ގދ. ގައްދޫން އަލަށް ހިއްކި ސަރަހައްދުން ބޭރު މަގަށްވާ ގޮތަށް އެހުރި 'ކުޑަލަފަރި' ގެއަކީ އޭގެ ވަށައިގެން އެތައް ވާހަކައެއް އޮތް, އެތައް ބުރަ މަސައްކަތެއްގެ ނަތީޖާ އެވެ. ހަޔާތެއް ސުމަކުން ފެށި ދެމަފިރިއެއްގެ ލޯތްބާއި ހިތްވަރާއި މަސައްކަތްތެރިކަމުގެ ރަމްޒެވެ.
އިންބެގެ ނަމުން މުޅި ގައްދޫގެ ލޯބި ހޯދާފައިވާ އިބްރާހިމް މަނިކު, 59 'ކުޑަލަފަރި' ގޭގައި އެލުވާފައި ހުރި އުނދޯލީގައި އިށީނދެ އެ އިނީ ބޮޑު ހިނިތުންވުމަކާ އެކު އެވެ. އޭނާގެ އަންހެނުން އައިޝަތު މުހައްމަދު, 57 ގާތުގައި އެ އިނީ ފަހުރުވެރިކަމާ އެކު އެވެ. އެކަމަކު, އެ އުފަލާއި ފަހުރުވެރިކަން ހޯދަން އޮހޮރި ދަލާއި އުފުލި ވޭނަކީ އިބްރަތަކަށް ފުދޭ ނަމޫނާއެކެވެ.
"ލޯބިވާ 10 ދަރިން އެ ތިބީ ބޮޑުކޮށްފައި. އެއްވެސް ދަރިއަކަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތިވިޔަ ދީފައެއް ނުވާނެ," އިންބެ, އޭނާގެ ބުރަ ހަޔާތުގެ ސަފުތާތައް އުކަން ފެއްޓުމުގެ ގޮތުން ބުނެލި އެވެ.
މާބޮޑު ފުދުންތެރިކަމެއް ނެތް އާއިލާއެއްގެ ތެރޭން އައި އިންބެ މަސައްކަތުގެ މާހައުލަށް އެންމެ ހަތް އަހަރުގައި ނުކުތްއިރު, ފަރު މަސްވެރިކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަނެވެ. ފަރުގައި އިންބެއަށް ނުދަންނަ މަހެއް ނޫޅޭއިރު މަސް ބޭނުމާއި ޑައިވިނަށް ދިޔުން ފަދަ ކަމުގައި އިންބެއަކީ ސަރަހައްދަށް ވެސް ނަން މަޝްހޫރު މީހަކަށްވި އެވެ.
މަސައްކަތުގައި ކުރިއަށް ދަމުން ޒަވާޖީ ހަޔާތެއް އައިޝަތު (އައިސައްތަ)އާއެކު އިންބެ ފެއްޓި އެވެ. އޭރު ދިރިއުޅޭނެ ގެއެއް ބޯމައްޗަކު ނެތެވެ. ގެވަޅެއްގެ ގޮތުގައި އޮތް ތަނަކީ ގޮނޑުދޮށެވެ. މޫދުގެ ރާޅުތައް ބިންދަމުން ދިޔައީ ގޭގެ ދޮރުމައްޗަށެވެ. މޫދާ ގުޅިފައިހުރި އިންބެގެ ގެ ވެސް އޮތީ މޫދާ ވަރަށް ބޮޑަށް އެކުވެފަ އެވެ.
އިންބެ ފަށަން ޖެހުނީ ސީދާ ސުމަކުންނެވެ;

އިންބެ: ބުރަ މަސައްކަތާއި ހިތްވަރުން އިންބެ ހޯދީ ކާމިޔާބު ހަޔާތެއް ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
"އަހަރެމެން ދެމަފިރިން ގާ ނަގައިގެން ގެނެސް މި ގޭގެ ކައިރީ ޖައްސައި މިތަން ނުގިރާ ގޮތް ވެސް ހެދިން, މި ސަރަހައްދު ހިއްކަން ވެސް ހިއްކިން, ބޭނުމަކަށްވީ މި ތަނުގައި އަހަރެމެންގެ ހަޔާތުގެ ގެ ބިނާކުރަން," އިންބެ ކިޔައިދިނެވެ. މަޑުމަޑުން ގެ ހަދަމުން އިންބެގެ ދެމަފިރިން ދިޔައިރު, އަތްމަތި ތަނަވަހެއް ނޫނެވެ. ފަގީރު ކަމުގައި 10 ދަރިން ބޮޑުކުރަމުން ދިޔަ ނަމަވެސް, ލިބޭ މިންވަރަށް ތިބީ ޝުކުރުކޮށްލައިގެންނެވެ.
