ގދ. ގައްދޫ ހަމަ ކޮންމެ މީހަކު ގާތު އަހާލިޔަސް, މާބޮޑު ފަހުރަކާއި ޝަރަފަކާއެކު މޭމަތީ އަތް ބާއްވާލައިގެން ކިޔައިދޭ ވާހަކައެއް އޮވެ އެވެ; އެ ރަށަށް ޒަމާނީ ތައުލީމުގެ ދަންމަރު ގެނައުމަށް ރަށުގެ ހުރިހާ ރައްޔިތުން އެކުވެރިކަމާއި އެއްބައިވަންތަކާ އެކު ވީ ބޮޑު ގުރުބާނީގެ ހަނދާނެވެ. އެ ދުވަހު ގައްދޫ ރައްޔިތުން ސިއްސުވާލީ ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރުގެ ވަފުދެވެ.
"އެ ޖެހުނު އެއްޗެއް ގޮސް އެތަނަށް [ރަށުގެ ފަޅު ތެރެއަށް] އެޅީ, އެހެން އަޅައިގެން ބޮޑު ބިމެއް ހިއްކާލީ. އެކަމުގައި އަހަރެމެން އެންމެން އުޅުނީ, ހުރިހާ ރައްޔިތުން ނުކުތީ, ގޭގެ ރާނަން އެއްކޮށްފައި ހުރި ގާފުނިތައް ވެސް ގޮސް އެތަނަށް އަޅާލީ," މިހާރު އުމުރުން 78 އަހަރުގެ މަރިޔަމް އިސްމާއިލް, އެ ދުވަސް ހަނދާނަށް ގެނަ އެވެ.
އޭރު ޅަ ކުއްޖެއްގެ ގޮތުގައި ހުރި އައިޝަތު އަފީފާގެ ހަނދާންތައް ވެސް ހުރީ އެހެނެވެ. ރަށުގެ ޖޯޝު އޭގެ އެންމެ ފުންމިނުގައި ގައްދޫގައި އޮތް އެ ދުވަހު, މަންމަމެން މަސައްކަތު ފޮނުވާލައި, ކޮއްކޮމެން ގޮވައިގެން ގޭގައި އިނީ އަފީފާ އެވެ. އޭނާއަށް ފެނުނީ ރަށުގެ އެންމެން ހޭބޯނާރާ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ތަނެވެ. އެކަމުގައި އޭނައާ އެއް ފުރާ ބައެއް ކުދިން ވެސް ނުކުމެ އުޅުނެވެ.
އެއީ, 1983 ވަނަ އަހަރެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގދ. އަތޮޅު މަދަރުސާ ގައްދޫއަށް ބަދަލުކުރުމަށް ނިންމެވި އެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގައްދޫގައި ސްކޫލް އެޅުމަށް ނިންމި ނަމަވެސް, މަސައްކަތް ފެށުމަށް ރަށަށް ގޮސް ބެލިއިރު, އެކަމަށް ކަމުދާނެ ބިމެއް ރަށަކު ނެތެވެ. އަޅަން ނިންމާފައި އޮތީ ދެ ކްލާސްރޫމަކާއި ފާހަނަބަރިއެއް އަދި އޮފީހެކެވެ.
ޖަޕާނު ސަރުކާރުގެ ވަފުދާއި ސަރުކާރުގެ ވަފުދު, ގައްދޫން ފައިބައިގެން ދިޔައީ އަތޮޅު މަދަރުސާ އެ ރަށުގައި ނޭޅޭނެ ކަމަށް ނިންމައިގެންނެވެ. އަތޮޅުގެ އެހެން ރަށަކުން އެކަމަށް ބިމެއް ހޯދުމަށެވެ. ގައްދޫއަށްފަހު ދެން ލިސްޓްގައި އޮތީ ފަރެސްމާތޮޑާ އެވެ. އެކަމަކު, ގައްދޫ ރައްޔިތުންނަށް އެކަމަށް ކެތްނުކުރެވުނެވެ. ރަށަށް އަންނަން އޮތް ތަރައްގީއެއް, ހާއްސަކޮށް ތައުލީމީ ބޮޑު ވަސީލަތެއް އަތުން ބީވެގެންދާކަށް ހިތެއް ނުރުހުނެވެ.
