މާފުށީ ޖަލަށް ވެއްދުން މަނާ އެއްޗެހި ވައްދަން އުޅުނު މީހަކު މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "އަދަދު"އަށް ވިދާޅުވީ ޖަލަށް ވެއްދުން މަނާ ތަކެއްޗާއެކު ވަންނަން މަސައްކަތް ކުރި ކަމަށް ބެލެވޭ މީހަކު މޫދުގައި މަރުވެފައި އޮއްވާ ރޭ ދަންވަރު ފެނިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މާފުށީ ޖަލާ ދިމާލުން މޫދު އަޑީގައި މީހަކު ގެނބިފައި އޮތް ކަމަށް ރޭ 10:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ މޫދުން ނަގައިގެން މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތާފައި މީހަކު ޖަލާ ދިމާލުން ތޮށިގަނޑުމައްޗަށް އެރި މަންޒަރު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން އޭނާ މޫދަށް ފުންމާލީ އަމިއްލައަށެވެ.
މޫދަށް ފުންމާލި މަންޒަރު ފެނުމުން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މަރުވެފައި އޮއްވަ އެވެ.













