްނާފިކުރު ނުކޮށްފި މީހަކަށް ހަލާކު ހުރިކަމަށް މާތް ނަބިއްޔާ އެވަނީ ހަދީސް ކުރައްވާފައިވެ އެވެ. ހަދީސް ބަސްފުޅުގައި އޮތީ އެ މީހަކަށް "ވައިލް" ހުރި ކަމަށެވެ. ދިވެހި ބަހުގެ ލަފުޒީ ތަރުޖަމާގައި އެއީ ހަލާކު ކަމުގައި މާނަކުރެވިދާނެ އެވެ. މިފަދަ ވަޢީދު ބަސްފުޅަކާ ވަރަށް އެއްގޮތް ބަސްފުޅެއް އަލްމާޢޫން ސޫރަތުން ވަރަށް ފަރިތަކޮށް އަހުރެމެން ކިޔަމު އެވެ. އާދޭހެވެ. ކަންނެތްކަމާއި ދެއްކުންތެރިކަމާއެކު ނަމާދުކުރާ މީހުންނަށް ހަލާކު ހުރި ވާހަކަ އެވެ. އެ އާޔަތުގައި ވެސް އޮންނަނީ "ވައިލް" ހުރި ވާހަކަ އެވެ. ވިސްނާލުން މުހިންމު އިއްތިފާގެކެވެ. ވައިލްގެ މާނާގައި އެއީ ނަރަކައިގެ ވާދީތަކުގެ ތެރެއިން ވާދީއެއްކަމުގައި ވަރަށް ގިނަ ތަފްސީރު އިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ކޮންމެއަކަސް ކަންނެތްކަމާއި ދެއްކުންތެރިކަން ނަމާދުގެ ތެރެއަށް ވައްދާ މީހާގެ ނަމާދު ގަބޫލުނުކުރައްވަނީ އެކަންޏެއް ނޫނެވެ. އެ މީހަކަށް ހަލާކުވެސް ހުރިކަމަށް ވައީދު ބަސްފުޅު އޮތީއެވެ. އަދި އެއީ ނަރަކައިގެ ވާދީތަކުގެ ތެރެއިން ވާދީއެއްކަމުގައި އިލްމުވެރިން އެވަނީ ވިދާޅުވެފައެވެ. ކޮންމެއަކަސް އެއީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ރުކުންކަމުގައިވި ނަމާދުގެ އަޅުކަން ދެއްކުންތެރިކަމާއި ކަންނެތްކަމުން ފަސާދަކުރުމުގެ ނަތީޖާ އެވެ.
މިހާރު އުފެދޭ ސުވާލަކީ، ވައިލްހުރި މިދަރަޖައިގެ ކަންތަކާއި، އެއާޔަތަކާމެދު ވިސްނާ ފިކުރުނުކޮށްފިނަމަ ހަލާކުހުރި ކަމަށް ހަދީސް ކުރެއްވި ބަސްފުޅުގައިވާ ގުޅުމެވެ. އަދި އެކަމުގައި ވާ އިއްތިފާގެވެ. މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި އެއާޔަތަކާބެހޭ ގޮތުން ވިސްނާފިކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވި އާޔަތްތަކަކީ، އާލްއިމްރާން ސޫރަތުގެ 190 ވަނަ އާޔަތާއި 191 ވަނަ އާޔަތެވެ. އެ ދެ އާޔަތުގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެ އެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބޭކާރު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްތާހިރު ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ!"
ނަމާދަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ރުކުނެވެ. އެރުކުން ދެއްކުންތެރިކަމާއި ކަންނެތްކަމުން ފަސާދަކޮށްފި މީހަކަށް ހަލާކު ހުންނަ ފަދައިން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި އެކުލެވިފައިވާ މާތް ﷲ ވޮޑިގެންވުމުގެ ހެކިތަކަށް ވިސްނާފިކުރު ނުކުރާ މީހަކަށް ހަލާކު ހުރި ސަބަބު ސާފެވެ. އެކަންކަމާމެދު ވިސްނުން ނުހިންގައިފި މީހަކީ، ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ގަބޫލުކުރުމުގެ، އިސްލާމްދީނުގެ އެންމެ ފުރަތަމަ ރުކުން ފަސާދަކުރާ މީހަކަށް ނޫނީ ނުވާނެ އެވެ. އާދޭހެވެ. މާތް ﷲގެ ބޮޑުކަމާއި އެކަލާނގެ ފިޔަވައި އިލާހަކު ނުވާކަމުގެ ހަގީގަތް ދެނެގަތުމަކީ އުޑުތަކާއި ބިންތައް ހެއްދެވިފައިވާ ގޮތަށް ވިސްނުމެއް ނެތި، ރޭދުވާ ތަކުރާރުވަމުންދާ ގޮތާ މެދު ފިކުރެއް ހިޔާލެއް ނެތް މީހަކަށް ހޯދައިގަނެވޭނެ އިލްމެއް ނޫނެވެ.
އިސްލާމްދީން އެންމެ ފުރަތަމައަށް އަމުރުކުރަނީ މި ހަގީގަތް ދެނެގަނެ ﷲ އަށް ބޯލަނބައި ކިޔަމަން ގަތުން ކަމަށް ވީހިނދު، އެއީ ވިސްނުމާއި ފިކުރު އިންތިހާއަށް ބޭނުންކުރުމަކާ ނުލައި ކުރެވިދާނެ ކަމެއް ނޫނެވެ. އެހެންކަމުން ނުހަނު ގިނަ ރައްބާނީ އިރުޝާދުތައް މިކަމުގައި އައިސްފައިވެއެވެ.
