ޕީއޯއެސް މެޝިން ބޭނުންކޮށްގެން ފައިސާ ޖަމާކޮށް އަދި ނެގޭ ހިދުމަތެއް މޯލްޑިވްސް އިސްލާމިކް ބޭންކުން ތައާރަފްކޮށްފި އެވެ.
އަލަށް ތައާރަފްކުރި މި ހިދުމަތް ބޭނުންކުރައްވާ އެ ބޭންކުގެ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ގިނަވެގެން 50،000ރ. ޖަމާކުރެވޭނެ އެވެ. އަދި، 5،000ރ. ނެގޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.
"މި ހިދުމަތް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނެވި ބޭފުޅަކަށްވެސް އެމްއައިބީ ޕީއޯއެސް މާޗަންޓް ފިހާރައަކުން އެބޭފުޅެއްގެ އެމްއައިބީ އެކައުންޓަށް ފައިސާ ޖަމާކޮށް އަދި ފައިސާ ނެގޭނެ," މި ހިދުމަތާ ގުޅޭގޮތުން އެ ބެންކުން ބުންޏެވެ.
މި ހިދުމަތް ބޭނުންކޮށްގެން ފައިސާ ޖަމާކުރުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހުނު ނަމަވެސް ފައިސާ ނަގާނަމަ 10ރ. ގެ ފީއެއް އެ ބޭންކުން ނަގާނެ އެވެ.

ދުވާލެއްގެ މައްޗަށް ޕީއޯއެސް މެޝިންތަކުން ނެގޭނީ 5،000ރ. -- ފޮޓޯ: އެމްއައިބީ
ރާއްްޖޭގެ އެކި ކަންކޮޅުތަކަށް އަވަސް މުސްތަގުބަލެއްގައި މި ހިދުމަތް ފުޅާކުރާނެ ކަމަށް އެމްއައިބީން ބުނެ އެވެ. މިއާއެކު، ވަގުތުން ވަގުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ބޭންކުގެ ކަސްޓަމަރުންނަށް ފައިސާ ޖަމާކޮށް ނެގުމުގެ މަގު ފަހިވެގެންދާނެ އެވެ.
އެކި ރަށްރަށުގައި މި ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އެންގުމަށް އެމްއައިބީން ވަނީ އެދިފަ އެވެ.
އެމްއައިބީން ވަނީ ދާދިފަހުން ވަގުތުން ލިބޭ ވިސާ ކާޑެއް ވެސް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަށް އެދެވޭ ބަދަލުތަކެއް ގެނައުމަށް އެ ބޭންކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









