ހެންވޭރު ވެލާނާގެ އަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގެ މުހިންމު ސަފުހާ އެކެވެ. ވެލާނާގޭ އިބްރާހީމް ދީދީ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ނާއިބު ރައީސެވެ. ވެލާނާގޭ އިބްރާހީމް ނާސިރަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އޭގެ ކުރިން ބޮޑު ވަޒީރުކަން ކުރެއްވި އެވެ. ދިވެހިރާއްޖެ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތުމަށްފަހު މިނިވަންކަން ލިބިގެން ދިޔައީ އިބްރާހީމް ނާސިރު ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ އެ މަސައްކަތްޕުޅުގައި ދެން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ދަންނަވާ ކުޑައިމީސްބަހެއް ނޫނެވެ.
ސުލްތާން މުހައްމަދު ފަރީދުލްއައްވަލުގެ ސިއްކަ ޖައްސަވައި އިބްރާހީމް ނާސިރުއަށް އޭޕްރިލް 1، 1959 ދުވަހު ފޮނުއްވި ފަތްކޮޅުގައި އޮތީ؛ 'އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ހިނގަމުންދާ މައްސަލަތަކާއި، އައްޑޫ ހުވަދޫ، ފުވައްމުލަކު، މި ތިންއަތޮޅުގައި މިހާރު ހިނގާ ހުރިހާ މައްސަލަތަކެއް ނިންމައި ހަމަޖެއްސުމަށް ކުރަންވީ ހުރިހާ ކަމެއްގެ އިހުތިޔާރު، ވަޒީރުލްއައުޒަމް، ސ.ދ. އިބްރާހީމް ނާސިރުއަށް ދީފީމެވެ' މިހެންނެވެ. މުޅި ދިވެހި ދައުލަތާއި ސަރުކާރުގެ ނަމުގައި އެފަދަ ޒިންމާއެއް އުފުއްލެވުމަށް، ވަފުދެއްވެސް ކަނޑައެޅުއްވުމެއް ނެތި، ހަމަ އެންމެ އިންސާނަކަށް އެކަމުގެ ހުރިހާ އިހުތިޔާރަކާއި ބާރެއް ދޫކޮށްލައްވާނީ ޝައްކެއްވެސް ނެތް ގޮތުގައި އެމީހަކީ ފިސާރި މީހަކަށްވީމަ އެވެ.
އިބްރާހީމް ނާސިރުގެ ހިދުމަތުގެ ސަފުހާތައް
ވެލާނާގޭ އިބްރާހީމް ނާސިރުއޭ ބުނީމާ އަޅުގަނޑުގެ ސިނކުޑިން ކުރަހާ ފޮޓޯއިން ފެންނަނީ ޖެހިލުންކުޑަ، ވިސްނުންތެރި، މުރާލި އަދި ވަރަށް ސީރިއަސް މިޒާޖެއްގެ ވަރުގަދަ ލީޑަރެކެވެ. ނާސިރު އަރިހުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަތިއްބެވި އެވެ. އަޅުގަނޑަށް ނާސިރާ ބައްދަލުވުމުގެ ނަސީބު ނުލިބުނަސް، އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި، އެކި ބޭފުޅުން ދޫކުރެއްވި ލިޔުންތައް އެބަ ފެނެ އެވެ. އެ ހުރިހާ ކަމަކަށް އެކުގައި ބެލީމާ، އިބްރާހީމް ނާސިރަކީ ޒަމާނީ ރާއްޖޭގެ ބިންގާ އެޅުއްވި ލީޑަރު ކަމުގައި ނިންމުމަކީ އެހެން ބޭފުޅަކާމެދު ކުރެވޭނޭ ބޭއިންސާފެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
އިބްރާހީމް ނާސިރުގެ ހިދުމަތުގެ ރެކޯޑު ކިޔައި ކޮޅުން ނުލާނެ އެވެ. އެއީ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވި ބަތަލެވެ. މިގައުމު މިދެކޭ ތަރައްގީގެ ބިންގާ އަޅައިދެއްވީ އިބްރާހީމް ނާސިރެވެ. ކޮންމެ ހުކުރަކަށް ހުތުބާއެއް ލިޔުއްވާ ރަށްރަށަށް ފޮނުއްވަވައި ތާޅަފިލިން ބަންގިގޮވަންޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވި އިބްރާހީމް ނާސިރެވެ. ބޭރުން ގާރީން ގެންނަވައި ތަޖުވީދުމަގުން ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ކޯސްތައް ކުރިޔަށް ގެންދެވި އެވެ. އެއީ ދީނީ ހިދުމަތްތަކެވެ. ރަށުކޯޓުތަކާއި އަތޮޅުކޯޓުތައް އުފައްދަވާ ކޯޓުތަކަށް ގާޒީން ލައްވަވައި އެކަމުގެ ތަމްރީނުތައް ދިނުމުގެ އިންތިޒާމުތައް ފުޅާކުރެއްވި އެވެ.
