ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ދުނިޔޭގެ އިންޑޯ މުބާރާތުގައި ވާދަކުރަން މިރޭ ސާބިއާ އަށް ފުރައިފި އެވެ.
ސާބިއާގެ ބެލްގްރޭޑްގައި ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އާދިއްތަ ދުވަހުގެ ނިޔަލަށް ބެލްގްރޭޑްގައި ކުރިއަށްދާ މި މުބާރާތުގައި 680 އެތުލީޓުން ވާދަކުރާނެ އެެވެ. ސާއިދުއާ އެކު އިންޑޯ ޗެމްޕިއަންޝިޕަށް ކޯޗަކަށް ދިޔައީ އަހުމަދު ފާއިލް އެވެ.
ސާއިދު، މުބާރާތަށް ފުރަން ޖެހުނީ އަންނަ ބުރާސްފަތި ދުވަހުގެރޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓުންގެ ގަދަ ތިން ނޮމިނޭޝަނުގެ ތެރޭގައި ހިމެނިފައިވަނިކޮށެވެ. އެންމެ މޮޅު ފިރިހެން އެތުލީޓުންގެ މަގާމަށް ވާދަކުރާ ތިން އެތުލީޓުންނަކީ ސާއިދުގެ އިތުރުުން އިބާދުﷲ އާދަމް އާއި ހުސެއިން ރިޒާ (ކުޑަރިޒާ) އެވެ.
ސާބިއާ އަށް ފުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކޯޗު ފާއިލްއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ސާއިދު ބުނެފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކުޅިވަރު އެވޯޑް ހަފްލާގައި ބައިވެރިނުވެވޭތީ ހިތާމަކުރާ ކަމަށެވެ.
"އަބަދުވެސް ލިބޭ ފަހުރެއް އެއީ ދުނިޔޭގެ ލެވަލްގައި ރާއްޖެ ތަމްސީލްކުރެވުމަކީ،" ސާއިދު ބުންޏެވެ.
މިދިޔަ އަހަރު ނިންމާލިިއިރު، ސާއިދު ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ ގައުމީ އެތުލެޓިކްސް މުބާރާތާއި ގައުމީ ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު، 2019 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ އެއް ވަނަ ހޯދީ އިންޑިވިޖުއަލް ތިން ރަން މެޑެއްޔާއި ރިލޭ ބައިން ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދައިގެންނެވެ. އޭނާ އިންޑިވިޖުއަލް ބައިން ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުންނެވެ. އަދި ރިލޭގެ ހަތަރެއް ގުނަ 400 މީޓަރުން ސިފައިންގެ ޓީމާ އެކު ރަން މެޑަލް ހޯދިއިރު ހަތަރެއް ގުނަ 100 މީޓަރުން ލިބުނީ ރިހި މެޑެއްޔެކެވެ. ސާއިދު، އެންމެ ފަހުން މިދިޔަ ނޮވެމްބަރު މަހު ހަތަރު ރަން މެޑަލާއި އެއް ލޯ މެޑަލް އެވެ. ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުގެ އިތުރުން 4 ގުނަ 400 ރިލޭ އިވެންޓުންނެވެ. އަދި ލޯ މެޑަލް ލިބުނީ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިންނެވެ. މި ބައިން ރަން މެޑަލް ހޯދީ ސާއިދު ސްޕޯޓްސް އެވެ. ރިހި މެޑަލް ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ.
ސާއިދު ފުރަތަމަ ފަހަރަށް ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ހޯދީ ތިން އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ. އެއީ 100، 200 އަދި 400 މީޓަރު ދުވުމުންނެވެ.











