ހަނގުރާމައިން ގެނައި މީހުންގެ މައްސަލަ ބަލާ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭނަމަ އެކަން ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހި ފުރާނައަށް ނުރައްކާވެފައިވާ ދިވެހި އާއިލާއެއް ރާއްޖެ ގެނައީ މިއަދު އެވެ. މާލެ ގެނައި އާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ.
ފުލުހުން ބުނީ މިއަދު ގެނައި މީހުންނަކީ 2013 ވަނަ އަހަރު ރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ކަމަށެވެ.
އެމީހުން މިހާރު ވަނީ އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ވަނީ ބައިތިއްބައިފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
"މި އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަ ކުދިން. އެ ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށްވުމާއެކު އެ ކުދިންގެ ރައްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭކަންކަން ގާނޫނު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގައިވާ ގޮތުގެ މަތިން ޑީއެންއޭ ކަށަވަރުކުރުމަށްފަހު ވަނީ ހަމަޖައްސާފައި،" ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، އެ ގާނޫނުގައި ބަޔާންކުރާ، ރިސްކް އެސެސްމެންޓް ހަދައި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަރާތެއް ވާނަމަ ޖިނާއީ ތަހުގީގު ހިންގާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިއީ، ދިވެހިންގެ ތެރެއިން ހަނގުރާމަވެރި ސަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ފުރަތަމަ ހަރަކާތެވެ.