އިނގިރޭސީންނަށް ގޮންޖައްސަވައި ދިވެހި ރައްޔިތުންގެ އެއްބާރުލުމާއެކު އެޅުއްވި އެއަރޕޯޓަކީވެސް ނަމޫނާ މަސައްކަތްޕުޅެކެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި އެވެ. ރާއްޖޭގެ ޝިޕިންގލައިން އަކީ ވެސް ނާސިރުގެ ހިދުމަތެވެ. އަތޮޅު ފިހާރަތައް ހައްދަވައި، މާލެއިން އަތޮޅުތަކަށް ބިން ދެއްވައި، އެ ބިމުން ހޯދޭ ނަފާ އަތޮޅުތަކާ ހިއްސާ ކުރެއްވި އެވެ. ފައިސާއިން އަގު ނުކުރެވޭނޭ މިފަދަ ކިތަންމެ ހިދުމަތެކެވެ. ޝުކުރާއި ތައުރީފް ހައްގެވެ.
ހިޔާނާތުގެ ތުހުމަތުތަކާއި، ހައިކޯޓުގައި ކުރިއަށް ގެންދެވުނު ޝަރީއަތް
ވެރިކަމުގެ ދައުރު ނިމުނުއިރު އިބްރާހީމް ނާސިރުގެ ވެރިކަމާމެދުވެސް ރައްޔިތުންގެ މެދުގައި އޮތީ ނުތަނަވަސްކަން އުފެދިފަ އެވެ. ދިވެހި ދައުލަތަށް ހިޔާނާތްތެރިވެއްޖެ ކަމުގެ އެތައް ތުހުމަތެއް ނާސިރާމެދު އޮތީ ކުރެވިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭ ހައިކޯޓުގައި ޝަރީއަތް ހިންގުނެވެ.
ހައިކޯޓުގައި މައްސަލަ ބެލީ އެކޯޓުގެ 1984 ވަނަ އަހަރުގެ 3 ނަންބަރު ގަޒިއްޔާއިންނެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖޫން 25، 1984 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީއަކުންނެވެ. އެއީ އޭޖީ އޮފީހުގެ 1984 ވަނަ އަހަރުގެ 22 ނަންބަރު ސިޓީ އެވެ. އެ މައްސަލަ ހައިކޯޓުން ނިންމީ އޭގެ ދެ އަހަރެއްހައި ދުވަސް ފަހުން ޖެނުއަރީ 30، 1986 ގަ އެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީއާއި، ފަނޑިޔާރު އަހުމަދު ހަމީދު ފަހުމީއާއި، ފަނޑިޔާރު އިބްރާހީމް ނަސީރު އެވެ. ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓަރީ އަބްދުﷲ މުފީދުއާއި، އެޓަރނީ ޖެނެރަލްގެ ސީނިއާ އެހީތެރިޔާ މުހައްމަދު އިބްރާހީމް މަނިކު އެވެ.
ދައުލަތުގެ ދައުވާގައި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ މައްޗަށް 10 ހިޔާނާތެއްގެ ދައުވާ ކުރާ ކަމަށް ވިދާޅުވި އެވެ.
