މަގުގެ ފަސްގަނޑަށްވުރެ އަޑިއަށްވާ ގޮތަށް ހުރި ގދ. ގައްދޫ, ކޮޓިގެ އަށް ވަދެގެން ދިޔައިރު އާދައިގެ ގޮތަކަށް ހަދާފައިހުރި އެ ގޭގެ ފެންޑާގައި އިށީނދެލައިގެން މަރިޔަމް އިސްމާއިލް, 79، އޭނާގެ ދޮށީ އަންހެން ދަރިފުޅު އައިޝަތު އަފީފާ, 48، ގަތާފައެއް މަތީ އެ ގަތަމުން ދަނީ ދިވެހި އަންހެނުންގެ ރަމްޒު ކަމަށްވާ ދިވެހި ޗާލު ލިބާހެއްގެ ކަސަބު ބޯވަޅެކެވެ.
-- ކަސަބު ބޯވަޅަކީ ލިބާހުގެ ކަރުވަޅުން ފެށިގެން މޭ މައްޗާއި ބޮބިފަޅިއާ އެކު ލިބާހުގައި ކަސަބު ބާދަލާ އާއި ކުލަ ފަށުޔާއި ރޮދިން ގަތައިގެން ޖަރީކުރާ ވަކި ސިފައަކަށް އޮންނަ ފޮތިގަނޑަކަށް ކިޔާ ނަމެވެ. --
އެ ކަސަބު ބޯވަޅަށް ގެތުމުގައި އުމުރުގެ އެންމެ ދޮށީ އަހަރުތައް ގުނަމުންދާ މަރިޔަމް އިސްމާއިލް, ގައްދޫ އެންމެންގެ މަރިން ދައްތަގެ އަތް ކިތަންމެހާ ވެސް ހަލުއްވެޔެވެ. އެ މަސައްކަތް ކުރަމުންދާއިރު އޭނާގެ މޫނު މަތިން އެއްވެސް ފޫހިކަމެއް, ބުރަކަމެއް އޭނާގެ ފެންނަން ނެތް ނަމަވެސް, އަތުގެ އެ ހަރަކާތްތައް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީ އާޝޯހުވެފަ އެވެ. ރޮދިތަކުން ގަތައި ބޯވަޅު ޖަރީކުރަމުން އެދަނީ އާދައިގެ އުކުޅުތަކަކުން ނޫނެވެ.
"މިއީ އާދައިގެ ހުނަރެއް ނޫނޭ, އާދައިގެ މަސައްކަތެއް ނޫނޭ," ތަކުރާރުކޮށް މި ނޫން އެއްޗެއް ނުކިޔެ އެވެ.
އެ އާޝޯހުކަމުގައި ހުއްޓައި, މަރިން ދައްތަ އަހަރެމެން ގޮވައިގެން ދިޔައީ މީގެ 62 އަހަރު ކުރީގެ ހަނދާނުގެ މާޒީގެ ދުނިޔޭގެ ތެރެއަށެވެ. އޭރު މަރިން ދައްތައަކީ އެންމެންގެ ދައްތައެއް ނޫނެވެ. ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެ ޒަމާނުގައި ކައިވެންޏަށް ތައްޔާރުވާ އުމުރަށް އެޅީ އެވެ. އޭރުގެ ދިވެހިންގެ ސަގާފަތް އޮންނަ ގޮތުން, އަންހެން ދަރިން ކައިވެނިކުރާ އުމުރަށް އެޅުމުން ލިބާސް ލައްވަ އެވެ. ދެގަނޑު ލިބާސް އެމީހުންނަށް ދެ އެވެ.