އެ މަސައްކަތުގައި އިސްކޮށް އުޅުއްވި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާ ކޮމިޓީގެ މެންބަރު ގައްދޫ ހަސަން ހުސެއިން މަނިކުގެ ގޮވާލެއްވުމަށް ރަށު އޮފީސް ދޮށަށް ރައްޔިތުން އެއްވެއްޖެ އެވެ. އޭނާ ރައްޔިތުންނަށް ދެންނެވީ ސްކޫލަށް ބިމެއް ބޭނުންވާ ކަމެވެ. އެ ބިން ހޯދުމަށްޓަކައި މޫދުން 600 ފޫޓް ދިގު އަދި 300 ފޫޓްގެ ބިމެއް ހިއްކަން ޖެހޭ ކަމެވެ. ފަޅު ތެރޭ އެ ސަރަހައްދުގައި ތިން ފޫޓާއި ހަ ފޫޓްގެ ފުންމިން ހުއްޓެވެ.

ރައްޔިތުން ނުކުމެ ހިއްކި ބިމުގެ ސަރަހައްދު: އެތަނުގައި އެޅީ އަތޮޅު މަދަރުސާ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ރައްޔިތުން ވަގުތުން އެކަމަށް އަތުކުރި އޮޅާލި އެވެ. އަދި ގޮވާލި އެވެ. "ވެރިން ބިން ބޭނުން ވަނީ ކޮން އިރަކަށްތޯއޭ".
"މާދަމާ ވެސް ބޭނުމޭ," ވިދާޅުވެ ހަސަން މަނިކު, ކަމުގައި އަވަސްކުރަން ޖެހޭ މިންވަރު ރައްޔިތުންނަށް ބުނެދެއްވި އެވެ. ހަސަން މަނިކު ދެން ގޮވާލެއްވީ 25 ނަމެކެވެ. ބިން ހިއްކުމުގެ ރައްޔިތުންގެ މަޝްރޫއުގައި ނަގާ ކިޔާނެ މީހުންނެވެ. އެމީހުންގެ ފަހަތުން ރައްޔިތުން މަސައްކަތަށް ނުކުތުމަށް އޭނާ ގޮވާލެއްވީ ވަރުގަދަ ޖޯޝަކާއި ހިތްވަރަކާ އެވެ.
"ހަމަ މިހާރުން މިހާރަށް މަސައްކަތް ފަށައިގަނޭ," ހަރުއަޑުން ގޮވާލެއްވި އެވެ. ރައްޔިތުން ދުއްވައިގަނެއްޖެ އެވެ. ހޯއްބޯލަވާފައި އަންހެނުންނާއި ފިރިހެންވެރިން ދުއްވައިގަތުމުން އެ އަޑު އިވުނު އެންމެން ވެސް އެކަމަށް ނުކުމެ ރަށް މުޅީން އެކަށް އެކަމަށް ހުސްވެއްޖެ އެވެ!
ގައްދޫގެ އެ އާދަޔާހިލާފު ދުވަހުގެ ޖަޒުބާތުތައް އޭރުގެ ކުޑަކަތީބު އަހުމަދު ސައީދު ހިއްސާކުރައްވަމުން ގެންދެވި އެވެ;
އޭރުގެ ކުޑަކަތީބު އަހުމަދު ސައީދު ކިޔައިދެއްވި ގޮތުގައި, ރޫހާއި ފޯރި އިތުރުކުރުމަށްޓަކައި ހަސަން މަނިކު ކުރެއްވި ކަމަކީ ބިން ދެ ބަޔަކަށް ބަހާލުމެވެ. އަދި, އުތުރު ކޮޅު މީހުންނަށް ދެކުނަށް އޮތް ބައި ހިއްކަން ހަވާލުކޮށް, ދެކުނު ކޮޅު މީހުންނަށް އުތުރަށް އޮތް ބައި ހަވާލުކުރި އެވެ. އަދި, އަވަހަށް ބިން ހިއްކައި ނިންމާލާ ބަޔަކަށް 500 ރުފިޔާގެ އިނާމެއް ކަނޑައެޅި އެވެ. "އޭރަށް ބަލާއިރު އެއީ ވަރަށް ބޮޑު އަދަދެއް," އަހުމަދު ސައީދު ވިދާޅުވި އެވެ.