ދައުވާތައް
ދައުލަތުގެ އެކި އެކައުންޓްތަކުން އަމިއްލަފުޅު އެކައުންޓްތަކަށާއި، ގާތް ބޭފުޅުންގެ އެކައުންޓްތަކަށް ޖަމާކުރައްވާފައިވާ ފައިސާއާ ގުޅޭ ޖުމުލަ 10 ދައުވާއެއް އިބްރާހީމް ނާސިރުގެ މައްޗަށް އުފުލުނެވެ. އޭގެ ތެރެއިން ބައެއް ދައުވާ ތަކަކީ؛
- ހަބީބް ބޭންކްގައި ހުޅުވާފައި އޮންނަ ދިވެހި ސަރުކާރުގެ އެކައުންޓަކުން (މުލީއާގެ ނަންބަރު 41 އެކައުންޓް) ބޭންކް އޮފް އެމެރިކާގައި 'އެޗް.އީ. އިބްރާހީމް ނާސިރު، ދަ ޕްރެސިޑެންޓް، މުލިއާގެ، މާލެ' ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް 2،230،079.13 (ދެމިލިއަން ދެލައްކަ ތިރީސްހާސް ހަތްދިހަ ނުވައެއް ޕޮއިންޓް އެކެއް ތިނެއް އެމެރިކާ ޑޮލަރު) ބަދަލު ކޮށްފައިވާތީ ކުރާ ދައުވާ. މިކަން ކުރެއްވީ ޖޫން 14، 1977 ގަ އެވެ.
- ހަބީބް ބޭންކްގައި ހުޅުވާފައި އޮންނަ ދިވެހި ސަރުކާރުގެ އެކައުންޓަކުން (މުލީއާގެ ނަންބަރު 41 އެކައުންޓް) ބޭންކް އޮފް އެމެރިކާގައި 'އެޗް.އީ. އިބްރާހީމް ނާސިރު، ދަ ޕްރެސިޑެންޓް، މުލިއާގެ، މާލެ' ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް 89،220.32 (އަށްޑިހަ ނުވަހާސް ދުއިސައްތަ ވިހި ޕޮއިންޓް ތިނެއް ދޭއް އެމެރިކާ ޑޮލަރު) ބަދަލުކޮށްފައިވާތީ ކުރާ ދައުވާ. މި ފައިދސާ ބަދަލު ކުރެއްވީ ވެސް 14، 1977 ގަ އެވެ.
- ހަބީބް ބޭންކްގައި ހުޅުވާފައި އޮންނަ ދިވެހި ސަރުކާރުގެ އެކައުންޓަކުން (މުލީއާގެ ނަންބަރު 18 އެކައުންޓް) 250،000.00 (ދެލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) ހަބީބް ބޭންކް ލަންޑަންގައި އިބްރާހީމް ނާސިރުގެ އަމިއްލަ ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް ބަދަލުކުރެއްވުން. މިއީ އޭޕްރިލް 23، 1978 ގައި ހިންގާފައިވާ މުއާމަލާތެކެވެ.
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން ހަބީބް ބޭންކްގައި ހުޅުވާފައި އޮންނަ އެ ކުންފުނީގެ 44 ނަންބަރު އެކައުންޓުން 6945.95 (ހަހާސް ނުވަ ސަތޭކަ ސާޅީސް ފަހެއް ޕޮއިންޓް ނުވައެއް ފަހެއް) ރުފިޔާ އަމިއްލަފުޅު އެކައުންޓަކަށް ބަދަލުކުރައްވާފައިވާތީ ކުރާ ދައުވާ. މި މުއާމަލާތް ހިނގީ މާޗް 21، 1978 ގަ އެވެ.
- އެސް.ޓީ.އޯ އެކައުންޓްސް ޑިވިޝަންގައި އޮންނަ މުލީއާގެ 235 ނަންބަރު އެކައުންޓުގެ ނަންބަރު 44406 ޗެކުން އަހުމަދު ނަސީމް އަށް 100،669.53 (އެއްލައްކަ ހަސަތޭކަ ފަސްދޮޅަސް ނުވައެއް ޕޮއިންޓް ފަހެއް ތިނެއް ރުފިޔާ) ދޫކޮށްފައިވާތީ ކުރާ ދައުވާ. މި މުއާމަލާތް ހިނގީ ފެބުރުއަރީ 16 1978 ގަ އެވެ.
- ނާސިރުގެ ރައީސްކަމުގެ ދައުރު 11 ނޮވެމްބަރު 1978 ގައި ނިމުމަށްފަހު ނާސިރު އަތްޕުޅުގައި ހުރި ސަރުކާރުގެ މުދާތަކެއް، ސަރުކާރާ ހަވާލުނުކޮށް ސަރުކާރުގެ ނީލަން ފިހާރައަށް ފޮނުއްވައިގެން އެމުދާތައް ވިއްކަވައިގެން ލިބުނު 44،675 (ސާޅީސް ހަތަރުހާސް ހަސަތޭކަ ހަތްދިހަ ފަހެއް ރުފިޔާ) އަމިއްލަފުޅަށް ބޭނުންކުރެއްވީތީ ކުރާ ދައުވާ، މިކަން ކުރައްވާފައިވަނީ ނޮވެމްބަރު 14، 1978 އިން 27 ނޮވެމްބަރު 1978 އާ ދެމެދު ކަމަށް ދައުލަތުގެ ދައުވާގައި ބުނެ އެވެ.
