ސަހަރޯ އެވެ! މިރޭ މެންދަމަކީ އަހަރެން ކުރަން އޮތް މަސައްކަތެއްގެ ސުންގަޑި އެވެ. ނިންމަން ހިފަންވީ އެވެ. އުނހު! އަދި އެއްޗަކަށް ވާނީ ސައިބޮއިގެން މަސައްކަތަށް އިށީނީމަ އެވެ. ސައިތައްޓެއް ހަދަން ފެން އުދާފައި ބަދިގެތެރެއަށް ކަޅިއެއް އެއްލައިފީމެވެ. ރޯދަމަސް ބޯމަތިވަނީ އެވެ. ބޮޑު ސާފެއް ކުރަން އެބަޖެހެ އެވެ. މިއަދުވެސް ކޮންމެވެސް ވަރެއް ކުރަން ވާނެ އެވެ. އެއް އަލަމާރި ތަރުތީބު ކޮށްލާނީ އެވެ. ދޮރު ހުޅުވާލައިފީމެވެ. ޖޯޑުތަކުގެ ބިއްދޮށުން އެ ބޯދެނީ ކޮން ނޫ ކޮތަޅެއް ހެއްޔެވެ؟ ގޮނޑިއެއް ގާތްކޮށް، އެއަށް އަރައި، ހުރިހައި ޖޯޑެއް ނަގައި މޭޒުގައި ބެހެއްޓުމަށްފަހު އެ ކޮތަޅު ނަގައިފީމެވެ. އަސްތާ މި އޮތީ ގެއްލިފައި އޮތް ޕާސްތާ ޕެކެޓެކެވެ. ގެރެންޓީ ހަމަވާން އެންމެ މަސްދުވަހަށް ވެފަ އެވެ. ހަނދާން ހުއްޓާ މި ކައްކަން ވާނެ އެވެ. މިއަދު ކައްކާނީ އެވެ. އައިސްއަލަމާރީގައި ލީކްސް އެބަހުރި ބާވަ އެވެ؟ ގޮނޑިން ފައިބާ ކޮތަޅު ހިފައިގެން އައިސްއަލަމާރިއާ ދިމާއަށް ހިނގައިގަތްތަނާ ފޯނު ރިންގުވެއްޖެއެވެ. މި ގަޑީގަ ދެން ކާކު ހެއްޔެވެ؟
"ކޮބާ ނިމިއްޖެ؟ މިރޭ ފޮނުވާނަން ދޯ؟" ސުވާލުކުރަނީ ބޮޑުމީހާ އެވެ. އަމިއްލަ ނަފުސަށް ނެތް އިތުބާރު އަޑުން ކަޝްފުވެދާނޭތީ ބިރުން ހުރެ "މައްސަލައެއް ނޯންނާނެ"އޭ މި ބުނީ ކީއްވެގެން ހެއްޔެވެ؟ ސައިބޯން އުޅުނު މީހާ މި ކުރަނީ ކީއްހެއްޔެވެ؟ ބަދިގެއަށް ކަޅިއެއް ހިންގާލުމުން އިތުރަށް ބޮލުގައި ރިއްސައިގަތެވެ. މިއިން ދުވަހަކު ބޭނުންނުކުރާ ޖޯޑުތައްވެސް މިހިރީ ކަބަޑުން ނެރެ މޭޒުމަތީ އަތުރާލެވިފަ އެވެ. ކަރަންޓު ފިނި ތަވާ ނިވި ފެންފޮދު ތާފަނާވެފަ އެވެ. އަނެއްކާވެސް ފުން ނޭވާއެއް ލާފައި، ބޭކާރު ޚިޔާލުތަކުގެ ބޯ ޖަންގަލިން ނިކުމެ، މަސައްކަތު މޭޒާ ދިމާއަށް ދާނޭ މަގެއް ކޮށާނަމޭ ހިތައިގެން، ތަށިތައް އަލުން އަލަމާރިއަށްލައި ތާފަނާ ފެނުން ސައިތައްޓެއް ގިރައިގެން އެވެސް ބޯލައިފީމެވެ. އެއްދޮނުގައި ދެ ބުޅި ޖަހާނަމޭ ހިތައި، ތަށިތަށް ލުމުގެ ކުރިން އެ އަލުން ދޮވެ، ވަތްގަނޑުގައި އަޅާފައިހުރި ކުނާ ބަދަލުކޮށް، ރޯދަ ތައްޔާރީއަށްވެސް ކޮންމެވެސް ކަމެއް ކޮށްފީމެވެ.
