މިއުނިކް (މާޗް 13) - ޖަރުމަނު ލީގުގައި ރޭ ހޮފެންހައިމް އިން 1-1 އިން ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ އެއްވަރުކޮށްފި އެވެ.
ބަޔާން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާނަށް 26 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑްގެ އޮތީ 24 މެޗުން 50 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ހޮފެންހައިމަށް މެޗުގެ 32 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ އެ ޓީމުގެ ކެޕްޓަން އޮސްޓްރިއާގެ ތަރި، ކްރިސްޓޮފް ބޯމްގާޓްނާ އެވެ. ޑޭވިޑް ރައުމް އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ބޯމްގާޓްނާ ވެއްޓިގެންފައި ވޮލީ އަކުން ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ.
ބަޔާނުން ވަނީ ފުރަތަމަ ހާގުގެ އިތުރު ވަގުތުގައި ރޮބަޓް ލެވަންޑޯސްކީ ކޯނަރަކުން ބޮލުން ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. މިއީ މި ފަހަރު ލީގުގައި ލެވަންޑޯސްކީ ޖެހި 29 ވަނަ ގޯލެވެ. ދެ ވަނަ ހާފުގައި ބަޔާނަށް ލީޑުނަގައިދޭން ލެރޯއި ސާނޭ ޖެހި ބޯޅަ ހޮފެންހައިމްގެ ކީޕަރު އޮލިވާ ބައުމަން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މުޅިން ހުސްކޮށް ބޯޅަ ހިފައިގެންވަދެ، ސާޖް ގްނަބްރީ ޖެހި ބޯޅަ ބޭރުވީ ގޯލު ދަނޑީގައި ޖެހިފަ އެވެ.
ބަޔާނުން މި މެޗުގައި ޖެހި ތިން ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، މެޗަށް ފަހު އެ ޓީމުގެ ކެޕްޓަން، ގޯލްކީޕަރު މެނުއަލް ނޯޔާ ބުނީ މިއީ ނަސީބު ދަށް ދުވަހެއް ކަމަށެވެ.
ކުރިން ހޮފެންހައިމަށް ނުވަ އަހަރު ކޯޗުކޮށްދިނުމަށް ފަހު މި ވަގުތު ބަޔާންގެ ކޯޗުކަމާ ހަވާލުވެ، ހުރި ހޫލިއަން ނާގަލްސްމަން ބުނީ ކުޅުމަށް ބަލާއިރު، މާ ބޮޑު ޝަކުވާތަކެއް ކުރެެވެން ނެތް ކަމަށާއި ގޯލުތަކެއް ޖެހި ނަަމަވެސް ހަނި ފަރަގަކުން އޮފްސައިޑް ކަމަށް ނިންމާފައިވާތީ މިއީ ކަންކަން ރަނގަޅަށް ނުދާ ދުވަހެއްކަން މެޗުގެ ތެރެއިން ވެސް އެނގުނު ކަމަށެވެ.












