ރާއްޖޭގެ ގައުމީ މާ ކަމަށްވާ ފިޔާތޮށި ފިނިފެންމަލަށް ނިސްބަތްކޮށް މަހަކަށް ނަން ދީފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ފިނިފެންމަލުގެ ނަމުން ނަން ދީފައިވާ މަހަކީ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގެ މަހެއް ކަމަށެވެ. އެ މަހުގެ ސައިންޓިފިކް ނަމަކަށް ދިނީ 'ކިރިލެބްރަސް ފިނިފެންމާ' އެވެ.
އެ މަހަށް އާންމުކޮށް އިނގިރޭސި ބަހުން ކިޔަނީ ރޯސް ވެއިލްޑް ފެއަރީ ރާސް އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފިނިފެންމަލުން އެ މަހަށް ނަންދިނީ އެ މަހުގައި ހުންނަ ފިޔާތޮށި ކުލަވަރަށް ނިސްބަތްކޮށް ކަމަށެވެ. މިނިސްޓްރީން ބުނީ އެ މަހަކީ ރާއްޖެ އާއި ސްރީލަންކާ ސަރަޙައްދުގައި ފަރުތަކުގެ ފުން ހިސާބުތަކުން ފެންނަ މަހެއް ކަމަށެވެ. އެގޮތުން, އާންމުކޮށް އެ މަސް ފެންނަނީ 40-70 މީޓަރުގެ ފުނުންނެވެ.
އެ މަހަށް މުޅިން އަލަށް ނަން ދިނަސް އެ މަހަކީ މިހާރު ވެސް ދިރޭ ކުދިމަހުގެ އެކްސްޕޯޓު ވިޔަފާރީގައި ބޭނުންކުރާ މަހެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ އެ މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޮސް އާކިޕެލާގޯއިން ފެންނަ ކިރިލެބްރަސް ރުބިރިސްކޮމިސް ގެ ނަމުން ކަމަށެވެ. ނަމަވެސް, އެ މަހާ ގުޅޭ ގޮތުން ކުރި ދިރާސާތަކުން އެއީ ޗާގޯސްއިން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ފާހަގަވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

އެ މަހާ ގުޅޭ ދިރާސާތައްކޮށްފައިވަނީ ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސްގެ "ހޯޕް ފޯ ރީފްސް އިނިޝިއަޓިވް"ގެ ދަށުން އެ އެކަޑެމީ އާއި ޔުނިވާސިޓީ އޮފް ސިޑްނީ އާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީއާއި އަދި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ފިނިފެންމަލުގެ ނަމުން ނަން ދީފައިވާ އެ މަހާ ގުޅޭ ދިރާސާ މިހާރު ދިރޭތަކެތީގެ ނަސްލާއި އަދި މުޅިން އަލަށް ފެންނަ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ޒޫކީސްގައި ޝާއިއުކޮށްފައިވާ ކަމަށެވެ.