އެކަމަކު، ބުރަކައްޓަށް ތަދެއް އަރައިފި އެވެ. ކުރިން ހުސްކޮށް ލިބުނު ދެ ގަޑިއިރު، ބައިގަޑިއިރަށް ކުރުވެއްޖެ އެވެ. އިސާހިތަކު، ދަރިފުޅު ސްކޫލަށް ގެންދަންޖެހޭނެ އެވެ. ދެން މަސައްކަތް ފައްޓާނީ އޭނާ ސުކޫލަށް ލާފަ އައިހެވެ. އެހާއިރަށް ވަރުބަލި ފިލުވައިލާންވީ އެވެ. ލަސްނުކޮށް މަސައްކަތް ފައްޓާނޭ ހިތްވަރު ހޯދުމުގެ ނިޔަތުގައި ލެޕްޓޮޕް ޗާޖަށް ޖަހައިފީމެވެ. މަޢުލޫމާތު ފޮތްތަކާއި ނޯޓުފޮތްތައް އެއްކޮށް ތަރުތީބުކޮށްފީމެވެ. ބުރަކަށި ދަމާލަން ވިސްނާލިއިރު، ސްކޫލް ދޮށަށް ދާން ކުޑަ ވަގުތުކޮޅަކަށް ވެއްޖެ އެވެ. ދަރިފުޅު ތައްޔާރުކޮށް ސްކޫލަށް ލާފައި އައިއިރު ބޮލުގައި ވިންދުޖަހާފައި ގަދައަށް ރިހެ އެވެ. މާރިޗު މަހުން އެއްދުވަސް ވޭތުވާއިރަށް މާރިޗުގެ ހޫނުގެ ކަންތައް ލައިގަތީތާ އެވެ! ލެޕްޓޮޕް އަހަންނަށް ގޮވައެވެ. އެހެންނަމަވެސް އެއަށްވުރެ ބާރަށް ގޮވަނީ އެނދެވެ.
ނިދުނީ އެވެ. އެއް ގަޑިއިރު ގެއްލުނީ އެވެ. މަސައްކަތް ނުނިމި އޮއްވައި ނިދުމުން، އެ ނިދީގެ އަރާމުދެކެވެސް ނަފުރަތުވެއްޖެ އެވެ. ލޮލާ އެވެ! ތިޔަ ދިނީ ކޮންކަހަލަ ކެއްސެއް ހެއްޔެވެ. ސިއްސައިގެންގޮސް ލޯ ހުޅުވުނަސް ސިކުނޑި ހުޅުވޭނީ މޫނުދޮވެލާ ތާޒާވެލީމާއޭ ހިތައި ފާހަނާއަށް ވަދެފީމެވެ. ބޯ ހަލާކެވެ! އެ ކުއްޖާފުޅު ސްކޫލަށް ދާން ދަތް އުނގުޅި އިރު މިހިރީ މޫނު ދޮންނަ ތައްޓަށް ދަތް އުނގުޅާ ބޭސް އެޅިފަ އެވެ. ސާފުކޮށްލަން އިސްޕެންޖެއް ނަގަން އިސްއުފުލާލުމުން ހަރުގަނޑުން "ހާޕިކު" ފުޅި ފެނިއްޖެ އެވެ. މި ފުރުޞަތުގައި މުޅި ފާޚާނާ ދޮވެލަންވީ އެވެ. މިކަން ނިމޭއިރު، ގައިމު ހުންނާނީ ހޭލެވިފައިތާ އެވެ. އަތުހުރި ބާރެއްލައި ތަށިމުށިތައް އުނގުޅާ ހިތްހަމަޖެހޭ ވަރުވުމުން ހުއްޓާލިއިރު، މީހާ ހުރީ ދަލުން ފޯވެފަ އެވެ. ފެންވަރާލަން ވީއެވެ. އާ ސައިބޯންޏެއްވެސް އެބައޮތެވެ. ވަރަށް މީރުވަސް ދުވަ އެވެ.