މި ދެންނެވުނު ބާވަތްތަކުގެ ޖުމުލަ 10 ދައުވާއެއް ދައުލަތުން އިބްރާހީމް ނާސިރުގެ މައްޗަށް ކުރި އެވެ. އެ ދައުވާތަކުގައި ބުނެފައިވާ ގޮތުން، ދައުލަތުގެ ފައިސާއިން ޖުމުލަ 11,108,730.75 (އެގާރަ މިލިއަން އެއްލައްކަ އަށްހާސް ހަތްސަތޭކަ ތިރީސް ޕޮއިންޓް ހަތެއް ފަހެއް) ރުފިޔާއާއި، 2،570،088.56 (ދެމިލިއަން ފަސް ލައްކަ ހަތްދިހަހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ހައެއް ޑޮލަރު) އަށް ރައީސް އިބްރާހީމް ނާސިރު ހިޔާނާތްތެރިވެފައި ވެއެވެ.
މި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ދިވެހި ދައުލަތުގެ އެކައުންޓް ސްޓޭޓްމަންޓްތަކެވެ. އޭގެ އިތުރުން ފައިސާ ޖަމާވެފައިވާކަން ކަށަވަރުކޮށްދޭން ބޭންކް އޮފް އެމެރިކާގެ ސިޓީއެއް ވެސް ދައުލަތުން ހުށަހެޅި އެވެ. ބޭންކް އޮފް އެމެރިކާގެ ސިޓީގައި ބުނެފައި އޮތީ އެ ބޭންކުގައި އޮންނަނީ ދިވެހި ސަރުކާރުގެ އެކައުންޓެއް ނޫންކަމަށާއި އިބްރާހީމް ނާސިރުގެ އަމިއްލަފުޅު އެކައުންޓެއް ކަމަށެވެ. އެކައުންޓް ސްޓޭޓްމަންޓްތަކާއި ސިޓީން އެނގި ހާމަވާން އޮތް ހަގީގަތަކީ ދައުލަތުގެ ދައުވާގައި ބުނާ ފަދައިން އެކި ފަހަރު މަތީން ދައުލަތުގެ އެކި އެކައުންޓްތަކުން އިބްރާހީމް ނާސިރުގެ އަމިއްލަފުޅު އެކައުންޓްތަކަށް ފައިސާ ޖަމާވެފައި ވާކަމެވެ. އެ ފައިސާ ޖަމާވާންވީ ސަަބަބަކީ ކޮބައިކަން އެނގޭކަށް ނެތެވެ.
އެސްޓީއޯގެ އެކައުންޓަކުން ކެރަފާ އަހުމަދު ނަސީމްގެ އެކައުންޓަކަށް ފައިސާ ޖަމާވެފައިވާތީ މި މައްސަލައިގެ ތަހުގީގުގައި އޭނާއާ ސުވާލުކުރެވިފައި ވެއެވެ. އެ ފައިސާއާމެދު އޭނާ ވިދާޅުވީ އެ ފައިސާއަކީ ނާސިރު އޭނާއާ ހިންގުމަށް ހަވާލުކޮށްފައިވާ ބަނޑޮސް އައިލެންޑް ރިސޯޓު ހިންގުމުގެ މަސައްކަތުގެ އުޖޫރަ ދެއްވުމުގެ ގޮތުން ނާސިރު އޭނާއަށް ދެއްވި ފައިސާ ކަމަށެވެ. ބަނޑޮސް ރިސޯޓަކީ ނާސިރުގެ އަމިއްލަފުޅު ރިސޯޓެއް ކަމަށްވާއިރު، އެ ރިސޯޓު ހިންގާ ހަވާލުކުރެވިފައިވާ މީހަކަށް އުޖޫރައިގެ ގޮތުގައި ދޭންޖެހޭ ފައިސާ ދައުލަތުގެ އެކައުންޓަކުން ދޭންޖެހޭނޭ ސަބަބެއް ހައިކޯޓުގައި ދެއްކިފައެއް ނުވެއެވެ.
