ބާސެލޯނާ (މާޗް 11) - ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމު ކުޅޭ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ތުރުކީގެ ގަލަޓަސަތަރާއިއާ 0-0 އިން އެއްވަރުވިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އިން 1-0 އިން އިނގިރޭސި ކްލަބް، ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފި އެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި ރޭ އެ ޓީމުގެ ކުރިއަށް ކުޅުނު މެމްފިސް ޑިޕާއި، އެޑަމާ ޓްރައޭރޯ އަދި ފެރާން ޓޮރޭޒަށް މެޗު ފަށައިގެން ގަތަޓަސަތަރާއިގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވި އެވެ. ގޯލެއް ޖަހަން ކުރި މަސައްކަތުގައި ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް ވެސް ބައިވެރިވަމުން ދިޔައިރު، ގަލަޓަސަތަރާއި ޑިފެންޑަރުން ވަނީ ވަރުގަދަ ރޫހެއްގައި ކުޅެލައި، ޑިފެންސްކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ބަދަލަކަށް އަރައި ބާސެލޯނާގެ ޕިއޭ އެމެރިކް އޮބާމަޔަން ބައިވެރިވި އެޓޭކެއްގައި ފްރެންކީ ޑިޔޯން ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާގެ މެމްފިސް ޑިޕާއި ޖެހި ބޯޅައެއް ގަލަޓަސަތަރާއިގެ ކީޕަރު އިނާކީ ޕެނިއާ ވަނީ މަތަކޮށްފަ އެވެ.
މި މެޗުގައި ގަލަޓަސަތަރާއިގެ އެޓޭކަރުންގެ ގޮތުގައި ފެނުނު ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ، ފްރާންސްގެ ފޯވާޑް ބަފަޓެމީ ގޮމީސް އާއި ނެދަލެންޑްސްގެ ރަޔާން ބާބެލް އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ބާސެލޯނާގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ ވަނީ ޑިފެންސް ލައިނުން އިދިކޮޅު ޓީމަށް މާ ބޮޑު ޖާގައެއް ނުދީ ރަނގަޅަށް ކުޅެފަ އެވެ.
ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމް ކޮޅަށް ގޯލު ޖެހީ މެޗުގެ 60 ވަނަ މިނިޓްގައި މާކޯސް އަކޫނިއާ ނެގި ހިލޭ ޖެހުމަކުން މޮރޮކޯގެ ފޯވާޑް މުނީރް އަލް ހައްދާދީ އެވެ.
މިއީ ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި 1981 ވަނަ އަހަރުގެ ފަހުން ވެސްޓް ހޭމް ކުޅޭ ފުރަތަމަ ފަހަރެވެ. މި މެޗުގައި ވެސްޓް ހޭމްގެ ނިކޯލަ ވްލަސިޗާއި މިކޭލް އެންޓޯނިއޯ ފޮނުވާލި ހަމަލާތައް ސެވިއްޔާގެ ގޯލުގައި ހުރި މޮރޮކޯ ގައުމީ ޓީމުގެ ކީޕަރު ޔާސިން ބޯނޯ ވަނީ ހުއްޓުވައިފަ އެވެ. މި މެޗުގައި ސެވިއްޔާގެ ޔޫސެފް އެން-ނެސްރީ އާއި ލޫކަސް އޮކަމްޕޯސް ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
އަންނަ ހަފްތާގައި ލަންޑަން ސްޓޭޑިއަމްގައި ކުޅޭ މެޗުން މޮޅުވެގެން ނޫން ގޮތަކަށް ސެވިއްޔާ އަށް ކުއާޓާ ފައިނަލުގެ ޖާގަ ނުލިބޭނެ އެވެ.
ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު އެހެން ނަތީޖާތަކަށް ބަލާއިރު، ރޭންޖާސް ވަނީ 3-0 އިން ރެޑްސްޓާ ބެލްގްރޭޑް ބަލިކޮށްފަ އެވެ. އެޓަލަންޓާ އިން 3-2 އިން ބަޔާ ލެވަކޫސަން ބަލިކުރިއިރު، މޮނާކޯ އަތުން ސްޕޯޓިން ބްރާގާ މޮޅުވީ 2-0 އިންނެވެ.












