ޓުއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.
ޓުއަރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ލިބޭ އަލީ ވަހީދު ރާއްޖެއިން ފިލީ ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރު ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާގެ ހައްޔަރު އަމުރުގެ ތަރުޖަމާއެއް ނުލިބިގެން ކަމަށެވެ. އެކަމަކު އެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ކޯޓުން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސްއާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރަމުންނެވެ.
އަލީ ވަހީދާ ދެކޮޅަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް, މިހާތަނަށް އިންޓަޕޯލްގެ ވެބްސައިޓުން އެކަން އެނގެން ނެތެވެ. އެ ވެބްސައިޓުން ދައްކާ ގޮތުގައި ރެޑް ނޯޓިސް މިވަގުތު ނެރެފައިވަނީ ނުވަ ދިވެހިންގެ މައްޗަށެވެ. އޭގެ ތެރޭ އަލީ ވަހީދެއް ނުހިމެނެ އެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ގޮސް ފިލައިގެން އުޅޭ އަލީ ވަހީދު ގެނައުމުގައި ހުރަސްތަކެއް ހުރިކަން މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނުނު ނަމަވެސް، އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެ އިޖުރާއަތްތައް ހިނގާނީ އެކި ގޮތަށް ކަމަށް ސީޕީ މީގެ ކުރިން ވިދާޅުވި އެވެ.
"އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް އަދި އެ މީހަކު ހައްޔަރުކޮށްގެން، އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ. ކޯޓުގެ ހުރުމަތް ކަނޑާލައި ދެ މަހުގެ ހުކުމާ ގުޅުވައި އޭނާ ގެންނަން އަޅުގަނޑުމެންނަށް އުނދަގޫވެދާނެ. އެކަމަކު ޖިންސީ ގޯނާގެ މައްސަލާގައި އެދިއްޖެ ނަމަ އެކަމަށް އިތުރަށް މަސައްކަތް ކުރެވޭނެ،" މި ނޫހަށް ސީޕީ ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދުގެ މައްސަލަ ހިނގާދިޔަ ގޮތް
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ.
އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ވަޑައިނުގެންނެވި އެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.
އެފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.
އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.
އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.













