ލަންޑަން (މާޗް 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން އުނދަގޫ ފައްތަރެއްގައި އޮތް ޗެލްސީން ފަހު ވަގުތު ގޯލު ޖަހައި 1-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވިއިރު، ލެސްޓާ ސިޓީ 2-0 އިން ބަލިކޮށް އާސެނަލް އަލުން ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން 3-2 އިން ޓޮޓެންހަމް ބަލިކޮށް ހަތަރު ވަނަ އަށް އެރި އެވެ. އޭގެ ސައުވީސް ގަޑިއިރު ފަހުން އާސެނަލް އަލުން ހަތަރަކަށް އެރީ 26 މެޗުން 51 ޕޮއިންޓާ އެކު އެވެ. ޗެލްސީ ތިނެއްގައި އޮތީ 28 މެޗުން 59 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 29 މެޗުން 50 ޕޮއިންޓާ އެކު އެވެ.
ޗެލްސީގެ ވެރިޔަކަށް ހުރި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް އަމާޒުކޮށް އިނގިރޭސި ސަރުކާރުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޗެލްސީ އަށް ވެސް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ. އަބްރަމޮވިޗަށް ފިޔަވަޅު އަޅަނީ ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ކުރާ ހަނގުރާމައިގެ ސަބަބުން ރަޝިއާ އަށް އިނގިރޭސި އަޅާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުން ނިއުކާސަލް އަތުން ޗެލްސީ މޮޅުވީ 89 ވަނަ މިނިޓްގައި ކައި ހަވާޓްޒް ޖެހި ގޯލުންނެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ބޮލުން ޖަހަން އެރި ބޯޅައެއްގައި ނިއުކާސަލްގެ ޑެން ބާން އަށް ހަވާޓްޒް އުޅަބޮށިން ހަމަލާދިން ކަމަށް ބަލައި، އޭނާ އަށް ރަތް ކާޑެއް ދައްކަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ރީނދޫ ކާޑެއް ރަނގަޅަށެވެ.

ހަވާޓްޒް (ކ) އާއި ބާން ބޯޅައިގައި ޖަހަން އެރުމުގެ ތެރޭގައި އޮޅަބޮށިން ޖެހެނީ.
އެ ފައުލަށް ފަހު ދަނޑުގައި ދެމިހުރެވުމުގެ ތަފާތު ހަވާޓްޒް ވަނީ ރަނގަޅަށް ދައްކައިފަ އެވެ. މެޗު ނިމެން މިނިޓަކަށް ވެފައި ހުއްޓައި، ޖޯޖީނިއޯ މަތިން ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ހަވާޓްޒް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލެސްޓާ ބަލިކޮށް އާސެނަލުން ޖެހިޖެހިގެން ފަސް ވަނަ މޮޅު ލީގުގައި ހޯދިއިރު، އެ ޓީމުން މިރޭ ލީޑުނެގީ 11 ވަނަ މިނިޓްގައި ތޯމަސް ޕާޓޭ ޖެހި ގޯލުންނެވެ. މިއީ ގަބްރިއެލް މާޓިނެލީ ނެގި ކޯނަރަކުން ޕާޓޭ ބޮލުން ޖެހި ގޯލެކެވެ. އާސެނަލްގެ ދެ ވަަނަ ގޯލު ޖެހީ މެޗުގެ 59 ވަނަ މިނިޓްގައި އަލެކްސަންޑަ ލަކަޒޭޓް އެވެ. މިއީ ލެސްޓާގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީއެކެވެ.
މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެވަޓަން ދަނޑުގައި ވުލްވްސް ވަނީ 1-0 އިން މޮޅުވެފަ އެވެ. ލީޑްސް ޔުނައިޓެޑުން 2-1 އިން ނޮރިޗް ސިޓީ ބަލިކުރިއިރު، ސައުތެމްޓަން ދަނޑުގައި ވަޓްފޯޑް 2-1 އިން މޮޅުވި އެވެ. ވެސްޓް ހޭމް އިން ވަނީ 2-1 އިން އެސްޓަން ވިލާ އަތުން މޮޅުވެފަ އެވެ.












