ސިފައިންގެ ޓްރެއިނިން ފުރިހަމަ ކުރަމުން ދިޔަ ތިން ކުއްޖެއްގެ ހާލު ދެރަވާން މެދުވެރި ސަބަބުތައް ދެނެގަތުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި ތަހުގީގު ފަށައިފި އެވެ.
ޅ. މާފިލާފުށީގައި ސިފައިންގެ ޓްރެއިނިން ހަދަމުން ދަނިކޮށް މީގެ ފަސް ދުވަސް ކުރިން އުމުރުން 19 އަހަރުގެ ޒުވާނެއް ނިޔާވެފައިވާއިރު، ދެ ޒުވާނެއްގެ ހާލު ދެރަވެގެން ރޭ ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ ގެނައި ދެ މީހުންގެ ތެރެއިން އެކަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާއިރު އަނެކަކުގެ ހާލު ސީރިއެސް ކަމުން ފަރުވާ ދެމުން ދަނީ އައިސިޔޫގަ އެވެ. އެއީ، އެ އިދާރާއިން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެއްކަން ފާހަގަކުރި އެވެ.
"ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ އެކި ދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތުން ވަނީ ކޮމިޓީއެއް އެކުލަވާލެވި، މަސައްކަތް ފެށިފައި، މިކަންކަމާއި ގުޅޭގޮތުން އިތުރަށް އެއްޗެއް ދަންނަވަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން،" ސިފައިންގެ ތަރުޖަމާނު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވި އެވެ.
އެއިދާރާއިން ބުނީ އަސްކަރީ ތަމްރީނުތައް ބުރަވާނެ ކަމަށާއި، އެކަމުގެ ތެރޭގައި ރިސްކުތައް ހިމެނޭނެ ކަމަށެވެ. އަދި އެ ތަމްރީނުތަކަށް މީހުން ނެގުމުގެ ކުރިން އެ މީހުންގެ ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހަދާކަން އެމްއެންޑީއެފުން ފާހަގަކުރި އެވެ.














