ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރުމަށް ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް އިސްކަންދޭ ގޮތަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ ޖުމްލަ 19 ޝަރުތެއް ފުރިހަމަވާ މީހުންނަށެވެ. އޭގެ ތެރޭގައި 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުން ހިމެނެ އެވެ. އޭގެ އިތުރުން، ވިޔަފާރި އާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއެކު ފަސް އަހަރުގެ ތަޖުރިބާ ހުރުން ވެސް ހިމެނެ އެވެ.
އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އައްޔަނުކުރަން ޖެހޭ ކަމަށް އެ ކުންފުނީގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި "ޖެންޑާ ޑައިވާސިޓީ" އަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ކުންފުނީގެ ބޯޑަށް ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް އެސްޓީއޯ އިން ބާރުއަޅަ އެވެ. އެއީ، މިންތީގެ ހަމަހަމަކަން ގާއިމުކުރަން އެސްޓީއޯ އިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ހިތްވަރެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މާޗް 31، ގެ 16:00 އަށެވެ. އެސްޓީއޯގެ ވެބްސައިޓުގައިވާ ޕޯޓަލް އިން ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ފޮނުވޭނެ އެވެ. އަދި، އިންތިހާބުގައި ވާދަކުރުމުގެ ފޯމް ވެސް އޮންލައިންކޮށް ފުރުމަށް ފަހު ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.