މަރިން ދައްތަ, ކަސަބު ބޯވަޅަާށް ގަތަނީ: މިއީ އޭނާ އެންމެ ކުރާ ހިތުން ކުރާ މަސައްކަތް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެ ދެގަނޑު ލިބާސް, މަރިން ދައްތައަށް ވެސް ލިބޭ ދުވަސް ޖެހުނީ އެވެ. އޭނާގެ މަންމައަކީ އޭރު ވެސް ގައްދޫގައި ކަސަބު ބޯވަޅަށް ގަތާ އަންހެނެކެވެ. މަރިން ދައްތަ, އުޅެ ބޮޑުވީ އެ މަސައްކަތުގެ ތެރޭ ކަމުގައިވީ ނަމަވެސް, އެ ދުވަހާ ހަމައަށް އޭނާ އެ މަސައްކަތް ދަހެއް ނުކުރެ އެވެ. އެކަމަކު, އަމިއްލަ ލިބާހުގައި ކަސަބު ބޯވަޅު އަޅާތަން ބަލަން މަންމަ ގާތު, މަރިން ދައްތަ އިނެވެ. އެގޮތަށް އިނދެ އެ މަސައްކަތަށް ޝައުގު އުފެދި, އެކަން ދަސްކުރީ އެވެ. އެ ދުވަހު މަންމަ ގަތައިދިން ކަސަބު ބޯވަޅު ލިބާހާއެކު, މިއަދާ ހަމަށް ވެސް މަރިން ދައްތަގެ މަސައްކަތެއް ނުހުއްޓެވެ. އޭނާގެ ގަތާ ފައި ފަޅަކަށް ނޯވެ އެވެ. މުޅި ހަޔާތް އެކަމަށް ހުސްކޮށްލީ ޝަރަފާއި ފަހުރުވެރިކަމާ އެކު އެވެ.
"ވަރަށް ކުރާ ހިތުން މިކަން ކުރަނީ, ފޫއްސެއް ނުވޭ އެއްގޮތަކަށް ވެސް," މަރިޔަން ދައްތަ, އެ ރީތި ހިނިތުންވުމާ އެކު ބުނެލި އެވެ.
އަމިއްލައަށް ބޯވަޅު އަޅާފައިވާ ލިބާހެއް ލައިގެން އިން މަރިން ދައްތަ ކިޔައިދިން ގޮތުގައި, ކަސަބު ބޯވަޅަށް ގެތުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ވަރަށް ބުރަ މަސައްކަތެކެވެ. ބޯވަޅެއް ގަތަން މަހެއްހާ ދުވަސް ހޭދަވެ, ލިބާހެއްގައި އެ ފަތުރަން ވެސް ހަފުތާއެއްހާ ދުވަސް ނަގާ ކަމަށް މަރިން ދައްތަ ބުނެ އެވެ.
ތެދެކެވެ. ކަސަބު ބޯވަޅަށް ގެތުމުގެ ވައްޓަފާޅި އާއި އުސޫލުތަކަށް ބަލާއިރު, މިއީ ވަކި ވަޒަނަކަށް ވަކި އެމުންޏަކަށް ގަތާ އެއްޗެކެވެ. ވަކި ހާއްސަ އަލާތްތަކެއް ބޭނުންކޮށް, އެންމެ ކޮލިޓީ ތަކެތީގައި ކުރާ ކޮލި މަސައްކަތެކެވެ. ހުނަރެކެވެ. ކަސަބު ބޯވަޅަށް ގަތުމަށް, ރަންކަސަބު, ފިރޯށި, އެކިކުލަކުލައިގެ ފަށުއި, ބާދަލާ, އަފުނޯސްކަށި, އެކިކުލަކުލައިގެ އުއި, ރިހިކަސަބު, ފޮޔޮހި އަދި އެކި ކުލަކުލައިގެ ބަރަނި ފަދަ ތަކެތި ކޮންމެހެން ބޭނުންވެ އެވެ.

އަފީފާ, ކަސަބު ބޯވަޅަށް ގަތަނީ: އޭނާ މިކަން ދަސްކުރީ ކުޑައިރު - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މިއިން ކޮންމެ އެއްޗަކާއި, މި ގެތުމުގެ ކޮންމެ އެމުންޏަކުން ދައްކުވައިދެނީ ދިވެހީންގެ ހުނަރާއި ފަންނެވެ. ފަހުރުވެރި އާދަކާދަ އާއި އަމިއްލަވަންތަކަމެވެ. މަރިން ދައްތަ މި އުމުރުގައި ވެސް އެ ބަރަނިތަކުގައި ހިފަހައްޓާލައިގެން އެ އިނީ މިކަން އުވިގެން ދިޔުމަކީ އޭނާގެ ލަގޮޑިއަށް ކެތްވާނެ ކަމަކަށް ނުވާނެތީ އެވެ. މަރިން ދައްތަގެ އެންމެ ބޮޑު ދެރައަކާއި ކަންބޮޑުވުމެއް ވެސް އޮތީ މިކަން ކުރާނެ ބަޔަކު ރާއްޖޭގައި މުސްތަގުބަލުގައި ނުތިބެދާނެތީ އެވެ.
