އެމެރިކާގެ އިސް އޮފިޝަލުންގެ ވަފުދަކާއި ޗައިނާގެ އޮފިޝަލަކު ހޯމަ ދުވަހު އިޓަލީގެ ރޯމްގައި ބައްދަލުކޮށް، ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅޭ މަޝްވަރާތައް ކުރަން ތައްޔާރުވެއްޖެ އެވެ.
ވައިޓް ހައުސްއިން ބުނެފައި ވަނީ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ފުރުސަތު ޗައިނާއިން ރަޝިއާއަށް ފަހިކޮށްދީފި ނަމަ ނަތީޖާ "ހިތި" ވާނެ ކަމަށެވެ.
ހޯމަ ދުވަހުގެ ބައްދަލުވުން ކުރިއަށް ދާނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން އަދި ޗައިނާ ކޮމިއުނިސްޓް ޕާޓީގެ އިސް ޑިޕްލޮމެޓް ޔާންގް ޖިއެޗީއާ އެކު އެވެ.
ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ޔޫކްރެއިންގައި ކުރާ ހަނގުރާމައިން ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތަށް ހުރި ނުރައްކާތަކާއި، ދެ ގައުމުގެ މެދުގައި އޮތް ވާދަވެރިކަން މެނޭޖް ކުރުމާ ގުޅޭ ގޮތުންނެވެ.
ޗައިނާއިން މިހާތަނަށް ހަނގުރާމައާ ގުޅިގެން ރަޝިއާ ކުށްވެރިކޮށްފައި ނުވާއިރު، ނޭޓޯއަށް ތުހުމަތު ކުރުމަށް ފަހު މައްސަލަ ގޯސްކުރި ކަމަށް ބުންޏެވެ.
މިދިޔަ ހަފްތާގައި ޗައިނާއިން ބުނީ ރަޝިއާއާ އެކު އޮތް އެކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ހަނގުރާމަ ނިންމުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން ޝައުގުވެރިވާ ކަމަށެވެ.










