ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި ދި ބައުސް އާއި ޓީރެކްސް މުހިންމު މޮޅެއް ހޯދިއިރު، ދެ ވަނަ ޑިވިޝަންގައި ވައިޕާސް މޮޅުވަމުން އައި ސިލްސިލާ އަށް ރޯޔަލްސް އިން ނިމުން ގެނެސްފި އެވެ.
ގައުމީ މުބާރާތުގެ ފިރިހެން ބައިގެ ދެ ވަނަ ބުރުގެ މެޗުތައް މިހާރު ކުރިއަށްދާއިރު ދެ ވަނަ ޑިވިޝަނާއި ފުރަތަމަ ޑިވިޝަންގެ ފޯރި މިހާރުވަނީ ގަދަވެފަ އެވެ. ސަބަބަކީ މި ހަފްތާގައި ކުޅޭ މެޗުތަކުން ގައުމީ މުބާރާތަށް ކޮލިފައިވާނެ ޓީމުތައް ކަށަވަރުވާނެތީ އެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ބައުސް އެވެ. ރެޑްވިންގްސްއާ ވާދަކޮށް ބައުސް މެޗު ކާމިޔާބުކުރީ 86-95 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ދެ ޓީމްވެސް އޮތީ 48-48 އިން އެއްވަރުވެފަ އެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު، އެއް ޕޮއިންޓުން ރެޑްވިންގްސް ކުރިހޯދި އެވެ. ނަމަވެސް ފަހު ކުއާޓާގައި ބައުސްގެ ބިދޭސީ ކުޅުންތެރިޔާ ރޮބިންސަން ފޮރެސްޓްގެ މޮޅު ކުޅުމާ އެކު ބައުސް އިން ތަފާތު ދެއްކި އެވެ.
މުޅި މެޗަށް ބަލާއިރު، މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރޮބިންސަން ފޮރެސްޓް އެކަނި ވެސް އެ ޓީމަށް 48 ޕޮއިންޓް ހޯދައިދިނެވެ. ރެޑްވިންގްސްގެ ތޯމަސް މަލިކަށް މެޗުގައި ސްކޯ ކުރެވުނީ 29 ޕޮއިންޓެވެ. އެ ޓީމުގެ ހަސަން ނަދީމް ވަނީ 18 ޕޮއިންޓް ހޯދައި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެެވެ.
މި މޮޅާ އެކު ގައުމީ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި ގައުމީ މުބާރާތުން ފުރުސަތު ހޯދުމުގެ އުއްމީދު އެ ޓީމުން ވަނީ ދަމަހައްޓައިފަ އެވެ.

ގައުމީ ލީގުގެ ދެ ވަނަ ބުރުގައި ޓީރެކްސް އިން ވަަނީ ސްޓިންގާސް ބަލިކޮށް ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފަ އެވެ. ސްޓިންގާސް އަތުން ޓީރެކްސް މޮޅުވީ 80-72 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަަމަ ތިން ކުއާޓާގައި ވެސް ޓީރެކްސް ކުރިހޯދި އެވެ. ފަހު ކުއާޓާގައި ސްޓިންގާސް އިން ކުޅުން ރަނގަޅުކޮށް ޓީރެކްސް އަށް ވުރެ އިތުރަށް ޕޮއިންޓް ހޯދި ނަމަވެސް ޓީރެކްސް އަތުން މޮޅުވެވޭ ގޮތެއް ނުވި އެވެ.
ޓީރެކްސްގެ ފިލިޕް ވުކޮސަވްޔެވިކް އެ ޓީމަށް 24 ޕޮއިންޓް ހޯދައިދިންއިރު، އަފްޝަން ރަޝާދު އަދި އިސްމާއިލް ފަރުހާން ކޮންމެ ކުޅުންތެރިއަކު ވަނީ އެ ޓީމަށް 14 ޕޮއިންޓް ހޯދައިދީފަ އެވެ. ސްޓިންގާސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ އަހުމަދު އަލީ މުސްތަފާ އެވެ. އޭނާ އެ ޓީމަށް 22 ޕޮއިންޓް އެއްކޮށްދިނެވެ. މެޗުގައި ސްޓިންގާސްގެ ބިދޭސީ ދެ ކުޅުންތެރިންނަށް ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މުބާރާތުގެ ދެ ވަނަ ޑިވިޝަންގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮތް ވައިޕާސް އަތުން ރޯޔަލްސް ވަނީ މުހިންމު މޮޅެއް ހޯދާފަ އެވެ. ރޯޔަލްސް މެޗު ކާމިޔާބުކުރީ 59-67 ޕޮއިންޓުންނެވެ. ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ވައިޕާސް އޮތީ އަށް ޕޮއިންޓްގެ ތަފާތުން ކުރީގަ އެވެ. ނަމަވެސް ފަހު ދެ ކުއާޓާގައި ވައިޕާސް އަށްވުރެ 16 ޕޮއިންޓް އިތުރަށް ހޯދައި މެޗު ކާމިޔާބުކުރި އެވެ.
މިއީ ލީގު ހޯދުމަށް ރޯޔަލްސް ކުރަމުން އަންނަ މަސައްކަތަށް ލިބުނު މުހިންމު މޮޅެކެވެ. ލީގުގެ ގްރޫޕް ސްޓޭޖު ބުރުގައި ވައިޕާސް އަތުން ރޯޔަލްސް ވަނީ ބަލިވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރޯޔަލްސްގެ އަލްދާން އައިކް ރަމީޒް އެ ޓީމަށް 27 ޕޮއިންޓް ހޯދައިދީފަ އެވެ. ފަހު ދެ ކުއާޓާގައި މައިގަނޑު ތަފާތަކަށްވީ އައިކްގެ ކުޅުމެވެ. ވައިޕާސް އަށް ބަލާއިރު އެ ޓީމްގެ ޔޫސުފް އަވާން 16 ޕޮއިންޓް ހޯދައިދިން އިރު، މުހައްމަދު އަޝްއަމް އެ ޓީމަށް 10 ޕޮއިންޓް އެއްކޮށްދިނެވެ.
މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ އެވެ. އަންހެން ޑިވިޝަންގައި ސައިކްލޯން އާއި އެލީޓް ވާދަކުރާއިރު، ކުއީންސް ނުކުންނާނީ ބެންޗާ ދެކޮޅަށެވެ. އަދި މިރޭ ފުރަތަމަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ނުކުންނާނީ ރެޕްޓާސްއާ ދެކޮޅަށެވެ.













