ނިއު ދިއްލީ، އިންޑިއާ (މާޗް 3) - އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާގެ ވެރިންނާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުރާސްފަތި ދުވަހު ވާޗުއަލް ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާއަކީ ކުވޮޑްގެ ނަމުގައި އުފައްދާފައިވާ ގްރޫޕެއްގެ މެމްބަރުންނެވެ. އެ ގްރޫޕްގެ ބައްދަލުވުމެއް ބާއްވަން މި އުޅެނީ ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައަށް ހަފްތާއެއް ވެފައި ވަނިކޮށެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ދެ ފަހަރެއްގެ މަތިން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ މަޝްވަރާ ކުރައްވާފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުރާސްފަތު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮންނަ ގުޅުން މި ދަނޑިވަޅުގައި ބޭނުން ކުރަން އެމެރިކާއިން ގޮވާލާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ޔޫކްރެއިންގެ ވާހަކަ އެއްވެސް ވަރަކަށް ފާހަގަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައިޑެން އާއި މޯދީ އަދި ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ އަދި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން "އިންޑޯ ޕެސިފިކްގެ މުހިއްމު ކަންކަމާ ގުޅޭ މަޝްވަރާ" ކުރާނެ ކަމަށް ބުންޏެވެ.
ކުވޮޑް ގްރޫޕަކީ އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ބާރާއި ނުފޫޒު ފެތުރުމާ ދެކޮޅަށް މަސައްކަތް ކުރާ ގްރޫޕެކެވެ.
އިންޑިއާ އާއި ރަޝިއާއާ ދެމެދު ގާތް ގުޅުމެއް އުފެދުނީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެވެ. މިހާރު ވެސް ދެ ގައުމުން ގާތް ގުޅުމެއް ދަމަހައްޓާ އިރު، އދ. ގައި ރަޝިއާއާ ދެކޮޅަށް ނެގި ގަރާރަށް އިންޑިއާއިން ވޯޓު ދީފައެއް ނުވެ އެވެ.