ޔޫނުސް ސޫރަތުގެ 101 ވަނަ އާޔަތް ބައްލަވާށެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާންނުވާ ބަޔަކަށް މުއުޖިޒާތްތަކުންނާއި، އިންޒާރުކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެއެވެ."
ފުރުޤާން ސޫރަތުގެ 61 ވަނަ އާޔަތާއި 62 ވަނަ އާޔަތް ބައްލަވާށެވެ! "އުޑުގައި ބުރުޖުތަކެއް ލައްވައި، އަދި އެތާނގައި ވޮށަކާއި، އަލިކުރާ ހަނދެއްލެއްވި ރަސްކަލާނގެ މަތިވެރިވެވޮޑިގެންފި އެވެ. އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށް ފަހު، އަނެކައްޗެއް އަންނަ ގޮތުގައި ލެއްވި ރަސްކަލާނގެ އެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް، ނުވަތަ ޝުކުރުވެރިވުމަށް އެދޭ މީހަކަށްޓަކަ އެވެ."
އަލްއަޢުރާފު ސޫރަތުގެ 185 ވަނަ އާޔަތަށް ވެސް ބައްލަވާށެވެ. "އަދި އުޑުތަކާއި ބިމުގެ ވެރިކަމާމެދުގައްޔާއި، ﷲ ހައްދަވާފައިވާ އެންމެހާ ތަކެއްޗާ މެދުގައްޔާއި، އެއުރެންގެ އަޖަލު ގާތްވެއްޖެކަމާ މެދުގައި، އެއުރެން ވިސްނައި ނުބަލަނީހެއްޔެވެ؟ އެއަށްފަހު، އެއުރެން އީމާންވަނީ ފަހެ، ކޮންވާހަކައަކަށް ހެއްޔެވެ؟"
މިފަދަ ކިތަންމެ އާޔަތެކެވެ. ކީރިތި ޤުރުއާނުގެ މޫރިތި އެތައް އާޔަތަކުން، ވިސްނާފިކުރުކުރުމަކީ އިސްލާމްދީން މުސްލިމުންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ފަރުޟެއް ކަމާމެދަކު ބަހުސެއް ވެސް ނެތެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެފަރުޟު އަޅުކަމާ ނުލައި އިސްލާމްކަމުގެ ފުރަތަމަ ރުކުން ގެނެސް މުސްލިމަކަށް ވުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ.
ﷲ ފިޔަވައި އިލާހަކު ނުވާކަމުގެ ހަގީގަތް ދެނެގަނެ، ﷲ އަށް ދީން ހާލިސްކޮށް އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމުގެ އަގީދާއާއި، އުޑުތަކާއި ބިމާއި ކާއިނާތު އުފެދިފައިވާ ގޮތަށް ވިސްނާފިކުރުކުރުމުގެ ފަލްސަފާ ގުޅިގެންދާ ބަދަހިކަން އައްޒުމަރު ސޫރަތުގެ ފުރަތަމަ 6 އާޔަތުން ބަޔާންކޮށްދެއެވެ.
"މިއީ އިއްޒަތްވަންތަ ހިކުމަތްވަންތަ ﷲ ގެ ހަޒުރަތުން ބާވައިލެއްވި ފޮތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ހައްގުގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ﷲ އަށް ދީން ހާލިސްކުރާ ހާލު، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ! ދަންނާށެވެ! ހާލިސްވެގެންވާ ދީންވަނީ ﷲ އަށެވެ. އަދި އެކަލާނގެއަށް ޝަރީކުކުރި މީހުން ބުނެ އެވެ. ﷲ ގެ ހަޒުރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމު އެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު ހިލާފުވެގެން އުޅޭ ކަންތަކާދޭތެރޭގައި ﷲ އެއުރެންގެ މެދުގައި ހުކުމްކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ ކާފަރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެ އެވެ. ﷲ ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހިޔާރު ކުރައްވައިފީހެވެ. އެކަލާނގެ ހުސްތާހިރު ވަންތަކަމާ އެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، ﷲ އެވެ. އެކަލާނގެ އުޑުތަކާއި، ބިން ހައްގުގޮތުގައި ހެއްދެވި އެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަ އެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަ އެވެ. އަދި އިރާއިހަނދު ހިދުމަތްތެރިކުރެއްވި އެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެ އެވެ. ދަންނާށެވެ! އެކަލާނގެއީ އިއްޒަތްވަންތަ ރަސްކަލާނގެ އެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ އެވެ. އެކަލާނގެ ތިޔަބައި މީހުން ހެއްދެވީ، އެއް ނަފުސަކުންނެވެ. (އެއީ އާދަމްގެފާނެވެ.) ދެން އެ ނަފުސުން އެކަލޭގެފާނުގެ އަނބިކަނބަލުން ހެއްދެވި އެވެ. އަދި ތިޔަބައި މީހުންނަށްޓަކައި، ނައަމްސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވި އެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަ އެވެ. އެއީ ތިޔަބައިމީހުންގެ ވެރި ﷲ އެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ފިޔަވައި އިލާހަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް އަޅުކަންކުރުން ފިޔަވައި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟"