"މިހާރު ވަރަށް ނުތިބޭ މިކަން ކުރާ މީހުން. މުސްކުޅި މީހުން ދިޔައީމަ ދެން ކުރާނެ ބަޔަކު ނުތިބޭ. ޒުވާނުން ކުދިން ނޫޅޭ މިކަމަކާ," މަރިން ދައްތަ, ދެރަވެ އިނދެ ބުންޏެވެ. އެކަމަކު, މަރިން ދައްތަގެ ހިތަށް އޮތް ފިނިކަމަކީ އޭނާގެ ފަހަތުން ދަރިފުޅު މި މަސައްކަތް ދަސްކޮށް އެކަމުގައި އުޅޭތީ އެވެ.
"މީނަ [ދަރިފުޅު] ގާތުގަ އިނދެގެން މިކަން ކުރޭ, ދަސްކުރާ ހިތުން ދަސް ވެސް ކުރީ, ދަރިއަށް އެނގުނީމަ ނިމޫނީއޭ ނުން," މަރިން ދައްތަ ބުނެލި އެވެ.
މަރިން ދައްތަގެ ދަރިފުޅު އަފީފާގެ ހިތްހަމަޖެހުމަކީ ވެސް މަންމަގެ ފަސް ފަހަތުން މި މަސައްކަތަށް އެއްކޮށް ނުކުމެވުމުންނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް މަންމަގެ މަސައްކަތް ގާތުން އަފީފާ ބަލަމުން ދިޔައިރު އެކަން އޭނާ ފުރަތަމަ ދަސްކުރީ ސްކޫލްގައި ކިޔެވިއިރު އެތަނުގައި ބޭއްވި ވޯކްޝޮޕެއްގަ އެވެ. ފެހުމަށް މާބޮޑު ޝައުގުވެރިކަމެއް ހުންނަ އަފީފާއަށް ލިބާހެއް އަމިއްލަ އަތުން ފަހައި, އޭގައި ކަސަބު ބޯވަޅު އަޅާ ފަރިކޮށްލުމަކީ އާދަޔާހިލާފު ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ.

ދެމައިން ގަތާފައިވާ ބޯވަޅު އެޅި ލިބާސްތަކެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މަރިން ދައްތަގެ ތަޖުރިބާއިން ގަތާލައި ކަސަބު ބޯވަޅަށް ބޭނުންވާ ލިބާސް އަފީފާ ފަހަމުން ދިޔަ އެވެ. އަދި މަންމައާ އެކު ގެތުމުގައި ބައިވެރިވަމުންދިޔަ އެވެ. އެކަމަކު, އަފީފާއަށް ވެސް ބޯވަޅު, ލިބާހުގައި އެތުރުންވީ އުނދަގޫ ކަމަކަށެވެ. އެ މަސައްކަތް އޭރު ކުރީ މަންމަ އެކަންޏެވެ. އަފީފާގެ ދިރިއުޅުން މާލޭގައި އޮތްއިރު ކަރުގައި އަޅާ އެއްޗެހި ވަކިން ގަތައި އެ ވިއްކަމުން ދިޔަ އެވެ.
"...އެގޮތަށް މަސައްކަތް ކުރަމުން ގޮސް ދެން ހިތަށް އެރީ ލިބާހާއެކު އޭ ވިއްކާނީ. އެގޮތުން ލިބާސް ހަދަން ފެށީ, އަމިއްލައަށް ފަށަން ވެގެން ކުޑަކުއްޖެއްގެ ލިބާހެއް ފުރަތަމަ ހަދާލީ, ކަރު އަތުރާލަން ވެސް އެނގޭތޯ ބަލާނީ ހިތަށް އެރީ. އެ ލިބާސް ކުއްޖާގެ މަންމައަށް ވަރަށް ކަމުދިޔަ, ދެން އޭގެ ފަހުން ލިބުނީ ކައިވެނީގެ އޯޑަރެއް, އެއަށް ތައްޔާރުކުރި ލިބާސްތައް ވެސް ވަރަށް ކަމުދިޔަ," އަފީފާ, ކަސަބު ގެތުމުގެ މަސައްކަތަށް މުޅީން އެއްކޮށް ވަން ގޮތް ކިޔައިދިނެވެ.
