މެންޗެސްޓާ (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑް ނުކުންނައިރު، ޔުނައިޓަޑްގެ ކޯޗު ރަލްފް ރަންގްނިކަށް އޮތް އްނެމެ ބޮޑު ފިކުރަކީ މި ފަހަކަށް ޔުނައިޓެޑްގެ ފަރާތުން ފެންނަ ގޯލު މަދުވުމެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި، ޔުނައިޓަޑްގެ ލަނޑު ޖެހުމުގެ ރެކޯޑް ފެންނަނީ ދަށްކޮށެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވަޓްފޯޑް އަތުން އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ޔުނައިޓެޑް އެއްވަރުވިއިރު، އެ މެޗުގައި ވަޓްފޯޑްގެ ގޯލަށް ޔުނައިޓަޑުން 22 ޝޮޓް ހެދި އެވެ.
ސީޒަން ކުރީކޮޅު ރަނގަޅު ފޯމެއްގައި ހުރި ޔުނައިޓަޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެ ފަހުން ކުޅުނު 10 މެޗުގައި ޖެހުނީ އެންމެ ލަނޑެކެވެ.
ޒަމާންވީ ވާދަވެރިން ކަމަށްވާ ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި މިރޭ ޔުނައިޓެޑް ނުކުންނައިރު، ރަންގްނިކްގެ އުންމީދަކަށް ވާނީ ފޯވަޑުން ރަނގަޅު ފޯމަކަށް އެޅުމެވެ.
"އެންމެ ފަހުން ކުޅުނު ދިހަ ވަރަކަށް މެޗުގައި ވެސް ޔުނައިޓަޑުން ލަނޑުޖަހާނެ ފުރުސަތުތައް އުފެއްދި. އެގޮތުން ބައެއް މެޗުތަކުގައި އޭގެ ބޭނުން ހިފި. މިސާލަކަށް ލީޑްސް މެޗުގައި ޔުނައިޓަޑުން ހަތަރު ލަނޑު ޖެހި. އެކަަމަކު ލިބޭ ފުރުސަތުތައް ނިންމާލުމުގެ މައްސަލަ އުޅޭކަން ގަބޫލްކުރަންޖެހޭ،" ރަންގްނިކް ބުންޏެވެ.
އަނިޔާގެ ސަބަބުން ފެބްރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން ކުޅުމާ ދުރުގައި ހުރި އުރުގުއޭގެ ތަޖުރިބާކާރު ފޯވަޑް އެޑިސަން ކަވާނީ ވަނީ މިރޭގެ މެޗަށް ފިޓުވެފަ އެވެ. މިއީ ރަންގްނިކަށް ލިބޭ ހިތްހަމަޖެހުމެކެވެ.
ރަންގްނިކް ބުނީ މި މެޗުން ޔުނައިޓެޑަށް ރަނގަޅު ނަތީޖާއެއް ނެރެވޭނީ ވަރަށް ބުރަ މަސައްކަތެއް ކޮށްގެން ކަމަށެވެ.
"އަހަރަމެން މި ކުޅޭނީ ޔޫރަޕްގެ އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް. ޓެކްޓިކަލީ އަހަރަމެން ވަރުގަދަވާންޖެހޭ. އަދި ޑިފެންސް އޯގަނައިޒްކުރަންޖެހޭނެ. އަދި ލިބޭ ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ބޭނުންކުރަންޖެހޭ،" ރަންގްކިން ބުންޏެވެ.
ޔުނައިޓެޑާއި ސިޓީ މިރޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:30ގަ އެވެ. -- ބީބީސީ












