ރިޕޯޓުރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ހެދި ބައިނަލްއަގްވާމީ ގުޅުންތައް އެފުށް މިފުށަށް

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ހެދި ބައިނަލްއަގްވާމީ ގުޅުންތައް އެފުށް މިފުށަށް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ އެކު. -- ފޮޓޯ: އިކޮނޮމިކް ޓައިމްސް
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ އެކު. -- ފޮޓޯ: އިކޮނޮމިކް ޓައިމްސް

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިތާ 12 ދުވަސް ވެއްޖެ އެވެ. އެ ހަނގުރާމައިގެ އަސަރުތައް ދުނިޔޭގެ ހުރިހާ ގައުމަކަށް މިހާރު ދަނީ ކުރަމުންނެވެ. އިގްތިސާދީ ބޮޑެތި ލޮޅުންތައް އަންނަމުންދާ އިރު، ޒަމާންތަކެއް ވަންދެން އޮތް ބައިނަލްއަގްވާމީ ގުޅުން އެފުށް މިފުށަށް ޖެހިއްޖެ އެވެ.

ރަޝިއާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައަކީ ދުނިޔޭގެ ކަންކަން އެތުރިފައިވާ ނިޒާމަށް ބޮޑު ގޮންޖެހުމެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ވަކި ގޮތަކަށް ކަންކަން ބައްޓަން ކުރަމުން އައިސް، ކުއްލިއަކަށް ސުލްހައިގެ އަހަރުތަކަށް ހުއްޓުމެއް އައީ އެވެ.

ފިނި ހަނގުރާމައަށް ފަހު ޔޫރަޕްގައި ބޮޑު ގައުމަކުން ކުޑަ ގައުމަކަށް އަރައި، ހަމަލާއެއް ދިނުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ދެކުނު އެތައް ބަޔަކު މިއަދު ތިބީ ސިހުމެއްގަ އެވެ. ނަތީޖާއެއްގެ ގޮތުން ގައުމުތަކުގެ ވިސްނުމާއި ސިޔާސަތުތައް ކުއްލިއަކަށް މުޅިން ބަދަލުވެއްޖެ އެވެ.

ރަޝިއާ ބާކީވެފައިވާ ދައުލަތަކަށް

ރަޝިއާގެ އަމަލުތައް ކުށްވެރި ކުރުމަށް ޔޫރަޕް، އެމެރިކާ އަދި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވާހަކަދެއްކެވީ އެއް އަޑަކުންނެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދުގެ މައްޗަށް ކަންކަން ބިނާކުރަމުން އައި އުސޫލަށް ގޮންޖެހުމުގެ ގޮތުގައި ސިފަކުރި އެވެ.

ރަޝިއާއަށް އަދަބު އައީ އަވަސް އަދި ވޭންހުރި ގޮތަކަށެވެ.

ރަޝިއާގެ މާލީ ނިޒާމު ބަލިކަށިކޮށްލުމުން ފެށިގެން ގޮސް ސީދާ މަހުޖަނުންނާއި ރައީސް ލެޑިމިއަ ޕުޓިންއަށް ދަތި ކުރަން ނިންމި އެވެ. ޔޫރަޕުގެ ވައިގެ ސަރަހައްދުން ރަޝިއާ މަނާކޮށް، ބައިނަލްއަގްވާމީ ކުޅިވަރުތަކުން ވެސް އެކަހެރި ކުރި އެވެ. ހުޅަނގުން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަން ފެށީ ކުރިން ހީނުކުރާވަރުގެ ބޮޑު ފިޔަވަޅުތަކެކެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި މުސްތަގުބަލުގައި ރަޝިއާއަށް އޮތީ އެކަނިވެރިކަމެވެ. ރަޝިއާ ވާނީ ބާކިވެފައިވާ ދައުލަތަކަށެވެ. ބައިނަލްއަގްވާމީ ނިޒާމުގައި އާދައިގެ ގުޅުންތަކެއް އެހެން ގައުމުތަކާ އެކު ކުރިއަށް ގެންދަން ރަޝިއާއަށް ހުރަސް އެޅޭނެ އެވެ.

ނޭޓޯ ނިދިން ހޭލައްވާލުން

ދެހާސް ނަވާރަ ވަނަ އަހަރު ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވީ ނޭޓޯ އޮތީ ސިކުނޑި މަރުވެ ކޯމާއެއްގައި ކަމަށެވެ. އޭރު ނޭޓޯގެ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ.

