ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބާއްވާ ފުލް ސްކޭލް އެމަޖެންސީ ހަރަކާތާ ގުޅިގެން ބްރިޖުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މިިއަދު ބާއްވާ ހަރަކާތާ ގުޅިގެން ބްރިޖު އެއްކޮށް ބަންދު ނުކުރި ނަމަވެސް ޓްރެފިކް ފްލޯ އަށް ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ބަދަލު ގެންނާނެ އެވެ. މި ވަގުތުތަކުގައި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެމްއޭސީއެލް އިން ބާއްވާ މި ހަރަކާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ފުލް ސްކޭލް އެކްސަސައިޒެވެ.
މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އާ ހަމަޔަށް މި ހަރަކާތާ ގުޅިގެން އެއާޕޯޓުގެ ރަންވޭ ވެސް ބަންދުކުރާނެ އެވެ. ނަމަވެސް، ޗެކް-އިން ކުރުމާއި ސީޕްލޭން އޮޕަރޭޝަންތައް ކުރިޔަށްދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ކުއްލި ހާލަތުގައި އެއާޕޯޓުން ކޮންމެހެން އަމަލުކުރަން ޖެހޭ ގޮތާ ގުޅޭގޮތުން ކުރިޔަށް ގެންދާ މި ހަރަކާތުގައި 30 އިދާރާއަކުން 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.