މި ދައުވާތައް ހުށަހެޅުއްވުމަށްފަހު ދައުލަތުން އެދުނީ މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައި، ދައުލަތުގެ ފައިސާއިން އެކިފަހަރު މަތީން ނާސިރު ނަންގަވާފައިވާ ޖުމުލަ 11,108,730.75 (އެގާރަ މިލިއަން އެއްލައްކަ އަށްހާސް ހަތްސަތޭކަ ތިރީސް ޕޮއިންޓް ހަތެއް ފަހެއް) ރުފިޔާއާއި، 2،570،088.56 (ދެމިލިއަން ފަސް ލައްކަ ހަތްދިހަހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ހައެއް ޑޮލަރު) ދައުލަތަށް ދެއްކުމަށް ނާސިރުގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.
ހައިކޯޓުގެ ނިންމުން
ހައިކޯޓުގައި މައްސަލަ ހިންގުމަށްޓަކައި ނާސިރަށް ދެ ފަހަރެއްގެ މަތިން ޗިޓު ރައްދުކުރެވުނެވެ. އަމިއްލަފުޅަށް ހާޒިރުވެވަޑައިގެންނެވެން ނެތްނަމަ ބަދަލުގައި މީހަކު ފޮނުއްވައި ދެއްވުމަށްވެސް އެންގެވިކަމަށް ހައިކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް އަމިއްލަފުޅަށް ހާޒިރުވެވަޑައިނުގެން، އަދި ބަދަލުގައިވެސް މީހަކު ފޮނުއްވާފައި ނުވާތީ ޝަރީއަތް ހިންގައި ނިޔާ ކަނޑައެޅުނީ ނާސިރުގެ ޣައިރު ހާޒިރުގަ އެވެ.
ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި، ހެކީންގެ ބަހުން މައްސަލަ ސާބިތުވާކަމަށް ކަމަށް ޝަރީއަތުން ކަނޑައެޅުއްވި އެވެ. ކުށް ސާބިތުވާތީ އަދަބެއްގެ ގޮތުގައި ކަނޑައެޅުއްވީ ގާނޫނުލްއުގޫބާތުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާ އާއި އެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން 25 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށެވެ. -- އޭރު އަމަލުކުރަމުންދިޔަ ގާނޫނުލްއުގޫބާތުގެ 131 ވަނަ މާއްދާއަކީ ހިޔާނާތުގެ ކުށާ ގުޅޭ މާއްދާ އެވެ. 132 ވަނަ މާއްދާގައި ބުނަނީ ހިޔާނާތްތެރިވި އަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުނަމަ އިތުރުވާ ކޮންމެ ހާހަކަށް އެއް މަސް ދުވަހުގެ މުއްދަތު އަދަބުގެ ތެރެއަށް އިތުރުކުރެވޭނެ ކަމަށެވެ. އެ ހަމައިން ބަލާއިރު ނާސިރުގެ މައްޗަށް ކަނޑައެޅޭ އަދަބު ސަތޭކަ އަހަރަށްވުރެ އިތުރުވާނެ އެވެ. ފަންސަވީސް އަހަރަށް ހުކުމް ބަދަލުވީ އެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ ގާނޫނުލްއުގޫބާތުގެ ދަށުން އެއް ކުށަކަށް ދެވޭ އެއްވެސް އަދަބެއް ފަންސަވީސް އަހަރަށްވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.
މި ހުކުމް ކުރެވުނުއިރު، ނާސިރު ވަނީ މި 10 ދައުވާގެ ތެރެއިން އެއް ދައުވާގައި ބުނާ ފައިސާ އަނބުރާ ދައްކަވާފަ އެވެ، އެއީ އެސްޓީއޯގެ އެކައުންޓަކުން ނާސިރުގެ އެންގެވުމަށް ހ.ނިޔަދުރުގޭ މޫސާ މުހައްމަދުފުޅަށް ދޫކުރެއްވި އަށް ލައްކަ ރުފިޔާ އެވެ. މި ފައިސާ ދޫކުރެވިފައިވަނީ ނާސިރުގެ އެންގެވުމަށްކަން ހައިކޯޓަށް ސާބިތުވީ އެސްޓީއޯ އެކައުންޓްސް ޑިވިޝަންގެ ކޭޝިއަރަކަށް އޭރު ހުންނެވި، ހ.ސިއްކަގޭ މުހައްމަދު އަލީ ނަސީރުގެ ހެކިބަހުންނެވެ. ފަހުން ދެ ފަހަރެއްގެ މަތިން ނާސިރު އެ ފައިސާ އަނބުރާ ދެއްކެވިކަންވެސް މީނާގެ ބަހުން ހައިކޯޓަށް ސާބިތުވި އެވެ.
