ލަންޑަން (މާޗް 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި އާސެނަލް އަތުން 2-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގުކުޑަކުރަން ލިބުނު ފުރުސަތުގެ ބޭނުންހިފައިފި އެވެ.
މި ހަފްތާގައި ސިޓީ ކުޅުނު މެޗުން ރަށުންބޭރުގައި ކްރިސްޓަލް ޕެލެސްއާ އެއްވަރުވުމުން ރޭގެ މެޗުން މޮޅުވެގެން ލިވަޕޫލަށް ސިޓީއާ ގާތްކުރަން އޮތީ ފުރުސަތު ހުޅުވިފަ އެވެ. ލިވަޕޫލުން އޭގެ ބޭނުންހިފީ މި ސީޒަނުގައި އާސެނަލް އަތުން ހޯދި ތިން ވަނަ މޮޅަށް ފަހު އެވެ. އެއް ވަނައިގައި އޮތް ސިޓީ އަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ލިވަޕޫލް އޮތީ 29 މެޗު ހަމަކޮށް، 69 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 28 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ހަތަރެއްގައި އޮތީ 27 މެޗުން 51 ޕޮއިންޓާ އެކު އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ. އެ ހަމަލާގެ އިތުރުން ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް މާ ރަނގަޅު ބޯޅަތަކެއް ފޮނުވައެއް ނުލެވުނެވެ. ދެ ވަނަ ހާފް ފަށައިގެން ލިވަޕޫލްގެ ސަޑިއޯ މާނޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ލީޑުނަގަން ދެ ވަނަ ހާފުގައި އާސެނަލަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ ފަހަތަށް ދިން ބޯޅަ ލިބުނީ އާސެނަލްގެ ކެޕްޓަން އަލެކްސަންޑަ ލަކަޒޭޓަށެވެ. އޭނާ ޖައްސާލި ބޯޅަ އެ ޓީމުގެ މާޓިން އޮޑެގާޑް ގޯލަށް ފޮނުވާލަން ޖެހި ނަމަވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލުން ލީޑުނެގީ މެޗުގެ 54 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ޖެހި ގޯލުންނެވެ. ތިއާގޯ ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖޮޓާ ފޮނުވާލި ބޯޅަ ގޯލުގެ ކައިރީ ކަނަށް ވަނީ ކީޕަރު ރަމްސްޑޭލް އަތުގައި ޖެހިފަ އެވެ. މިއީ ޖޮޓާ އާސެނަލް ކޮޅަށް ޖެހި ހަތް ވަނަ ގޯލެވެ. މީގެ ތެރެއިން ފަސް ގޯލު ޖެހީ އާސެނަލް ދަނޑުގަ އެވެ. މި ގޯލަށް ފަހު ލިވަޕޫލުން ވަނީ ޖޮޓާ އާއި ލުއިސް ޑިއާޒްގެ ބަދަލުގައި މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ ކުޅެން އަރުވައިފަ އެވެ. ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 62 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން ފިރްމީނޯ އެވެ.
ރޭ ޓޮޓެންހަމް ވަނީ ކްރިސްޓިއަން ރޮމޭރޯ އާއި ހެރީ ކޭންގެ ދެ ގޯލުން ރަށުންބޭރުގައި 2-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ޓޮޓެންހަމް ހަތް ވަނަ އަށް ޖެހިލީ 28 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ވެސްޓް ހޭމް އަށް 29 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 29 މެޗުން 50 ޕޮއިންޓާ އެކު އެވެ.