"ވަރަށް ފަގީރު ހާލަތުގައި އިންބެގެ އާއިލާ އޭރު އުޅުނީ, ގިނަ ފަހަރަށް ލާނެ އާ އަންނައުނެއް ވެސް ނޯވޭ, މީހުން ދޭ ބާ އެއްޗެހި ލައްވާފައި ދަރިން ތިބެނީ, އެކަމަކު އެމީހުން އަބަދުވެސް ފާހަގަކުރަނީ ލިބޭ އެއްޗެއް, ނުލިބޭ އެއްޗެއްގެ ވާހަކައެއް ނުދައްކާ އެ ހޯދަން މަސައްކަތް ކުރީ," ގައްދޫން ވާހަކަ ދެއްކި މީހަކު, އިންބެ ސިފަކުރި އެވެ. އިންބެ ހޭވައްޓާލައި މަސައްކަތް ކުރަމުންދިޔައިރު ނަމޫނާ މަންމައެއްގެ ރޯލް އައިސައްތަ ދިޔައީ އުފުލަމުންނެވެ.
ނިކަމެތިކަމުގެ ހިޔަނި ދަރީންގެ މުސްތަގުބަލަކަށް އެޅުނަދޭން އެ ދެމަފިރިން ހިލާ ނުއެދެ އެވެ. އަތްމަތި ދަތިވިޔަސް, އެއިން ކުއްޖަކަށް އެއްވެސް ދައްޗެއް ފޯރިޔަ އެ ދެމަފިރިން ނުދިންއިރު, ރަށުގެ މީހުން ވެސް ބުނަނީ, "އިންބެގެ ގޯސް ދަރިއެއް ނުހުންނާނެ" ކަމެވެ. އެއީ, އިންބެ އާއި އައިސައްތަގެ ކުރަމުންދިޔަ ބޮޑު ގުރުބާނީގެ އަގެވެ.
"އިރާދަކުރެއްވި ގޮތުން ފަރުމަހުގެ މަސައްކަތް ދިޔައީ ވަރަށް ރަނގަޅަށް, އޭރު ކިލޯއަކަށް ލިބެނީ ފަސް ރުފިޔާ, އެކަމަކު އިންބެ މަސް ބާނައިގެން ރަށަށް އައިސްފިނަމަ މީހުން ގަނޑު ޖަމާވާނެ, އެންމެން ވެސް މަސްތައް ގަންނާނެ, ބޮޑެތި ފިޔޮޅު އެއްޗެހި ވިއްކާލަން, އެގޮތުން ލިބުނު ފައިސާއިން 10 ދަރިން ވެސް ބޮޑުކުރީ," އިންބެ ބުންޏެވެ.
ހަަމައެކަަނި ފަރުމަހުގެ މަސްވެރިކަމެއް ނޫނެވެ; އިންބެ ބުނާ ގޮތުން ލޮލަށް ފެނިއްޖެ މަސައްކަތެއްނަމަ, އޭނާއަށް ކުރަން އެނގެ އެވެ. އެކަމަކު މަސްވެރިކަމުގެ އިތުރުން ދެން އެންމެ ގަދައަށް ކުރާ މަސައްކަތަށް އޮތީ ރާއެރުމެވެ. ގޭގެ ހުރިހާ ރުކަކުން އިންބެ ރާ ބާލާއިރު, އެ ހަކުރަށް ހަދައިގެން ވިއްކަނީ އައިސައްތަ އެވެ. އައިސައްތަ ކައްކާ ހަކުރަށްވުރެ މޮޅު ހަކުރެއް ނުލިބޭނެ ކަމަށް ވެސް ގައްދޫ ގިނަ މީހުން ހެކިދެ އެވެ.