ހައިކޯޓުން ނާސިރަށް ހުކުމް ކުރެއްވީ 2،570،088.56 (ދެމިލިއަން ފަސް ލައްކަ ހަތްދިހަހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ހައެއް) ޑޮލަރާއި، 10،308،730.75 (ދިހަ މިލިއަން ތިން ލައްކަ އަށް ހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ހަތްދިހަ ފަސް ލާރި) ދައުލަތަށް ދެއްކުމަށެވެ. އެއީ އަނބުރާ ދައްކަވާފައިވާކަން ސާބިތުވާ އަށް ލައްކަ ރުފިޔާ އުނިކުރުމުން ޖެހޭ މިންވަރެވެ.
ނާސިރުގެ މުދަލުގެ ގޮތުގައި އޭރު ހުރީ ހ.ވެލާނާގެއާއި، ފަތްލިޔާގެއާއި، ވެޔޮގޭގެ ބިމާއި، މެދުޒިޔާރަތްމަގު 6 ނަންބަރު ގޯއްޗާއި އިމާރާތްތަކާއި، މެދުޒިޔާރަތްމަގު 8 ނަންބަރު ގޯއްޗާއި އިމާރާތްތަކާއި، ނޫރާނީ ގޯޅީގެ 2 ނަންބަރު ގޯއްޗާއި އިމާރާތާއި، ފުރާދުއްވާ އުޅަނދުތަކެވެ. ވެލާނާގޭ ގޯއްޗާއި އިމާރާތާއި، އެ ގޭގައި ހިފައިގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުގެ ޝަރުއީ އަގެއްކަމަށް ހައިކޯޓުން ކަނޑައެޅުއްވީ 2،398،351.19 (ދެމިލިއަން ތިންލައްކަ ނުވަދިހަ އަށް ހާސް ތިންސަތޭކަ ފަންސާސް އެކެއް ޕޮއިންޓް އެކެއް ނުވައެއް) ރުފިޔާ އެވެ. ހައިކޯޓުން ނިންމެވީ އިބްރާހީމް ނާސިރުގެ ނަންފުޅުގައި މާލޭގައި ހުރި ހުރިހާ މުދަލެއް ވިއްކި ނަމަވެސް ދައުލަތަށް ދައްކަންޖެހޭ ދަރަނި އަދާކުރެވިދާނޭ ކަމަށް ނުފެންނަ ކަމަށެވެ.
ވެލާނާގެ ދައުލަތަށް ނެގުން
ޝަރީއަތުގެ އެ ހުކުމް ތަންފީޒުކުރެއްވުމުގެ ގޮތުން ސަރުކާރުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައިވާ، އިބްރާހީމް ނާސިރުގެ ފައިސާ ޖަމާކުރާ ތިން އެކައުންޓެއްގައި ހުރި 10،308،730.75 (ދިހަ މިލިއަން ތިން ލައްކަ އަށް ހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ހަތްދިހަ ފަސް ލާރި) ދައުލަތަށް ނަންގަވާފަ އެވެ. އެއީ ދިވެހި ރުފިޔާއިން ދައްކަވަން ސާބިތުވި މިންވަރެވެ. ބާކީ ފައިސާ ހޯދުމަށް ވިއްކެވީ ނާސިރުގެ މުދާތަކެވެ.
ނާސިރުގެ މުދާތައް ވިއްކުމަށްޓަކައި ވެލާނާގެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި އޮއްވައި ވަޒީރުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުނެވެ. އެއީ ނާސިރަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށްވާތީ އޭނާއަށް ދެވޭ ހާއްސަ އިނާޔަތެއްގެ ގޮތުން ވެލާނާގޭ ގޯއްޗާއި، އެ ގޯތީގައިވާ އިމާރާތްތަކާއި ތަކެތި އޭނާއާ ހަވާލުކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވި އެވެ. އެ ބައްދަލުވުން އޮތީ އޮގަސްޓް 1، 1990 ގަ އެވެ. ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސުން އިބްރާހީމް ނާސިރުއާ އެތަންތަނާއި ތަކެތި ހަވާލުކުރެއްވި އެވެ.