ނަމަވެސް އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑެން އިންތިހާބުވުމުން މަސައްކަތް ފެށީ ނޭޓޯއަށް އާ ދިރުމެއް ގެނައުމަށެވެ. އެއީ ޗައިނާ އާއި އެމެރިކާގެ ހަލަބޮލި ގުޅުމުގައި ނޭޓޯއަށް ބަރޯސާވެވޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު އޭގެ ސަބަބުން ނޭޓޯގެ ތެރޭގައި އުފެދުނީ އިތުރު ދެބަސްވުންތަކެވެ. ބައެއް މެމްބަރުން ބުނީ ޗައިނާއާ ކުރިމަތިލުމަކީ ނޭޓޯގެ މިޝަންގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ފިނި ހަނގުރާމަ ފެށުމާ އެކު އުފަންވި ނޭޓޯގެ މިޝަން ނުވަތަ އަމާޒަކީ އޭރުގެ ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިއާ) އިން ޔޫރަޕް ރައްކާތެރި ކުރުމެވެ. އެކަން ކުރާނީ ނިޔުކްލިއާ "ސުޕާޕަވާ" އެމެރިކާގެ ކުޑައިގެ ދަށުގައި ތިބެގެންނެވެ.

ޔޫކްރެއިންގައި ފެށި ހަނގުރާމައިގެ ސަބަބުން ނޭޓޯގެ އަސްލު މިޝަން "ރީޑިސްކަވާ" ވެފައިވާ ކަމަށް އެނެލިސްޓުން ބުނެ އެވެ. ނޭޓޯ އުފަންވި އިރު އޮތް ދުޝްމަނު، ރަޝިއާގެ ކިބައިން ޔޫރަޕް ސަލާމަތް ކުރަން ގައުމުތައް އަނެއްކާވެސް އެއްބައިވެއްޖެ އެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި ރަޝިއާއިން ޔޫކްރެއިނަށް އެރުމުން ނޭޓޯ ކުރިއަށް ވުރެ ވަރުގަދަވެ، މެމްބަރު ގައުމުތަކުގެ ވިސްނުން އެއް ގޮތް ވެއްޖެ އެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ޖަރުމަނުވިލާތުން އެތައް ޒަމާނެއް ވަންދެން ދެމެހެއްޓި ސިޔާސަތަށް ގެނައި ކުއްލި ބަދަލެވެ.

އެގޮތުން ހަނގުރާމައިގެ މައިދާންތަކަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅު ވިސްނުން ބަދަލުކޮށް، ޖަރުމަނުން ވަނީ ޔޫކްރެއިނަށް އެހީ ވާން ފަށާފަ އެވެ.

ޔޫރަޕުން އަލުން ހަތިޔާރު ނެގުން

ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ފްރާންސް އަލުން ބިނާ ކުރުމުގައި އިސް ދައުރެއް އަދާ ކުރި ޑިޕްލޮމެޓް ޖޯން މޮނޭ ވިދާޅުވެފައިވާ ގޮތުން ޔޫރަޕް ކުރިއަރަނީ ކާރިސާތަކުންނާއި އެ ކާރިސާތަކަށް ހޯދާ ހައްލުންނެވެ.

ޔޫރަޕުގެ އަސްކަރީ ބާރު ވަރުގަދަ ކުރަން ފްރާންސުން ބާރު އަޅާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް ހަތިޔާރު އިތުރުކޮށް، އަސްކަރީ ތަމްރީން ވަރުގަދަ ކުރުމުގެ ބޭނުމެއް ގިނަ ގައުމުތަކަކަށް ނުފެނުނެވެ. އެފަދަ ވިސްނުމެއްގައި ތިއްބައި، ކުއްލިއަކަށް ޔޫކްރެއިން ހަނގުރާމަ ފެށުމުން އީޔޫގެ ގައުމުތަކުން އެންމެ ފުރަތަމަ ވެސް އެއްބަސްވީ އަސްކަރީ ބާރު ވަރުގަދަ ކުރުމަށެވެ.