"ސުބުހާނަالله! ދެން އެ ފަށައިގަތީ, ރުއްތައް ކަނޑައިގެން ރުއްތައް ވެސް ގެންދަނީ, އަތިރި މަތީ ހުރި ކުނިތައް ވެސް ގެންދަނީ, އަތުގަ ޖެހުނު އެއްޗެއް ގެންގޮސް އެޅީ އެތަނަށް, ހަމަ އެ ރޭ ވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދިޔައީ," ސައީދު ވިދާޅުވި އެވެ.
ފިރިހެން ވެރީންގެ އެކި ގުރޫޕްތަކުން ރުއްތައް ކެނޑުމާއި ގާ ނެގުމާއި ވެލި ހޯދުން ފަދަ މަސައްކަތުގައި އުޅުނުއިރު, އަންހެންވެރިންގެ މަސައްކަތަށް އޮތީ ފިރިހެނުން ގެނެސް އަޅައި ތަކެތި އެއްވަރުކުރުމެވެ. އަނެއް ބައި އަންހެންވެރިން ތިބީ މަސައްކަތްތެރިންނަށް ކެއުމާއި ސަޔާއި ފަންޏާއި ދުފުން ތައްޔާރުކޮށް ފޯރުކޮށްދޭށެވެ. އެކަމަށް ތިން ސަރަހައްދެއްގައި އަންހެނުންގެ ތިން ޖަމާއަތެއް ހަދާފައި އޮތެވެ.
"އެއީ, އާދަޔާހިލާފު ޖޯޝަކާއި ފޯރިއެއް," އަހުމަދު ސައީދު އެ ދުވަސް ހަނދާން ކުރައްވަނީ ވަރަށް ބޮޑު އުފަލަކާއެކު އެވެ.

އޭރުގެ ކުޑަކަތީބު އަހުމަދު ސައީދު އެ ދުވަހުގެ ހަނދާންތައް ހިއްސާކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެ ދުވަހުގެ ހަވީރު ފެށި މަސައްކަތް, ރޭގަނޑަށް ވެސް ހުއްޓާލުމެއް ނެތި ކުރިއަށް ގެންގޮސް އަނެއް ދުވަހުގެ އިރުއެރިއިރު ބިން އޮތީ ހިއްކިފަ އެވެ. މިހާރު އެތަނުގައި އޮތީ މޫދު ލޮނުގަނޑެއް ނޫނެވެ. ރައްޔިތުން ގެނެސް އެޅި އެކި ސާމާނެވެ.
އެކަމަކު އެވަރުން އަދި ނުނިމެ އެވެ. ހަސަން މަނިކު ރައްޔިތުންނަށް އެންގީ މުޅި މަސައްކަތް ނިމޭނީ ފަން އަޅާފައި މައްޗަށް ދޮންވެލި ލުމުން ކަމެވެ. ފަހަތަށް ބަލާނެ ހަމަ އެންމެ ރައްޔިތަކު ވެސް ނެތެވެ. ރައްޔިތުން "އާނ! ހިނގާށޭ" ކިޔައި, އެ މަސައްކަތުގައި އުޅެގަތެވެ. އެއް ބަޔަކު ފަން ކޮށައިގެން އައިސް ފަން އަޅަމުންދިޔައިރު އަނެއް ބަޔަކު ދިޔައީ ކައިރީގައި އޮތް ގަމަށް ދޮންވެލި ނަގާށެވެ. ދޮންވެލި ލައި, ބިން ހިއްކުމުގެ މަޝްރޫއު ނިންމައި, ރައްޔިޔުން ހިންދެމިލީ އެ ރޭ އެވެ. ދެ ދުވަސް ވެސް ނުވަނީސް އެ ބޮޑު މަސައްކަތް ރައްޔިތުން ނިންމީ އެވެ. އެކަންވީ ސަރުކާރާއި ޖަޕާނުގެ ވަފުދު ވެސް ސިއްސުވާލި ކަމަކަށެވެ;
އޭގެ އަނެއް ދުވަހު ސަރުކާރާއި ޖަޕާނުގެ ވަފުދު ގައްދޫއަށް އައިސްފި އެވެ. ކުރިން މޫދުގެ ލޮނުގަނޑު އޮތް އެ ތަނުން ވަފުދަށް ފެނުނީ ސަރާސަރު ބިމެކެވެ. ހައިރާންކަމާއެކު އެމީހުން ކުރަމުން ދިޔައީ އެއް ސުވާލެކެވެ.
