ލަންޑަން (މާޗް 2) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ މިޑްލްސްބަރާ އަތުން 1-0 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކެޓިއިރު، މެންޗެސްޓާ ސިޓީން 2-0 އިން ޕީޓަބަރާ ޔުނައިޓެޑް ބަލިކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އެންމެ ފަހުން އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލި، ދެ ވަނަ ޑިވިޝަނުގެ ޓީމު މިޑްލްސްބަރާ އިން ރޭ ޓޮޓެންހަމް ބަލިކުރީ ވެސް އިތުރު ވަގުތު ކުޅެގެންނެވެ. މިޑްލްސްބަރާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 107 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ޖޯޝް ކޮބާން އެވެ. އޭރިއާތެރެއިން ކޮބާން ޖެހި ބޮޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ފައިގައި ޖެހިފަ އެވެ.
މި މެޗުގައި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އެ ޓީމަށް ލީޑުނަގައިދޭން ގޯލެއް ޖެހި ނަމަވެސް އެ ލަނޑު ބަލައިނުގަތީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ޕީޓަބަރާ އިން ފުރަތަމަ ހާފުގައި ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އެކަމަކު، ސިޓީގެ ގޯލު ކީޕަރު އެޑަސަން މޮރާއެސް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.
ސިޓީން ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖެހީ މެޗުގެ 60 ވަނަ މިނިޓްގައި ރިޔާދު މާރޭޒް އެވެ. އޭރިއާތެރެއިން މާރޭޒް ޖެހި ބޯޅަ ގޯލުގެ ދުުރު ކަނަށް ވަނީ ޕީޓަބަރާ ކުޅުންތެރިއަކު ފައި ކައިރިން ގޮހެވެ. އޭގެ ހަތް މިނިޓް ފަހުން ފިލް ފޯޑެން މަތިން ހުރަސްކޮށްލި ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ޖެކް ގްރީލިޝް ވަނީ ގޯލެއް ޖަހައި ސިޓީ އަށް ކުއާޓާގެ ޖާގަ ޔަގީންކޮށްދީފަ އެވެ.
ސިޓީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެ ޓީމާ މި ސީޒަނުގައި ގުޅުނު ގްރީލިޝް ބުނީ މި ގޯލަކީ އޭނާ ލިއޮނަލް މެސީ ޖެހި ގޯލެއްގެ ވީޑިއޯ ބަލައިގެން ޖަހަން ބޭނުންވެފައި ހުރި ސްޓައިލެއްގެ ގޯލެއް ކަމަށެވެ.
އެފްއޭ ކަޕްގައި ރޭ ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްޓޯކް ސިޓީގެ މައްޗަށް ކުރިހޯދައިފަ އެެވެ.












