މެޑްރިޑް (މާޗް 6) - ސްޕެނިޝް ލީގުގައި މިރޭ ފަހަތުން އަރައި އެލްޗޭ އަތުން 2-1 އިން މޮޅުވެ، ބާސެލޯނާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަަނައިގައި އޮތް ސެވިއްޔާ ވަނީ 27 މެޗު ކުޅެފަ އެވެ. ރެއާލަށް 63 ޕޮއިންޓް ލިބިފައިވާއިރު، ސެވިއްޔާ އަށް ވަނީ 55 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އާއި ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 48 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ ވަނީ ރޭ ރެއާލް ބެޓިސް އަތުން 3-1 އިން މޮޅުވެފަ އެވެ. ބެޓިސް ފަސް ވަނައިގައި އޮތީ 46 ޕޮއިންޓް ހޯދައިގެންނެވެ. ގަދަ ފަސް ޓީމު ތެރޭގައި އޮތް ޓީމުތަކުގެ ތެރެއިން އެއް މެޗު މަދުން ކުޅެފައި އޮތީ ބާސެލޯނާ އެވެ.
އެލްޗޭ ދަނޑުގައި ބާސެލޯނާ އަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފުގައި ލިބުނީ އޮސްމާން ޑެމްބެލޭ އަށެވެ. އެލްޗޭ އޭރިއާތެރެއިން ޑެމްބެލޭ އަށް ހުސްކޮށް ލިބުމުން އޭނާ މަސައްކަތް ކުރީ އެލްޗޭ ކީޕަރު އެޑްގާ ބަޑީއާ ބޯމަތިން އޮއްސާލުމަށެވެ. އެކަމަކު، ބަޑީއާ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އެލްޗޭ އިން ލީޑުނެގީ ކެޕްޓަން ފިޑެލް ޗާވެސް ޖެހި ގޯލުންނެވެ. ބާސެލޯނާގެ ޕެޑްރީ ގޮންޒާލޭޒް އަތުން ފަަހަތަށް ދިޔަ ބޯޅައެއް ހޯދައި ފިޑެލް މި ގޯލު ޖެހީ ތިިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ބޯޅަ ހުއްޓުވަން ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ބާސެލޯނާ އިން ދެ ވަނަ ހާފުގައި ކުޅެން ނުކުތީ ގަވީގެ ބަދަލުގައި ފެރާން ޓޮރޭޒް ކުޅެން އަރުވައިގެންނެވެ. މެޗުގެ 60 ވަނަ މިނިޓްގައި ބާސެލޯނާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ފެރާން އެވެ. އޭރިއާތެރެއަށް ނެގި ހުރަހެއް ޖޯޑީ އަލްބާ ފައިގައި ޖެހިފައި އޭރިއާތެރެއިން ފެރާން އަށް ލިބުމުން އޭނާ. ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗުން ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ ވެސް ބަދަލަކަށް އެރި ކުޅުންތެރިއެކެވެ. ލިބުނު ޕެނަލްޓީ އަކުން މެޗުގެ 84 ވަނަ މިނިޓްގައި މި ގޯލު ޖެހީ މެމްފިސް ޑިޕާއި އެވެ. މިއީ ޑިޕާއި އޭރިއާތެރެއިން އެލްޗޭގެ އެންޓޯނިއޯ ބަރަގާން ކައިރިން ނައްޓަން އުޅުނު ބޯޅައެއް އޭނާ އަތުގައި ޖެހުމުން ދިން ޕެނަލްޓީ ޑިޕާއި ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގައި އެލްޗޭގެ ގީޑޯ ކަރީއޯ ބޮލުން ޖެހި ބޯޅައެއް ކީޕަރު ސްޓެގެން ވަނީ މަތަކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ބާސެލޯނާއާ ޒަވީ ހަވާލުވިއިރު އެ ޓީމު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ. އެކަމަކު، އެ ޓީމުގެ ހާލަތު ބަދަލުކޮށް، މިދިޔަ ޑިސެމްބަރު މަހަށް ފަހު ބާސެލޯނާ ލީގު މެޗަކުން ބަލިނުވެ އޮތްއިރު، ފަހަކަށް އައިސް ބާސެލޯނާ އަންނަނީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއްގައި ރަނގަޅަށް ކުޅެމުންނެވެ.












