އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ މަހު ވާދަކުރުމުގެ ކުރިން މި މަހު ތައިލެންޑްގައި ބާއްވާ އިންވިޓޭޝަނަލް ކަޕެއްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ބައިވެރިވެއްޖެ އެވެ.
އަންނަ މަހު ކިރްގިސްތާންގައި ކުޅޭ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިން ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން، އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ.
އޭއެފްސީން ނެރުނު ފުރަތަމަ ޝެޑިއުލްގައިވާ ގޮތުން ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު އިރާނާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި 11 ވަަނަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި ތުރުކުމެނިސްތާނާ ކުޅޭނީ 12 ވަނަ ދުވަހު އެވެ. އޭއެފްސީގެ ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ މި އަހަރުގެ 25 ސެޕްޓެމްބަރާއި 20 އޮކްޓޫބަރާ ދެމެދު ކުވޭތުގަ އެވެ. މުބާރާތަށް ކޮލިފައިން އިން ހޮވޭނީ 15 ޓީމެވެ. ރާއްޖެ ހިމެނޭ ގްރޫޕުން އެންމެ މަތިން ނިންމާ ދެ ޓީމެއް މުބާރާތަށް ކޮލިފައިވާނެ އެވެ.

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތައިލެންޑްގައި ބާއްވާ މުބާރާތް ފަށަން އޮތީ މި މަހު 15 ވަނަ ދުވަހު އެވެ. އެ މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން އެ ގައުމަށް ދާން މަސައްކަތްކުރަމުން އަންނަ ކަމަށް ގައުމީ ފުޓްސަލް ޓީމުން ވަނީ ބުނެފަ އެވެ.
އެންއެސްޑީއެފް ފުޓްސަލް އިންވިޓޭޝަން ޗެމްޕިއަންޝިޕްގެ ނަމުގައި ތައިލެންޑްގައި ބާއްވާ މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާން އެވެ. ގްރޫޕް ބީގައި އޮތީ އީރާން، މިޔަންމާ އަދި މޮންގޯލިއާ އެވެ. ރާއްޖެ 15 ވަނަ ދުވަހު ފުރަތަމަ މެޗުގައި ތައިލެންޑާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި 16 ވަނަ ދުވަހު އޮމާނާ ބައްދަލުކުރާނެ އެވެ.
މިއީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ކުޅުނު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ކުޅުނު ފަހުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެެވެ.
ގައުމީ ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑު
ބޮޑު ސްކޮޑެއް ނަގައި މީގެ މަހެއްހާ ދުވަސްކުރިން ގައުމީ ފުޓްސަލް ޓީމުގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި މުބާރާތަށް ވަނީ މިހާރު ފައިނަލް ސްކޮޑެއް އެކުލަވާލައިފަ އެވެ. އެއީ 14 ކުޅުންތެރިންގެ ސްކޮޑެކެވެ.
ސްކޮޑުގައި ހިމެނެނީ އިސްމާއިލް ފާތިހު (ތާޑޭ)، ޒައިދާން އަހުމަދު، ހަސަން ނިމާލް (ނީމޯ)، އަބްދުﷲ ނާސިހު، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ޝަރީފް (އޮންލީ)، މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަލީ ހާފިޒް (ހާއްޕެ)، މުހައްމަދު ޔަފާއު (ޔާ)، އަބްދުﷲ ޝައްފާން (ޝާކާ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ހަސަން ސުހޭލް (ސޮކޭ) އަދި ސާމިން މުހައްމަދު އެވެ.
ޓީމުގެ ކޯޗިން ސްޓާފުންގެ ގޮތުގައި ހިމެނެނީ ހެޑް ކޯޗަކަށް އަބްދުﷲ ނަސީރު (އަބޯ)، އެސިސްޓަންޓް ކޯޗުންނަށް އަހުމަދު ނިޔާޒް (ނިޔާ)، އަހުމަދު ވިސާލް (އަންދު) ހަމަޖައްސާފައިވާއިރު، މެނޭޖަރަކީ އަހުމަދު ގާސިމް (އަހޫ) އެވެ. އޮފިޝަލެއްގެ ގޮތުގައި އަލީ ނަދީމް (ކޮކޯ) ހަމަޖައްސާފައިވާއިރު، ކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދު އެވެ.