ވަކި ހިސާބަކުން ފަރުމަހުގެ މަސައްކަތް ހުއްޓާލައި ކަނޑު މަހަށް އިންބެ ނުކުތެވެ. ހަތް ދޯންޏެއްގައި ކެޔޮޅެއްގެ ގޮތުން އިންބެ މަސައްކަތްކުރިއިރު, އިންބެގެ ކުޅަދާނަކަމާއި މޮޅުކަމުން ކޮންމެ އޮޑިވެރިއަކު ވެސް ކެޔޮޅެއްގެ ގޮތުގައި އެދިއެދި ތިބީ އިންބެއަށެވެ. އިންބެ މަގުބޫލުކަން އޭރު ވަރަށް ބޮޑުވެގެން ދިޔަ ނަމަވެސް, އޭނާގެ މަސައްކަތުގެ ރޭޓަކަށް ކުޑަ ވެސް ބަދަލެއް ނުގެނެ އެވެ. އެންމެ އާދައިގެ މަސްވެރިޔެއްގެ ގޮތުން ދޯނީގައި އުޅެނެވެ. މޮޅު ޑައިވަރަކަށްވާތީ, އެން ހިފުމުގައި ވެސް ކުރީގައި ހުންނަނީ އިންބެ އެވެ.

އިންބެ: ބުރަ މަސައްކަތާއި ހިތްވަރުން އިންބެ ހޯދީ ކާމިޔާބު ހަޔާތެއް ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެ ވާހަކަތައް ކިޔައިދޭން 'ކުޑަލަފަރި' ގޭގެ ފެންޑާގައި ހުރި އުނދޯލީގައި އިން އިންބެ, ކޮންމެ ދެ ޖުމްލައެއްގެ ތެރެއަށް އައިސައްތަގެ ނަން ގެނެ އެވެ. އޭނާ ނެތްނަމަ, އިންބެ ކާމިޔާބު މީހަކަށް ނުވީސްކަން ތަކުރާރުކޮށް ބުނަމުން ދިޔައީ އައިސައްތައާމެދު އޮތް ލޯބި ހާމަކުރަމުންނެވެ.
"މަސްވެރިކަން ވެސް ކުރަނީ އަންހެނުން ބުނާ ގޮތަކަށް, އޭނާ ހިތްވަރު ދެނީ, އެން ދަމަން ވެސް ހިތްވަރު ދެނީ އޭނަ, އަންހެނުން ބުނާނެ އާނ! މިވެނި ތާކަށްދާށޭ, އެތަނަކަށް ދިޔައީމަ އެން ލިބޭނެ," އިންބެ, އައިސައްތައަށް ކުރާ އިތުބާރު ބުނެދިނެވެ. އައިސައްތަ ކައިރީ 10 ދަރީން އެކަނި ބަހައްޓައި ހެނދުނު ސައިބޯލައިގެން ދާ ގޮތަށް ރޭވާ ފަހުން ފިކުރެއް ނެތި އިންބެ ގެއަށް އަންނަނީ ވެސް އެ އިތުބާރުގެ ބޮޑުކަމުންނެވެ.
އަނބިމީހާއާ ދެމީހުން ކުރި ބުރަ މަސައްކަަތުން އިންބެ މިހާރު ވަނީ ތަގުދީރު ބަދަލުކޮށްފަ އެވެ. ފަގީރު ހާލެއްގައި އުޅުނު އިންބެގެ ހުރިހާ ދަރީން އެ ތިބީ ހެޔޮ ގޮތުގައި ބޮޑުކޮށްފަ އެވެ. ފުދުންތެރިކަމެއް ނެތް, ނިކަމެތި ދިރިއުޅުމަކަށް ވަނީ ތަނަވަސްކަން ގެނެސްފަ އެވެ. ބަދަލުނުވި ކަމަކީ, އިންބެގެ މަސައްކަތްތެރިކަމެވެ. އުނދޯލީގައި މި ވަގުތު އިށީދެލައިގެން އިން ނަމަވެސް, އެ އިނީ މޫދަށް ދާން ލަސްވެފަ އެވެ. އިންބެ ބުނާ ގޮތުން އޭނާގެ މޭކަށިގަނޑާ ހަމައިން ތިރި އެއްވެސް އިރަކު ނުހިކި, އަބަދުވެސް ހުންނަނީ މޫދު ލޮނުން ތެމިފަ އެވެ.
