ޕެރިސް، ފްރާންސް (މާޗް 3) - ޔޫކްރެއިނާ ދެކޮޅަށް ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމަ އަށް ބެލަރޫސް އިން ތާއީދުކުރާ މައްސަލައިގައި ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ބެލަރޫސަށް ފިޔަވަޅު އަޅައިފި އެވެ.
ރަޝިއާގެ ސިފައިން ގަދަކަމުން މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނަށް އަރާ ކުރަމުން އަންނަ ހަނގުރާމަ އަށް ބެލަރޫސް އިން ތާއީދު ކުރެ އެވެ. ބެލަރޫސް އާއި ރަޝިއާ އަދި ޔޫކްރެއިނަކީ ޖިއޮގްރަފިކަލީ ބަލާއިރު، ގާތުގައި އޮތް ތިން ގައުމެވެ. ބެލަރޫސްގެ ރައީސް އަލެކްސަންޑަ ލުކަޝެންކޯ އަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަރިސް މީހެކެވެ.
ފީފާ އާއި ޔުއެފާ އިން ގުޅިގެން ރަޝިއާ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރިތާ 48 ގަޑިއިރު ނުވަނިސް ޔުއެފާ އިން މި ވަނީ ބެލަރޫސް އަށް ފިޔަވަޅު އަޅައިފަ އެވެ.
ޔުއެފާ އިން އަންގާފައިވަނީ އެ ފެޑެރޭޝަނުން ރާވާހިންގާ އެއްވެސް ލެވަލެއްގެ އެއްވެސް މުބާރާތެއް ބެލަރޫސްގައި ކުޅެވޭނީ ސަޕޯޓަރުން ނުވައްދައި ކަމަށެވެ. މިއީ ރަޝިއާ އާއި ޔޫކްރެއިން މައްސަލައިގައި ރަސްމީ ފެޑެރޭޝަނަކުން އެހެން ގައުމަކަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވީ މި ވަގުތަށް ބަލާއިރު، ބެލަރޫސާއި ރަޝިއާ އަށް އަޅާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ދެކޭ ކަމަށެވެ.
ރަޝިއާ އަށް ފުޓްބޯޅައިގެ ތެރެއިން އަލުން ފުރުސަތު ދެވޭނެ ސީދާ ތާރީހެއް މި ވަގުތު ބުނަން ދަތި ކަމަށާއި ފުޓްބޯޅަ އަކީ ހަމަހަމަކަމާއި އިންސާފަށް ލޯބިކުރާ ކުޅިވަރަކަށް ވާތީ މި ވަގުތަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަމަށް ޗެފެރިން ވިދާޅުވި އެވެ.
މާދަމާ ޖަޕާނުގެ ބެއިޖިންގައި ފަށަން ނިންމާފައިވާ ވިންޓަ ޕެރަލިމްޕިކްސް ގޭމްސްގައި ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ވާދަނުކުރެވޭނެ ކަމަށް މިއަދު އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ވަނީ ނިންމައިފަ އެވެ. މި ގޮތަށް ނިންމަން ޖެހުނީ ގޭމްސްތަކުގައި އެތުލީޓުން ބައިތިއްބާ އެތުލީޓްސް ވިލޭޖްގައި ތަފާތު އެކި ގައުމުތަކުގެ މީހުން ތިބޭއިރު، އެންމެންގެ ރައްކާތެރިކަމަށް ވިސްނާފައި މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް މި ފަހަރު ފުރުސަތު ނުދިނުން ކަމަށް ފެންނާތީ ކަމަށް އައިޕީސީގެ އޮފިޝަލް ވަނީ މީޑިއާ އަށް ބުނެފަ އެވެ.