އޭގެ ފަހުން އިބްރާހީމް ނާސިރު ވަނީ ވެލާނާގޭ ގޯއްޗާއި އިމާރާތްތައް އޭނާގެ ދެ ބޭފުޅުން ކަމުގައިވާ އިސްމާއީލް ނާސިރަށާއި އާއިޝަތު ނާސިރަށް ހިބައިން ދެއްވާފަ އެވެ. އެ ހިބަ ސައްހަ ކަމަށާއި، އެ ދެ ބޭފުޅުން އެ ބިމުގެ މިލްކުވެރިކަން ލިބިގެންވާކަމަށް ކަނޑައަޅުއްވައި ކޯޓު ނަންބަރު 4 އިން އެ މައްސަލަ ނިންމެވީ ޖުލައި 16، 1997 ގަ އެވެ.
މިކަން މިގޮތަށް ހިނގާފައި އޮއްވައި، ވެލާނާގެ ގޯތި ވިއްކާލުމަށް އިސްމާއީލް ނާސިރާއި އާއިޝަތު ނާސިރުގެ ފަރާތްޕުޅުން ސެކިއުރާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރައްވާފައިވާ ކަމަށް އެކުންފުނީގެ ފަރާތުން މައިޒާން އަލީ މަނިކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގެވި އެވެ. އެ މައުލޫމާތާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ޖެނުއަރީ 14، 1998 ގައި ބޭއްވުނެވެ. އެ ބައްދަލުވުމުގެ މައުޟޫއުއަކީ 'ދައުލަތުން އިބްރާހީމް ނާސިރުއާމެދު ބެހެއްޓެވި އިނާޔަތްތެރިކަން ގަބޫލުފުޅު ނުކުރެއްވި' މައްސަލަ އެވެ. ވެލާނާގެ ދައުލަތަށް ނުނެގީ އިބްރާހީމް ނާސިރަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށް ވެފައި، މާލޭގައި ދިރިއުޅުއްވަން ބޭނުންފުޅުވެއްޖެނަމަ ދިރިއުޅުއްވާނޭ ތަނެއް ބެހެއްޓެވުމަށްޓަކައި ކަމަށްވާއިރު، އެތަން ވިއްކަވައިލެއްވުމަށް ނިންމެވުމުން އެ މަގުސަދު ހާސިލުނުވާ ކަމަށް ވަޒީރުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވި އެވެ.
އެ ބައްދަލުވުމުގައި ނިންމީ ވެލާނާގެ ހުރީ ދައުލަތުގެ މުހިންމު ތަންތަން ހުރި ހިސާބެއްގައިކަމަށް ވެސް ވުމާއެކު، އެ ގޯއްޗަށް ޝަރުއީ ބަދަލު ދިނުމަށްފަހު އެގޯތީގެ ބިމާއި އިމާރާތްތައް ދައުލަތަށް ނެގުމަށެވެ. ވެލާނާގެ ދައުލަތަށް ނެގުމުގެ މައްސަލަ މަދަނީ ކޯޓަށް ހުށަހެޅުނީ ފެބުރުއަރީ 16، 1998 ގަ އެވެ.
ވެލާނާގޭގެ 15،864.03 (ފަނަރަ ހާސް އަށް ސަތޭކަ ފަސްދޮޅަސް ހަތަރެއް ޕޮއިންޓް ސުމެއް ތިނެއް) އަކަފޫޓުގެ ބިމުގެ އަގުކަމަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ އަގު ކޮމިޓީއިން ނިންމި އަގަކީ 6،143،367.88 (ހަ މިލިއަން އެއްލައްކަ ސާޅީސް ތިން ހާސް ތިންސަތޭކަ ފަސްދޮޅަސް ހަތެއް ޕޮއިންޓް އަށެއް އަށެއް) ރުފިޔާ އެވެ. އަމިއްލަ މީހުންގެ ބިން ސަރުކާރަށް ބައްލަވައިގަތުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ގަވާއިދުގެ ދަށުން އަކަފޫޓަކަށް ސަތޭކަ ރުފިޔާގެ މަގުން އިތުރުކުރެވުނު 1،586403 (އެއް މިލިއަން ފަސް ލައްކަ އަށްޑިހަ ހަހާސް ހަތަރު ސަތޭކަ ތިނެއް) ރުފިޔާއާއެކު ވެލާނާގޭގެ އަގުގެ ގޮތުގައި ހަމަޖެހުނީ ޖުމުލަ 7،729،770.88 (ހަތްމިލިއަން ހަތްސަތޭކަ ނަވާވީސްހާސް ހަތްސަތޭކަ ހަތްދިހަ ޕޮއިންޓް އަށެއް އަށެއް) ރުފިޔާ އެވެ.