ކަނޑު މަސްވެރިކަން ދޫކޮށްލައި ދޯނިން ފޭބި ނަމަވެސް, އިންބެގެ ފަރުމަހުގެ މަސްވެރިކަން މިހާރު ބޮޑު ތަނުން ވަނީ ފުޅާކޮށްފަ އެވެ. ކުރިން ފަރުމަހުގެ ކިލޯއަކަށް އިންބެއަށް ފަސް ރުފިޔާ ލިބުނަސް, މިހާރު 25 ރުފިޔާ ލިބެ އެވެ. އެއް ދުވަހެއްގެ ތެރޭ 4,000 ރުފިޔާ ޖީބަށްލީ ދުވަސްތައް ވެސް އެބަހުއްޓެވެ. ފުޅާ ގޮތެއްގައި ގޭގައި ގަނޑުކުރާ އަލަމާރިތައް ބަހައްޓައިގެން އެކަން ކުރަމުން އިންބެ އަންނައިރު, އައްޑޫ އާއި ފުވައްމުލަކުން ވެސް އޯޑަރުތައް އާދެ އެވެ.

އިންބެ: ބުރަ މަސައްކަތާއި ހިތްވަރުން އިންބެ ހޯދީ ކާމިޔާބު ހަޔާތެއް ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ކުޑައިރުންސުރެ ހުއްޓުމެއް ނެތި އާދަޔާހިލާފަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނައިރު މިއީ އިންބެއަށް ހަމަޖެހިލައިގެން ގޭގެ އުނދޯލީގައި އޮވެވިދާނެ ދުވަހެކެވެ. އެކަމަކު, އެހެން އޮށޯވެ އޮތުމުގެ ބަދަލުގައި އިންބެ ބޭނުން ވަނީ މޫދުގައި ހުންނާށެވެ. އޭގެ ސަބަބު ވެސް އިންބެ ކިޔައިދިނެވެ;
"ކުޑައިރުގަ ވަރަށް ހިތްވަރުގަދަކޮށް މަސައްކަތްކުރީ, އެ ހިތްވަރު ކުއްލިއަކަށް ދޫކޮށްލީމަ ވާގޮތަކީ މީހާ ބަލިވެދާނެ, އެހެންވީމަ މަސައްކަތް ހުއްޓައެއް ނުލާނަން," އިންބެ ބުންޏެވެ. "އަބަދު އެ ސްޕީޑް ހުންނަނީ... އެ 'ކިކް' އައީމަ ދެން މަޑެއް ނުވާނެ,"
'ކުޑަލަފަރި' ގޭ ތެރޭ އެ އޮތް އުފާވެރިކަމާއި އާއިލީ ރިވެތި ގުޅުމާއި ލޯތްބަކީ އިންބެ އާއި އައިސައްތަ ބިނާކުރި ކާމިޔާބު ހަޔާތުގެ ހިތްހަމަޖެހުމެވެ. އެ ދެމަފިރިންގެ ދިރިއުޅުމުގެ ސަފުހާތަކުން ފެނިގެން ދަނީ ކާމިޔާބު ހަޔާތަކާއި ކިޔަމަންތެރި ދަރިންތަކެއް ބިނާކުރުމުގެ 'ފޯމިއުލާ' އެވެ. އެއީ, ހިތްވަރާއި ކެރުމާއި އިހްލާސްތެރިކަމެވެ. އެ ދޫކޮށްނުލައިފިނަމަ މީހެއްގެ ދިރިއުޅުން އަބަދު އެއްގޮތުގައި ނޯންނާނެ އެވެ. މިއީ އޭގެ ލާމަސީލު މިސާލެކެވެ.












