މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ޓްރެއިނިން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޅ. މާފިލާފުށީގައި ޓްރެއިނިންގް ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ދެ ދަރިވަރުން މާލެ ގެނެސްފައި ވަނީ ހާލު ސީރިއަސްވެގެންނެވެ. ނަމަވެސް އެ ކުދިންގެ ހާލަތާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ނުލިބެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވަނީ މާފިލާފުށީގައި އެމްއެންޑީއެފްގެ ޓްރެއިނިން ހަދަން ދިޔަ ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވެފަ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ އެ ދަރިވަރު ނިޔާވީ ނޭވާލުމަށް އުނދަގޫވެގެން މާފިލާފުށިން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.














