"ރަޝިއާގެ ކޮރަޕްޓް މަހުޖަނުން" ތަހުގީގުކޮށް އިންސާފުގެ ކުރި މައްޗަށް ގެންނަން ހާއްސަ ޓާސްކްފޯސް އެއް އެމެރިކާއިން އުފައްދައިފި އެވެ.
"ޓާސްކްފޯސް ކްލެޕްޓޯ ކެޕްޗާ" ލޯންޗު ކުރުމަށް ފަހު އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލޭންޑް ވިދާޅުވީ ފިޔަވަޅުތަކާ ހިލާފުވާ ފަރުދުންނާއި ކުންފުނިތަކުގެ މުދާ ހިފެހެއްޓުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް ލިބެން ހުރި ހުރިހާ ބާރެއް ބޭނުން ކުރާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފްތާގައި ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވީ ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތަކާ ހެދި ރަޝިއާގެ ބިލިއަނަރުންނަށް ދަތި ކުރާނެ ކަމަށެވެ.
އެގޮތުން ބިލިއަނަރުންގެ "ޔޮޓުތަކާއި ލަގްޒަރީ އެޕާޓްމަންޓުތަކާއި ޕްރައިވެޓް ޖެޓުތައް ހިފަހައްޓާނެ" ކަމަށް ވިދާޅުވި އެވެ.
"ޓާސްކްފޯސް ކްލެޕްޓޯ ކެޕްޗާ" ގައި ހިމެނޭނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ނޭޝަނަލް ސެކިއުރިޓީ އަދި ކްރިމިނަލް ޑިވިޝަންގެ ގިނަ އަދަދެއްގެ ޕްރޮސެކިއުޓަރުންނާއި ގާނޫނު ތަންފީޒު ކުރާ އެހެން ބައެއް އިދާރާތަކުގެ އޮފިޝަލުންނެވެ.










