ބާސެލޯނާ (މާޗް 14) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 4-0 އިން އޮސަސޫނާ ބަލިކޮށް ލީގުގައި ޖެހިޖެހިގެން ހަތަރު ވަނަ މޮޅު ހޯދައި، އަލުން ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި 27 މެޗުން 63 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު، ދެ ވަނައިގައި އޮތީ 28 މެޗުން 56 ޕޮއިންޓާ އެކު ރޭ ރަޔޯ ވަޔެކާނޯއާ 1-1 އިން އެއްވަރުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ބާސެލޯނާ ތިން ވަނައިގައި އޮތީ 27 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަމައެ އަދަދަށް ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 28 މެޗު ކުޅެގެންނެވެ.
ބާސެލޯނާ އިން ލީޑުނެގީ 14 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. މިއީ އޮސަސޫނާގެ ނަޗޯ ވިޑާލް ބާސެލޯނާގެ ގަވީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޭގެ ހަ މިނިޓް ފަހުން އޮސްމާން ޑެމްބެލޭ ދިން މޮޅު ބޯޅައަކުން އޭރިއާތެރެއިން ފެރާން ޓޮރޭޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާއާ ގުޅުނު ފެރާން ޓޮރޭޒް ބާސެލޯނާ އަށް ޖަހައިދިން ފަސް ވަނަ ގޯލެވެ.
މެޗުގެ 26 ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ވެސް ޖެނުއަރީ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ކުޅުންތެރިއެކެވެ. މި ގޯލު ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ގޯލު ކުރިމައްޗަށް ޑެމްބެލޭ ހުރަސްކޮށްލި ބޯޅަ އޮބާމަޔަން ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.
ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ރިކުއީ ޕުޖް އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ރިކުއީ ޕުޖް ޖެހި ބޯޅަ އޮސަސޫނާ ކީޕަރު ސާޖިއޯ ހެރޭރާ މަތަކުރިއިރު، ރީބައުންސް ބޯޅަ ހޯދައި، ރިކުރީ ޕުޖް މި ގޯލު ޖެހީ ހެރޭރާ ކައިރިން ނައްޓައިފަ އެވެ.












