އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ހުރި ރުއްތަކެއް ކަނޑާލީ އެ ރުއްތަކުގެ ސަބަބުން މަގުމައްޗަށާއި، އެއްގަމު އުޅަނދުތަކަށް ކުނި އެޅޭތީ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މޭޔަރު ނިޒާރު ވިދާޅުވީ އެ ރުއްތަކުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ މީހުންނަށް އުނދަގޫވާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އާންމުންގެ ގަޔަށް ކުނި އެޅި، ކާރުތަކާއި ސައިކަލްތަކަށް ވެސް ރުއްތަކުން ކުނި އެޅޭ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްލަ 50 ރުއް ލިންކް ރޯޑުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ޖެހުނީ އެ ރުއްތައް ބޮޑުވެގެންގޮސް ސާފުކުރަން ރުކަށް ނޭރޭ މިންވަރަށް ދިގުވުމުންކަމަށް މޭޔަރު ނިޒާރު ވިދާޅުވި އެވެ.
"އެއީ ވަރަށް ދުވަސްވެފަ ހުރި ރުއްތަކެއް. ލިންކް ރޯޑު އެންމެ ފުރަތަމަ ހެދިއިރު ޖަހާފަ ހުރި ރުއްތަކެއް އެއީ. ދެން މިހާރު ދުވަސްވެ، ދިގުވެގެން ގޮސް އެ ރުއްތަކުން މުޅި މަގަށް ކުނި އެޅެމުންދާތީވެ އަޅުގަނޑުމެން ކައުންސިލުން ރުއްތައް ކަނޑަން ނިންމީ،" މޭޔަރު ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ލިންކް ރޯޑުގައި އިންދާފައި ހުރި ރުއްތައް. އެ ރުއްތައް މިހާރު ކައުންސިލުން ވަނީ ކަނޑާފައި. ފޮޓޯ: ޓްވިޓާ

އެ ރުއްތަކަކީ އައްޑޫ ލިންކް ރޯޑުގެ އެންމެ ޗާލު އެއް ސިފަ ކަމަށް ބުނެ ބައެއް މިހުން ދަނީ ސޯޝަލް މީޑިއާގައި ރުއްތައް ކަނޑާލުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އެ މީހުންގެ ކަންބޮޑުވުންތަކާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ އެ ސަރަހައްދުގައި އާ ރުއްތަކެއް އިންދާނެ ކަމަށެވެ. މޭޔަރު ނިޒާރު ވަނީ ކައުންސިލުގެ ފަރާތުން މިހާރު ވެސް 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިޔަށްދާކަން ފާހަގަކުރައްވާފަ އެވެ.
"އާދެ، އެ ސަރަހައްދުގައި އާ ރުއްތަކެއް ޖަހާނެ ހަމަ،" މޭޔަރު ނިޒާރު ވިދާޅުވި އެވެ.













