ލަންޑަން (މާޗް 17) - ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި މިރޭ ބާސެލޯނާ އިން ގަލަޓަސަރާއި ފަހަތުން އަރައި 2-1 އިން ބަލިކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އިންގްލެންޑްގެ ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 2-0 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އޮތީ އަނެއް ބުރުގެ ފުރުސަތު ހުޅުވިފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅަ ބޮލުން ގޯލަށް ވައްދާލައި މާސާއޯ ވަނީ ގަލަޓަސަތަރާއި އަށް ލީޑުނަގައިދީފަ އެވެ. އޭގެ ނުވަ މިނިޓް ފަހުން ގަލަޓަސަތަރާއި އޭރިއާތެރެއިން ބާސެލޯނާގެ ޕެޑްރީ ގޮންޒާލޭޒް އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗުން ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭގައި ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އޭރިއާތެރެއިން ފްރެންކީ ޑިޔޯން އަށް ލިބުނު ރީބައުންސް ބޯޅަ އޭނާ ދިނީ ހުސްކޮށް ހުރި އޮބާމަޔަން އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ވެސްޓް ހޭމްގެ ޔާމޮލެންކޯ (ކ) ކައިރިން ސެވިއްޔާގެ ނަވާސް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ
ފުރަަތަމަ ލެގުގައި ސެވިއްޔާ ދަނޑުގައި އެ ޓީމު މޮޅުވި ނަމަވެސް މިރޭ ވެސްޓް ހޭމް އިން އެ ނަތީޖާ އަނބުރާލީ 120 މިނިޓް ކުޅެގެންނެވެ. މެޗުގެ 90 މިނިޓް ހަމަވިއިރު ވެސްޓް ހޭމް ކުރީގައި އޮތީ ތޯމަސް ސޫޝެކް ޖެހި ގޯލުން ލީޑުނަގައިގެންނެވެ. އިތުރު ވަގުތުގައި ވެސްޓް ހޭމް މޮޅުކޮށްދިން ގޯލު ޖެހީ ޔޫކްރެއިންގެ ފޯވާޑް އެންޑީ ޔާމޮލަންކޯ އެވެ. ލަނޑު ޖެހުމަށް ފަހު ޔާމޮލަންކޯ އުފާފާޅުކުރިއިރު، މުޅި ސަޕޯޓަރުން ވަރަށް ބޮޑަށް ބައިވެރިވި އެވެ.
ވެސްޓް ހޭމް އާއި ބާސެލޯނާގެ އިތުރުން ދެން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ޖަރުމަނުގެ ދެ ޓީމު ކަމަށްވާ އެއިންޓްރަކްޓް ފްރޭންކްފާޓާއި އާރްބީ ލައިޕްޒިގު، ފްރާންސްގެ ލިޔޯން، އިޓަލީގެ އެޓަލަންޓާ، ޕޯޗުގަލްގެ ބްރާގާ އަދި ސްކޮޓްލެންޑްގެ ރޭންޖާސް އެވެ.