"ކޮބާހޭ ހައިމާކު, ކޮބައިހޭ ވެހިކަލް ނެތް ތަނެއްގަ ކިހިނެއްހޭ މިތަން ހިއްކައި ނިންމާލީ!"
ރައްޔިތުންގެ ޖަވާބަކަށްވީ "މޭން ޕަވަރުގަ" ކަމެވެ.
ފަރެސްމާތޮޑާއިން ބިން ހޯދައި, ހުރިހާ ކަމެއް ފައިނަލްކޮށްގެން އައި އެ ވަފުދަށް ރައްޔިތުންގެ އެ ބުރަ މަސައްކަތުގެ ހަދިޔާއެއް ގޮތުން ނާއުއްމީދެއް ދޭން ނުކުރުނެވެ. ފަރެސްމާތޮޑާގައި ސްކޫލް އެޅުން ކެންސަލްކޮށް ގައްދޫގައި ވަގުތުން މަސައްކަތް ފަށައިގަތެވެ. ރައްޔިތުން ބޭނުންވި ގޮތެވެ. މާގިނަ ދުވަހެއް ނުވެ, ސްކޫލް އަޅައި ނިންމައި ކިޔަވައިދޭން ފެށި އެވެ. ގައްދޫގައި އެ ދުވަހުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ވެސް ކިޔައިދިނުމަށް ބޭނުން ކުރަމުން ދިޔައީ ރައްޔިތުން ހިއްކި ބިމުގައި އެޅި ސްކޫލްގަ އެވެ.
އަދިވެސް ރައްޔިތުންގެ ހިއްކި އެ ބިމުގައި އެޅި ސްކޫލް އިމާރާތް އެބަހުއްޓެވެ.

ގައްދޫ ރައްޔިތުންތަކެއް: ބިން ހިއްކި ދުވަހަކީ މުޅި ރަށް ފަހުރުވެރިވާ ފަދަ ދުވަހެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ރަށުގެ ކަތީބުކަން ވެސް ކުރެއްވި އަހުމަދު ސައީދު ވިދާޅުވި ގޮތުގައި, އެ ދުވަހު ގައްދޫ ހުރިހާ ރައްޔިތުން ވެސް ތިބީ އެއް ޝިއާރެއްގެ ދަށުގަ އެވެ. "އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގެން އުޅުމަކީ ނިކަމެތިކަމެކެވެ." އޭނާ ގަބޫލުކުރައްވާ ގޮތުގައި, އެ ޝިއާރުގެ ދަށުގައި ތިބެގެން މުޅީން ވެސް ލިބޭނީ މޮޅާއި ކާމިޔާބެވެ.
"އޭރުގެ ރައްޔިތުންނަކީ އަބަދުވެސް ކަތީބުންނަށް ވަރަށް އިހްތިރާމް ކުރާ ބައެއް, ކަތީބަށް ފެންނަ ކަމަކީ ފަރުދީ ހައިސިއްޔަތަކުން ނޫން އެ އިޖުތިމާއީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް, މި ރަށުގެ ރައްޔިތުންނަކީ އެ ދުވަސްވަރުގަ އެއްބައިވަންތަ ރޫހެއްގަ އިޖުތިމާއީ ގޮތުން ކުރެވޭ ކަންކަން ކުރަމުން އައި ރައްޔިތެއް އުޅުނު ރަށެއް," ފަހުރުވެރިކަމާއެކު އަހުމަދު ސައީދު ވިދާޅުވި އެވެ.
"އެއްވެސް ކަހަލަ ދަތިކަމެއް އެެއްވެސް ރައްޔިތެއްގެ ފަރާތުން ތަރައްގީގެ މަސައްކަތަށް ލިބިފައެއް ނެތް,"












