މެންޗެސްޓާ (މާޗް 5) - މެންޗެސްޓާ ސިޓީގެ ޕޯޗުގީސް ޑިފެންޑަރު ރުބެން ޑިއާސް މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން ސިޓީން ގެނައި ޑިފެންޑަރު، ޑިއާސްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވާން ހަތަރު ހަފްތާ އާއި ހަ ހަފްތާ ދޭތެރޭގެ މުއްދަތެއް ނަގާނެ ކަމަށް ސިޓީން ވަނީ ބުނެފަ އެވެ. މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ މިހާތަނަށް ކުޅުނު 27 މެޗުގެ ތެރެއިން ޑިއާސް ނުލައި އެ ޓީމުން ކުޅުނީ އެންމެ ދެ މެޗެވެ. ގިނަ މެޗުތަކުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޑިއާސް އެވެ.
ލީގުގައި ސިޓީން މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސީޒަނުގެ މުހިންމު ހިސާބަކުން ޑިއާސް ނުލައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ޓީމަށް އަންނާނެ އުނިކަމެއް ކަމަށެވެ. ސަބަބަކީ ޑިއާސް އަކީ ސިޓީ މިހާރު އޮތް ފޯމު ދެމެހެއްޓުމުގައި ގިނަ މެޗުތަކެއްގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިއަކަށް ވާތީ އެވެ.
ލީގުގެ ރޭހުގައި ސިޓީއާ ވާދަކުރަމުން އަންނަ ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެއްޖެނަަމަ އެއް ވަނައިގައި ސިޓީގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ. އިނގިރޭސި މީޑިއާ އިން ސިފަކުރާގޮތުގައި ޑިއާސްގެ އަނިޔާއާ އެކު ލީގު ރޭހުގައި މި ވަގުތު ޕްރެޝަރު ބޮޑީ ސިޓީ އަށެވެ. އަންނަ މަހު 10 ވަނަ ދުވަހު ސިޓީން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ޑިއާސް ފިޓްވުމުގެ އޮތީ ކުޑަ ފުރުސަތެކެވެ.
ސިޓީން ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ޑިއާސް ގަތީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު ބެންފީކާ އަށް 65 މިލިއަން ޕައުން (85 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. ޑިއާސް، ސިޓީ އަށް ބަދަލުވި ފަހުން އެ ޓީމުން ޕްރިމިއާ ލީގުގައި ކުޅުނު 57 މެޗުން ވަނީ 26 ކްލީންޝީޓް ހޯދައިފަ އެވެ. ސިޓީން މިިދިޔަ ސީޒަނުގައި ޑިއާސްއާ އެކު، ޕްރިމިއާ ލީގާއި ކަރަބާއޯ ކަޕް (ލީގު ކަޕް) ކާމިޔާބުކުރި އެވެ. އެކަަމަކު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.
ޑިއާސް އަށް މި ލިބުނު އަނިޔާއަކީ ހަމައެކަނި ސިޓީ އަށް ދިމާވި މައްސަލައެއް ނޫނެވެ. މިއީ ޕޯޗުގަލް ގައުމީ ޓީމަށް ވެސް ކުރިމަތިވާނެ ބުރަ އެކެވެ. ގަތަރުގައި މި އަހަރު ފަހު ކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޔޫރަޕް ކޮލިފައިން ޕްލޭއޮފްގައި ޕޯޗުގަލް އިން ކުޅެން ޖެހޭ މެޗުތައް މި މަހު އޮންނާނެ އެވެ.












