ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިއާއިން ޗައިނާގެ އަސްކަރީ އެހީއަށް އެދިފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.
އެމެރިކާގެ އޮފިޝަލުން ނޫސްތަކަށް ބުނީ ރަޝިއާއާ ގާތް ގުޅުމެއް އޮންނަ ޗައިނާގެ އަސްކަރީ އެހީ އާއި އެއްބާރުލުމަށް އެދިފައިވާ ކަމަށެވެ.
އޭގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ޗައިނާއިން އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ރަޝިއާއިން އެދިފައިވާ ކަމަށް އޮފިޝަލުންނާ ހަވާލަދީ ނިއު ޔޯކް ޓައިމްސް ނޫހުން ބުންޏެވެ.
އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވީ ރަޝިއާއިން އެއްވެސް ކަމަކަށް އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޗައިނާ އާއި އެމެރިކާގެ އިސްވެރިންގެ ވަފުދެއް ހޯމަ ދުވަހު އިޓަލީގެ ރޯމްގައި ބައްދަލުވުމެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. މަޝްވަރާ ކުރާނެ އެންމެ މުހިއްމު މައުޟޫއަކީ ޔޫކްރެއިން ހަނގުރާމަ އެވެ.
ހޯމަ ދުވަހުގެ ބައްދަލުވުން ކުރިއަށް ދާނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން އަދި ޗައިނާ ކޮމިއުނިސްޓް ޕާޓީގެ އިސް ޑިޕްލޮމެޓް ޔާންގް ޖިއެޗީއާ އެކު އެވެ.
ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ޔޫކްރެއިންގައި ކުރާ ހަނގުރާމައިން ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތަށް ހުރި ނުރައްކާތަކާއި، ދެ ގައުމުގެ މެދުގައި އޮތް ވާދަވެރިކަން މެނޭޖް ކުރުމާ ގުޅޭ ގޮތުންނެވެ.
ޗައިނާއިން މިހާތަނަށް ހަނގުރާމައާ ގުޅިގެން ރަޝިއާ ކުށްވެރިކޮށްފައި ނުވާއިރު، ނޭޓޯއަށް ތުހުމަތު ކުރުމަށް ފަހު މައްސަލަ ގޯސްކުރި ކަމަށް ބުންޏެވެ.
މިދިޔަ ހަފްތާގައި ޗައިނާއިން ބުނީ ރަޝިއާއާ އެކު އޮތް އެކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ހަނގުރާމަ ނިންމުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން ޝައުގުވެރިވާ ކަމަށެވެ.