އީޔޫގެ 27 މެމްބަރު ގައުމުން ވަނީ ޔޫކްރެއިނަށް ދިފާއީ އެހީގެ ގޮތުގައި ބައި ބިލިއަން ޔޫރޯ ދޭން ފާސްކޮށްފަ އެވެ.

އަދި ޖަރުމަނުގެ ޒަމާންވީ ވިސްނުން ދޫކޮށްލައި، ހަތިޔާރު ފޮނުވަން ފެށި އެވެ. ނޭޓޯގައި އެންމެ ކުޑަ ދައުރެއް އަދާ ކުރާ "ރިޒާވް" މެމްބަރެއްގެ ގޮތުގައި އެމެރިކާއިން ޖަރުމަނު ސިފަކުރަނީ އަސްކަރީ ބަޖެޓު ކުޑަކަމުންނެވެ. ނަމަވެސް ޗާންސެލަރު އޯލާފް ޝޯލްޒް ވަނީ ޖަރުމަނުގެ އަސްކަރިއްޔާ ޒަމާނީ ކުރަން ކުރާ ހޭދަ ބޮޑު ތަނުން އިތުރު ކުރަން އިއުލާނު ކުރައްވާފަ އެވެ.

ވަކި އަތަކަށް ނުޖެހި ތިބުމަކީ ފަޅިއެއް ނެގުން

"ވަކި އަތަކަށް ނުޖެހުމަކީ ތާއީދު ކުރާ ފަޅިއެއް ނެތުމެއް ނޫނެވެ."

އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ސިވްޓްޒަލޭންޑުން ފުރިހަމައަށް ތާއީދު ކުރާކަން އިއުލާނު ކުރަމުން ރައީސް އިގްނާޒިއޯ ކެސީސް ވިދާޅުވީ އެހެންނެވެ. ސްވިޓްޒަލޭންޑަކީ "ނިޔުޓްރަލް" ނުވަތަ ވަކި އަތަކަށް ނުޖެހި އޮތުމުގެ ޒަމާންވީ ސަގާފަތެއް އޮތް ގައުމެކެވެ. އެހެން ނަމަވެސް، މި ފަހަރު ނިންމީ އެ ގޮތް ދޫކޮށްލާށެވެ.

ސްވިޓްޒަލޭންޑްގެ އިތުރުން، ނޭޓޯގެ ވިސްނުމަށް އާއްމުކޮށް ތާއީދު ނުކުރާ ފިންލޭންޑާއި ސްވިޑަން އިން ވެސް މިހާރު ދަނީ ނޭޓޯއާ ގާތަށް ދަތުރު ކުރަމުންނެވެ.

ޖަޕާން، ދެކުނު ކޮރެއާ އަދި ސިންގަޕޫރުން ރަޝިއާގެ އަމަލު ކުށްވެރި ކުރި ނަމަވެސް، ވަކި އަތަކަށް ނުޖެހި ތިބީ އިންޑިއާ އަދި ޗައިނާ އެވެ.

ޗައިނާގެ އޮޅުންބޮޅުން ވިސްނުން

ހަނގުރާމައިގެ މައިދާނުގައި ވެސް ރަޝިއާގެ ރަހުމަތްތެރިންތަކެއް އެބަ ތިއްބެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ފުރިހަމަ ތާއީދު އެބަ އޮތެވެ. އޭގެ އިތުރުން ރަޝިއާއިން ޔޫކްރެއިނަށް އެރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ރަޝިއާގެ ރައީސް ޝީ ޖިންޕިން، ޕުޓިން އަށް ތާއީދު ކުރައްވާކަން އިއުލާނު ކުރެއްވި އެވެ.

ޗައިނާއިން ރަޝިއާގެ އަމަލު ކުށްވެރިކޮށްފައެއް ނުވެ އެވެ. އެކަމަކު ތަކުރާރުކޮށް ބުނަމުން ދަނީ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ.

ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކާ އެކު ރަޝިއާ ދުނިޔެއިން ބާކީވެގެންދާ ވަގުތު، މި ގައުމުތަކުން އެހީވާނެ މިންވަރެއް ޖެހޭނީ ވަޒަން ކުރާށެވެ. އެނެލިސްޓުން ދެކޭ ގޮތުގައި ޗައިނާގެ މިސްރާބު ހުރީ ރަޝިއާއާ އެކު ކުރާ ވިޔަފާރި ފުޅާ ކުރުމަށެވެ.