"އެ ހިސާބުން ދެން އެނގުނު އަމިއްލައަށް ވެސް މިކަން މިހާރު ކުރެވޭނެކަން, ދެން އަމިއްލައަށް ލިބާސް ތައްޔާރުކުރުމުގެ ވިޔަފާރި ފަށައިގަތީ,"
އެއީ, މީގެ ފަސް ވަރަކަށް އަހަރު ކުރި އެވެ. މިއަދު މިއީ މި ދުވަހެވެ. އަފީފާއަކީ މިހާރު ކަސަބު ބޯވަޅަށް ގެތުމުގައި މަޝްހޫރު ނަމެކެވެ. ރައީސް އޮފީހުގެ އޯޑަރުތައް ވެސް އޭނާއަށް ލިބެނީ, އަފީފާގެ ހުނަރާއި ފަންނުގައި ހުރި އަޖައިބެއް ފަދަ ކުޅަދާނަކަމުންނެވެ.
"މިހާރު ވަރަށް ކުރާ ހިތްވޭ, ރަނގަޅު އާމްދަނީއެއް ވެސް ލިބޭ," އަފީފާ ބުންޏެވެ.

ދެމައިން ގެތުމުގެ މަސައްކަތުގައި: މިކަން އުވިދާނެތީ ކަންބޮޑުވޭ - ދެމައިން ގަތާފައިވާ ބޯވަޅު އެޅި ލިބާސްތަކެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ރަސްމީ މަސައްކަތެއްގެ ގޮތުގައި ގުރުއާން ކިޔަވައިދެމުން އަންނަ އަފީފާ ވެސް ހުސްވަގުތު ކަސަބު ބޯވަޅަށް ގެތުމުގެ މަސައްކަތް ކުރަމުން ގައްދޫ, ކޮޓިގެ ފެންޑާގެ ތެރޭ އިނދެ ކަންބޮޑުވާކަމަކީ ގެތުމުގެ މަސައްކަތް އުވިގެން ގޮސްދާނެކަމާމެދު އެވެ.
"ފަހަގަވޭ އުވިގެންދާކަން, އެކަމަކު މި މަސައްކަތަށް ޝައުގު ހުންނަ ކުދިން އެބަ އުޅޭ, އެ ކުދިންނަށް ވަޒީފާގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ދިމާވާ ދަތިތަކާހުރެ ކުރިއަށް ދެވޭ ގޮތެއް ނުވޭ, އެހެންވެ މިކަން ދަސްކުރެވޭ ކުދިންނެއް ނުތިބޭ, ކަމެއް ނެތިފައި އުޅޭ މީހުން މިކަން ވެސް ދަސްކުރަން ނޫޅޭ," އަފީފާ ބުންޏެވެ.
"...އެކަމަކު މުސްތަގުބަލެއް އޮތް ކަމެއް މިއީ, މިކަން ޒުވާން ކުދިންނަށް ކުރެވިއްޖެއޭ މަސައްކަތް ނުގެއްލި ކުރިއަށް ދާނެ,"
އަފީފާ އިންތިޒާރުގައި އެ އިނީ, އޭނާގެ މާމަގެ ފަރާތުން ވާރުތަވަމުން އަންނަ ކަސަބު ބޯވަޅަށް ގެތުމުގެ ފަހުރުވެރި މަސައްކަތް ދެން އޮތް ޖީލަށް ގެންގޮސްދޭނެ ޒުވާނަކު އޭނާގެ ގާތަށް ގޮސް އެކަން ދަސްކުރާނެ އިރަކަށެވެ. ގެތުމުގެ ހަގީގީ ހިތްހަމަޖެހުމާއި އުފާ އަފީފާއަށް ވެސް އިހުސާސް ކުރެވޭނީ އޭރަށެވެ.
މަރިން ދައްތަ އާއި އަފީފާ, ކޮޓިގެ ފެންޑާއިން އަހަރެމެންނަށް އަލްވަދާއު ކިޔަމުންދިޔައިރު އެމީހުންގެ އުއްމީދަކަށްވީ މި އިންޓަވިއުއަށްފަހު ދިވެހިންގެ ދިވެހިވަންތަކަން އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ދިވެހި ލިބާހާ ގުޅޭ މި ހާއްސަ މަސައްކަތަށް ޝައުގު އުފެދޭނެ ޒުވާނުންގެ ބަޔަކުވާނެ ކަމެވެ.
"އިރާދަކުރެއްވިއްޔާ މިކަމަކަށް ބަޔަކު ނުކުންނާނެ,"












