މޮސްކޯ، ރަޝިއާ (މާޗް 4) - ޔޫކްރެއިން އަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔުއެފާ އާއި ފީފާ އިން ރަޝިއާގެ ޓީމުތައް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރަން ނިންމާފައިވާ ނިންމުން ބަދަލުކުރަން ރަޝިއާ އިން ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް މައްސަލަ ހުށަހަޅައިފި އެވެ.
ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެ ގައުމަށް ކުރިމަތިވަމުން އަންނަ ފިއްތުންތަކުގެ ތެރެއިން ފުޓްބޯޅައިގައި ރަޝިއާ އަށް ފިޔަވަޅު އެޅީ ގާތްގާތުގަ އެވެ. ރަޝިއާގެ ދިދައިގެ ދަށުގައި އެ ގައުމުގެ ގައުމީ ސަލާމް ޖަހައިގެން އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް ފީފާ އިން އެންމެ ފުރަތަމަ އެންގި އެވެ. އެއީ ފީފާގެ މެޗުތައް ކުޅެން ޖެހޭނީ "ފުޓްބޯލް ޔޫނިއަން އޮފް ރަޝިއާ"ގެ ނަމުގައި ކަމަށް ބުނެ އެވެ.
ފަހުން އެ މައްސަލަ އިތުރަށް ބަލައި، ޔުއެފާ އާއި ފީފާ އިން އެކުއެކީގައި ރަޝިއާ އަށް ދިނީ މެޗުތައް ނުކުޅެވޭ ގޮތަށް ސަސްޕެންޝަނެކެވެ.
ހަނގުރާމައިގެ ކަންކަމުގައި ރަޝިއާ އަށް ތާއީދުކުރާތީ ޔުއެފާ އިން ވަނީ ބެލަރޫސް އަށް ވެސް ފިޔަވަޅު އަޅައިފަ އެވެ. ޔުއެފާ އިން އަންގާފައިވަނީ ޔުއެފާގެ މުބާރާތްތަކުގައި ބެލަރޫސްގައި ކުޅޭ އެއްވެސް ރަސްމީ މެޗެއްގައި ސަޕޯޓަރުން ވައްދައިގެން ނުކުޅެވޭނެ ކަމަށެވެ.
ރަޝިއާގެ ފުޓްބޯޅަ ޔޫނިއަނުން ބުނީ ޔުއެފާ އާއި ފީފާ އިން ދިން އަދަބު ބަލައިގަންނަން އުނދަގޫ ކަމަށެވެ. އަދި ރަޝިއާގެ ގައުމީ ޓީމުތަކަށް ބައިނަލްއަގުވާމީ މެޗުތައް ކުޅުމުގައި ހުރަހެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ރަޝިއާ އިން ފީފާ އާއި ޔުއެފާ އަށް ހުށަހަޅާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ރަޝިއާ ކުޅެން އޮތް ޕްލޭއޮފް މެޗުތަކާއި ރަޝިއާގެ އަންހެން ޓީމު ޔޫރަޕްގެ އަންހެން މުބާރާތުގައި ކުޅެވޭނެ ގޮތް ވީ އެންމެ އަވަހަށް ހަދައިދޭން ސަސްޕެންޝަން އުވާލައިދޭށެވެ. އެ ގޮތަށް ފީފާ އާއި ޔުއެފާ އިން ކަންކަން ނުކޮށްފިނަމަ ރަޝިއާ ނުލައި ޔުއެފާ އާއި ފީފާ އިން ރާވާ މުބާރާތެއް ކުރިއަށް ނުގެންދެވޭ ގޮތް ހަދައިދޭން ކޯޓުގައި ރަޝިއާ އިން އެދޭނެ އެވެ.
ޔުއެފާ އިން ވަނީ ރަޝިއާގައި އަންނަ މެއި މަހު ކުޅެން ނިންމާފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފްރާންސްގެ ޕެރިހަށް ބަދަލުކޮށްފަ އެވެ. މިއަދު ޖަޕާނުގެ ބެއިޖިންގައި ފަށާ ވިންޓަ ޕެރަލިމްޕިކްސް އިވެންޓްގައި ވެސް ރަޝިއާ އާއި ބެލަރޫސްގެ އެއްވެސް އެތުލީޓަކަށް ފުރުސަތެއް ނުދެ އެވެ. އަދި އެކިއެކި ކުޅިވަރުތަކުން ރަޝިއާގެ ކުޅުންތެރިންނަށް އަންނަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.