ނަމަވެސް ހަނގުރާމަ ގޯސްވެ، ލޭ އޮހޮރުުން އިތުރުވާ ވަރަކަށް ޗައިނާގެ ވިސްނުން އޮތް ގޮތުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރު ވެސް ދާނީ ބޮޑުވަމުންނެވެ.

އިންޑިއާގެ "ހަމަހަމަ" ވިސްނުން

ޒަމާނީ ގޮތުން އިންޑިއާގެ ހާރިޖީ ސިޔާސަތު ގެންގުޅެނީ ހުޅަނގާއި ރަޝިއާއަށް "ހަމަހަމަ" ކުރަމުންނެވެ. ނަމަވެސް، ހަނގުރާމަ ފެށުމުން ވެސް އިންޑިއާ ހަނު އޮންނާތީ އާއްމުކޮށް ފާޑުކިޔާ މީހުން ގިނަ ވާން ފަށައިފި އެވެ.

"އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމުން، އިންޑިއާގެ ވިސްނުން ވަރަށް ސާފު،" ކުރީގެ ޑިޕްލޮމެޓް ދީޕާ ވަދްވާ ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ އިތުރުން އދ. ގެ އާއްމު މަޖިލީހުގައި ވެސް އިންޑިއާއިން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ. އިންޑިއާއިން މިހާތަނަށް ރަޝިއާ ކުށްވެރިކޮށްފައި ނުވާ އިރު، ވާހަކަތަކުގައި އިސްކަން ދެނީ ޔޫކްރެއިންގައި ތިބި އިންޑިއާގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ ގޮތެއް ބެލުމަށެވެ.

އިންޑިއާގެ ވިސްނުމަށް އަސަރު ކުރަނީ އެ ގައުމުން ވެސް ބިމުގެ އެކި ކަންކަމާ ހެދި ހިޔާލު ތަފާތުވުން ގެންގުޅޭތީ ކަމަށް ބެލެވެ އެވެ. ވަކިން ހާއްސަކޮށް ޕާކިސްތާނާއި ޗައިނާއާ އެކު އޮތް ބޯޑަރު މައްސަލަތައް ފާހަގަވެ އެވެ.

"އިންޑިއާއިން މަޑުމަޑުން ރަޝިއާ ފަޅީގައި އޮތް ސަބަބުން ވަރަށް ސާފު، ރަޝިއާއިން ހަތިޔާރު ނެގުމަކީ އެމެރިކާ އާއި ހުޅަނގަށް އޮތް މައްސަލައެއް. އިންޑިއާއަކަށް މައްސަލައެއް ނެތް. ނޭޓޯ ފުޅާ ކުރުމަކީ ރަޝިއާއަށް އޮތް މައްސަލައެއް. އިންޑިއާއަށް އޮތް މައްސަލައެއް ނޫން. އިންޑިއާއަށް އޮތް މައްސަލައަކީ ޗައިނާ،" ހާރިޖީ ސިޔާސަތާއި ބައިނަލްއަގްވާމީ ގުޅުންތަކުގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ނިޔުކްލިއާ ހަތިޔާރުގެ މައުޟޫއަށް ހޭނިއްޖެ

މިދިޔަ ހަފްތާގައި ރަޝިއާގެ ނިޔުކްލިއާ ފައުޖު އެލާޓަށް ގެނައުމާ އެކު މުޅި ދުނިޔެސިއްސައިގެން ދިޔަ އެވެ.

ހުޅަނގުގެ ވިސްނުން ބަލިކަށިކޮށްލުމުގެ ނިޔަތުގައި ރަޝިއާއިން ދަނީ ތަކުރާރުކޮށް ނިޔުކްލިއާ ހަތިޔާރުގެ ވާހަކަ ދައްކައި، އެފަދަ ހަތިޔާރެއް ބޭނުން ކުރަން ފަސް ނުޖެހޭނެ ކަމަށް ބުނަމުންނެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުގައި ނިޔުކްލިއާ އަކީ "ޓެބޫ" ނުވަތަ ދައްކަން ފަސް ޖެހޭ ވާހަކައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، އެ މައުޟޫއަށް މީހުން ހޭނެން ފަށައިފި އެވެ.

ފާތިމަތު ސާޔާ އަހުމަދު

ސީނިއާ ޖާނަލިސްޓް

ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox