ލަންޑަން (މާޗް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސްއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީ އަށް ގެއްލިއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެ، ސިޓީ އަށް އަލުން ލީގުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑުނަގަން ލިބުނު ފުރުސަތު ގެއްލި، މި ވަގުތު އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 29 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ބުދަ ދުވަހުގެރޭ އާސެނަލް އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ ސިޓީއާ އެއް ޕޮއިންޓް ކައިރިއަށް ޖެހިލާނެ އެވެ.
ކްރިސްޓަލް ޕެލެސްގެ ދަނޑު ސެލްހާސްޓް ޕާކުގައި ރޭ ކުޅުނު މެޗުގައި 74 ޕަސެންޓް ބޯޅަ ހިފަހައްޓައިގެން ކުޅެ، 18 ހަމަލާ ސިޓީން އުފެއްދި ނަމަވެސް އޭގެއިން އެންމެ ބޯޅައެއް ވެސް ގޯލަކަށް ހަދައިނުލެވުނެވެ. ސިޓީގެ ފިލް ފޯޑެން އާއި ރިޔާދު މާރޭޒް އަދި ކެވިން ޑިބްރޭނާ ޖެހި ބޯޅަތައް ޕެލެސްގެ ގޯލުގައި ހުރި ވިސެންޓޭ ގައީޓާ ވަނީ މަތަކޮށްފަ އެވެ. އެންމެ ރަނގަޅު ފުރުސަތަކަށް ދެ ވަނަ ހާފުގައި ޑި ބްރޭނާ ނެގި ހިލޭ ޖެހުމަކުން އައިމެރިކް ލަޕޯޓް ބޮލުން ޖަހަން އެރި ނަމަވެސް އެންމެ ރަނގަޅަށް ފޮނުވާނުލެވި، ފަސޭހައިން ކީޕަރު ގައީޓާ ވަނީ ބޯޅަ އަތަށް ނަގައިފަ އެވެ.
މި މެޗުގައި ޕެލެސް އިން ވެސް ކޮންމެ ވެސް ވަރަކަށް ގޯލެއް ޖެހޭތޯ ފުރުސަތު ތަނަވަސްކުރި އެވެ. އެ ގޮތުން ވިލްފްރިއެޑް ޒަހާ އާއި ކޮނާ ގެލަގާ އަދި އޮޑްސަން އެޑޮއާޑް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ރޭގެ މެޗު އެއްވަރުވިއިރު، ސިޓީ އަށް މި ފަހަރު ލީގުގައި ޕެލެސް ކޮޅަށް ދެ މެޗުން ލަނޑެއް ނުޖެހުނެވެ. ސިޓީ ދަނޑުގައި ޕެލެސް ވަނީ 2-0 އިން މޮޅުވެފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލަނޑެއް ޖެހުން ނޫން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށާއި ފުޓްބޯޅައިގައި ބައެއް ދުވަސްތަކަކީ ކިތަންމެ ރަނގަޅަށް ކުޅުނު ކަމުގައި ވިޔަސް ގޯލެއްގެ ނަސީބު ނުލިބޭ ދުވަސްތައް ކަމަށެވެ.
"ތެދެއް، އަހަރެން ބޭނުމީ މޮޅުވާން. އެކަމަކު، މި ނަތީޖާ ވެސް ގޯހެއް. ނޫން މި ދަނޑުގެ ވިނަގަނޑު ވެސް މި މެޗުގައި ހުރީ އެންމެ ރަނގަޅަށޭ ބުނަން އުނދަގޫ،" ގާޑިއޯލާ ބުންޏެވެ.
ޕެލެސްގެ ކޯޗު ޕެޓްރިކް ވިއޭރާ ބުނީ މެޗުގައި ބޭނުންވި ގޮތަށް ހުރިހާ ކަމެއް ދިޔަނަމަ މިއީ ޕެލެސް އަށް މޮޅުވެވޭނެ މެޗެއް ކަމަށާއި އެކަމަކު، އެއްވަރުވެގެން މި ލިބުނު ޕޮއިންޓަކީ ވެސް މުހިންމު އެއްޗެއް ކަމަށެވެ.












