ބާސެލޯނާ (މާޗް 17) - އަންނަ ސީޒަނުން ފެށިގެން، ބާސެލޯނާގެ މެއިން ސްޕޮންސަރަކަށް އޯޑިއާ ސްޓްރީމިންގެ ހިދުމަތް ފޯރުކޮށްދޭ "ސްޕޮޓިފައި" ހަމަޖައްސާފައިވާ ކަމަށް އެ ކްލަބުން އިއުލާންކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ބާސެލޯނާ ސީނިއާ އަންހެން އަދި ފިރިހެން ޓީމުތަކުގެ ޖޯޒީގެ މޭމަތީގައި މެއިން ސްޕޮންސަރެއްގެ ގޮތުގައި ކުރިއަށް އޮތް ހަތަރު ސީޒަނަށް ފެނިގެންދާނީ "ސްޕޮޓިފައި"ގެ ލޯގޯ އެވެ. އަދި ޓްރެއިނިން ކިޓުތަކުގައި، "ސްޕޮޓިފައި"ގެ ލޯގޯ ކުރިއަށް އޮތް ތިން ސީޒަންގައި ފެނިގެންދާނެ އެވެ.
މި ސްޕޮންސާޝިޕްގެ އަގު ބާސެލޯނާ އިން ރަސްމީ ސިފައެއްގައި އިން ހާމަކޮށްފައިނުވި ނަމަވެސް، މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މި ސްޕޮންސާޝިޕްގެ ދަށުން ބާސެލޯނާ އަށް ގާތްގަނޑަކަށް 328.6 މިލިއަން ޔޫރޯ (362 މިލިއަން ޑޮލަރު) ކުރިއަށް އޮތް ހަތަރު ސީޒަންގެ ތެރޭގައި ލިބޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ޑީލްގެ ތެރެއިން ބާސެލޯނާގެ ސްޓޭޑިއަމް ނޯ ކޭމްޕްގެ ނަމުގެ ކުރިއަށް ސްޕޮޓިފައި ކިޔުމުގެ ފުރުސަތު އެބައޮތެެވެ.
ބާސެލޯނާގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި މި ވަގުތު ފެނިގެންދަނީ ޖަޕާނުގެ އީ-ކޮމާސް ކުންފުންޏެއް ކަމަށްވާ ރަކުޓެން އެވެ. ބާސާ އިން ރަކުޓެންއާ އެންމެ ފުރަތަމަ ގުޅުނީ 2017 ވަނަ އަހަރެވެ. އަދި 2020 ވަނަ އަހަރު ރަކުޓެންއާއެކު ސްޕޮންސާޝިޕް އާކުރީ މި ސީޒަންގެ ނިޔަލަށެވެ.
ބާސާގެ ދަރަނި ބޮޑެވެފައިވާއިރު، އެ ކްލަބުން ދިޔައީ މެއިން ސްޕޮންސަރެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.
ޓްރާންސްފާ މާކެޓުގައި ބޮޑެތި ކްލަބުތަކާ ވާދަކުރެވޭނެ ކަމަށް ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ޖެނުއަރީ މަހު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ނަން މަޝްހޫރު ތަރިން އެ ކްލަބަށް ގެނެވޭނީ ދަރަނި ކުޑަކޮށްގެންނެވެ.
މި ސީޒަން ފެށިއިރު، ބާސެލޯނާ އަށް ލިބޭ އާމްދަނީގެ 103 އިން ސައްތަ ހަރަދުވަނީ ކުޅުންތެރިންގެ މުސާރައަށެވެ. ސީޒަން ފެށިއިރު އެ ކްލަބު މާލީ ހާލަތު އޮތްގޮތުން، ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓުރެކްޓް ވެސް އާނުކުރެވުނެެވެ. -- އޭއެފްޕީ












