ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ޕޮންޒީ ސްކީމަކަށް އާންމުން ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެ އެވެ.
އިންވެސްޓް ކޮށްފިނަމަ ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ފައިދާއެއް ލިބޭނެކަމަށް ބުނެ ކުރިޔަށްގެންދާ އެ ޕޮންޒީ ސްކީމް ފޭސްބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކުރިޔަށް ގެންދާކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ބުނީ އެ ސްކީމް ހިންގާ މީހުން އިންވެސްޓްކުރަން ދޭ ފައިސާ ބޭނުންކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ. އަދި، ފުރަތަމަ ފައިސާ ދެ ފަރާތްތަކަށް ފައިދާގެ ނަމުގައި ފަހުން ފައިސާ ދޭ މީހުން އިންވެސްޓް ކުރާ ފައިސާ އެ ސްކީމް ހިންގާ މީހުން ދޭ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ބުނީ އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށެވެ. އެެހެންކަމުން އެ ސްކީމުގައި ޖެހޭ ގިނަ މީހުންނަށް އެމީހުން ދިން ފައިސާ އަބުރާ ނުލިބި، މާލީ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިވާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އަދި، އެގޮތަށް ޖަމާކުރާ ފައިސާ ބޭންކް މެދުވެރިކޮށް ވެސް އަބުރާ ނުދެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ޕޮންޒީ ސްކީމް އަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ސްކީމެކެވެ. އާ އިންވެސްޓަރުން ލިބޭހާ ދުވަހަކު އެއީ ސައްހަ ވިޔަފާރިއެއް ކަމަށް ދައްކައިގެން މި ސްކީމް ހިންގަ އެވެ.
އެންމެ ފުރަތަމަ ވިޔަފާރި އަށް އިންވެސްޓް ކުރާ މީހުންނަށް ފައިސާ ދެނީ އޭގެ ފަހުން އިންވެސްޓް ކުރާ މީހުން ދޭ ފައިސާ އިންނެވެ. އާ އިންވެސްޓަރުން ނުލިބޭ ނަމަ މި ސްކީމް ފެއިލް ވާނެ އެވެ.
މިފަދަ ސްކީމެއް އެންމެ ފުރަތަމަ ހިންގި ކަމަށް ރެކޯޑްކޮށްފައި ވަނީ 1869 އާ 1872 ދެމެދު ޖަރުމަނުގަ އެވެ. ނަމަވެސް، މި ސްކީމް މަޝްހޫރުވެ އާންމުންގެ ސަމާލުކަން ލިބުނީ 1920 ވަނަ އަހަރު ކްރިސްޓިއަން ޕޮންޒީ ނަމަކަށް ކިޔުނު މީހަކު ގިނަ ބަޔެއްގެ ފައިސާ ނަގައިގެން އެޔަށް ހިޔާނާތްތެރިވިކަން ފަޅާ އެރުމުންނެވެ. މި ސްކީމަށް ނަން ދީފައި ވަނީ ވެސް އޭނާ އަށް ނިސްބަތް ކޮށެވެ.












