ލަންޑަން (މާޗް 16) - ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަން ރޯމަން އަބްރަމޮވިޗާ ދެކޮޅަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، ކްލަބުގެ ދަތުރުގެ ހަރަދުތައް ކުރުމަށް ވެސް ދަތިވެފައިވާއިރު، އަވޭ މެޗުތަކުގެ ދަތުރުގެ ހަރަދު ކުރާނީ އަމިއްލަ ޖީބުން ކަމަށް އެ ޓީމުގެ ފޯވަޑް ކައި ހަވާޓްޒް ބުނެފި އެވެ.
ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ރަޝިއާގެ ރައީސް ވްލަޑިމިއޭ ޕުޓިންގެ އަރިސް ފަރާތެއް ކަަމަށްވާ އަބްރަމޮވިޗާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.
މި ފިޔަވަޅުތަކާ ގުޅިގެން، ޗެލްސީ މިހާރު ހިންގަމުންދަނީ ހާއްސަ ލައިސަންސްއެއްގެ ދަށުންނެވެ. އަދި ހަރަދުތައް ވަނީ ކޮންޓުރޯލް ކުރަންޖެހިފަ އެވެ. ޗެލްސީ އަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ކްލަބަށް ދީފައިވާ، އޮޕަރޭޝަންސް ހުއްދަ، ލައިސަންސްގައިވާ ގޮތުން އަމިއްލަ ދަނޑުގައި ކުޅޭ މެޗަކަށް ގާތްގަނޑަކަށް 652،000 ޑޮލަރު ހަރަދުކުރެވޭނެ އެވެ. އަދި ރަށުންބޭރުގައި ކުޅޭ މެޗަކަށް ހަރަދުކުރެވޭނީ 26،000 ޑޮލަރެވެ. މިއީ ވެސް އެ ކްލަބުން ކުރަން ޖެހިފައިވާ ކަންކަމަށް ބަލާއިރު، އޮތް ބޮޑު ބޮލުގެ ރިހުމެކެވެ.
"އަހަރެންގެ ދަތުރުތައް އަމިއްލަ ހަރަދުގައި ވެސް ކޮށްފާނަން. އެއީ މައްސަލައެއް ނޫން،" ހަވާޓްޒް ބުންޏެވެ. "އަހަރަމެންނަށް އެންމެ މުހިންމު ކަމަކީ މެޗުތަކަށް ދިއުން. ބަހެއް ނުވަތަ ރޭލެއްގައި އަމިއްލަ ހަރަދުގައި ދާންޖެހުނަސް، އެކަން ކުރާނަން."
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެ ވަނަ ބުރުގައިި މިރޭ ފްރާންސްގެ ޗެމްޕިއަން ލިލްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ދަތުރުކުރިއިރު، ބައެއް ބަދަލުތައް ގެންނަން ޖެހުނު ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވެސް ބުންޏެވެ.
ޓުޗެލް ބުނީ މުހިންމީ "އެންމެ މަތީ ފަންތީގައި ދަތުރު ކުރުމެއް ނޫން" ކަމަށާއި އެކަށީގެންވާ ވަގުތު އޮއްވައި މެޗު ކުޅޭ ސަރަހައްދަކަށް ދެވުން ކަމަށެވެ.
އަބްރަމޮވިޗް، އިނގިރޭސިވިލާތުގައި ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓާލާން އެންގުމުގެ ސަބަބުން ޗެލްސީ އަށް ވަނީ ބޮޑު އަސަރެއްކޮށްފަ އެވެ. ރަޝިއާގެ ރައީސް ޕުޓިންއާ ގާތްގުޅުމެއް އޮންނަ، އަބްރަމޮވިޗާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ އެ ކްލަބު ވިއްކާލުމަށް އޭނާ މަސައްކަތް ފަށާފައި ވަނިކޮށެވެ. ފިޔަވަޅުތަކާ ގުޅިގެން، ޗެލްސީ ވިއްކާލުން ވެސް ވަނީ މަޑުޖެހިފަ އެވެ.
ލިލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. މިރޭ ލިލް ދަނޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.