ދެންމެ ދޮވުނު ފާޚާނާއެއްގައި ފެންވަރާލުމަކީ އަދި ތަފާތު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. ގިނައިރުވީ އެހެންވެގެން ކަންނޭނގެ އެވެ. އެ އިވެނީ ދަރިފުޅުމެން ގޮވައިގެން އައި އަޑެވެ. ދެން މަސައްކަތް ކުރެވޭނީ އެކުދިން ނިދީމަ އެވެ. "އަމާ ޑިއުޓީ" ޖެހުނީއެވެ. އެހެން ޒިންމާތައް އަދާކުރަމުންދާއިރު، މަސައްކަތާ ގުޅޭ ހާދަ ގިނަ ވިސްނުންތައް ވިސްނެއެވެ. ލެޕްޓޮޕް ހުޅުވާލާއިރަށް، އެހުރިހާ ޚިޔާލަކާއި ވިސްނުމެއް ރާސްލާފައި އެ ދަނީ ކޮން ދުނިޔެއަކަށްބާވައެވެ. ދެން މަސައްކަތް ކުރެވޭނީ މި ކުދިން ނިންދަވާފަ އެވެ.
ނިދާހެދުން ލާނީ މަސައްކަތް ނިންމާފަ އެވެ. އެހެން ނޫނީ ހައްޓަށް ފަސޭހަވެގެންގޮސް ނިދިދާނެ އެވެ. އަޅެ ދޮށީ ސޮރަށް އެ ނިދުނީ އަހަރެންގެ އަތް މަތީގަ އެވެ. އަތް ދަމައިގެންފިއްޔާ ހޭލެވިދާނެދޯ އެވެ؟ އޮވެލާނީ އެވެ. ފޯނު ސޯނާކޮށްގެން ގަޑިއިރެއް ފަހުން ތެދުވެ މަސައްކަތް ފައްޓާނީ އެވެ. އޭރުން މީހާ ހުންނާނީ ތާޒާ ވެފަ އެވެ. ގޭތެރެ އޮންނާނީ ހިމޭންވެފައެވެ. އަރާމުގައި މަސައްކަތްކޮށްލާނޭ ވަގުތު އަދި އެބައޮތެވެ.
އެކަމަކު ސަހަރޯ އެވެ. އަހަރެންގެ މޮޔަ ސިކުނޑިއަށް އަޑުއިވުނު ސޯނާއަކީ މަގުމަތީ އުޅަނދުތައް ދުއްވާ އަޑެވެ. ހެނދުނުގެ އެކި ދަތުރުތަކަށް ސޯސަންމަގު ފަރިވެލި އަޑެވެ. ސުންގަޑި ފަހަނައަޅައިދިޔައީ އެވެ. މިއީ މަގޭ މައްސަލައެއް ހެއްޔެވެ؟ "ޕްރޮކްރެސްޓިނޭޝަނަކީ" މިއީ ހެއްޔެވެ؟ ނޫނީ މިއީ އަހަރެންގެ ފަރުވާކުޑަކަން ހެއްޔެވެ؟ "ބޮސް" އަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މަޢާފަށް އެދި މެސެޖެއް ކޮށްލީމެވެ. ޖަވާބުގައި އައީ ފިނި "އޯކޭ" އެކެވެ. މިއަދަށް ނިންމަން ވަޢުދު ވީމެވެ. ފުއްދޭނެކަމުގެ އެއްވެސް އިތުބާރެއް ނެތި ހުރެމެ އެވެ.