ސަރުކާރުން މި ފައިސާ ހަވާލުކުރެއްވީ އާއިޝަތު ނާސިރާއި އިސްމާއީލް ނާސިރުގެ ބަދަލުގައި ކޯޓަށް ވަޑައިގެންނެވި އަބްދުﷲ ސައީދުއާ އެވެ. އެ ފައިސާ ހަވާލުކުރެވުނީ ޖެނުއަރީ 17، 1999 ގަ އެވެ.
ނިންމުން
ވެލާނާގެ ދައުލަތަށް ނެގިއިރު، އިބްރާހީމް ނާސިރު ވެރިކަމުގައި ހުންނަވައި ހިޔާނާތްތެރިވެފައިވާކަމަށް ސާބިތުވި ފައިސާގެ ތެރެއިން 2،570،088.56 (ދެމިލިއަން ފަސް ލައްކަ ހަތްދިހަހާސް އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް ހައެއް) ޑޮލަރުގެ އެއްވެސް މިންވަރެއް ދައުލަތަށް ދައްކާފައެއް ނުވެ އެވެ. ނާސިރުގެ އެކައުންޓުގައި ހުރި ފައިސާތަކާއި، މިލްކުގައި ހުރި ވެލާނާގެ ނޫން މުދާތަކަށް ވީ ގޮތަކާއި، އެއިން ދައުލަތަށް ލިބުނު މިންވަރެއް މާ ސާފުކޮށް އެނގޭކަށް ނެތެވެ.
ވެލާނާގެ ދައުލަތަށް ނަގަން ނިންމިއިރު އެއީ އިބްރާހީމް ނާސިރުގެ މިލްކެއް ނޫނެވެ. ނާސިރުގެ މައްޗަށް ސާބިތުވެފައި އޮތް ކުށަކާ ގުޅުވައި އެހެން މީހެއްގެ މިލްކު މުދަލެއް އަތެއް ނުލެވޭނެ އެވެ. ވެލާނާގެ ނެންގެވީ އިބްރާހީމް ނާސިރުގެ މައްޗަށް ސާބިތުވެފައިވާ ކުށަކާ މަތިކުރައްވައި ނޫންކަމަށާއި، އެ ބިން ހުރި ހިސާބުގެ ގޮތުން ދައުލަތަށް އެ ބިން މުހިންމުވާތީ ކަމަށް ދައުލަތުން ވިދާޅުވެ އެވެ. އެހެންނަމަވެސް ހަމަ އެ ސަރަހައްދުގައި އަމިއްލަ މީހުންގެ އެތައް ބިމެއް އެބަހުއްޓެވެ. ވެލާނާގެއާއި ކައިރީގައިއާއި، އެއަށްވުރެ ތަންކޮޅެއް ދުރުގައިވެސް އެތައް ބިމެއް ހުއްޓެވެ. އޭގެ ތެރެއިން ވެލާނާގެ ހާއްސަވާންވީ އެކަށީގެންވާ ދެވަނަ ސަބަބެއް ފެންނާކަށް ނެތެވެ.
ދައުލަތުގެ އެންމެ ގިނަ ވުޒާރާތައް ހިންގާ އިމާރާތަކީ އަމިއްލަ ދެ ފަރުދެއްގެ ގެ އެވެ. އެ ރީތި އިމާރާތުގައި ހުރި އޮފީސްތަކުން ހިދުމަތް ހޯދާއިރު، އެތަނުގެ ތާރީހު ވެސް ކޮންމެވެސް ވަރަކަށް ފިލާފައި އޮތުން މުހިންމުކަމަށް ދެކޭތީ އެކަން އޮތްގޮތެއް ބަލާލައި އެ ވާހަކަ ދަންނަވާލެވުނީ އެވެ.











