ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއާޕާސަންގެ މަަގާމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރާ މީހުން، ދެބަސްވުމާއި ނުނިޔަތުން އެކަހެރިވުމަށް އޭނާގެ ކެމްޕޭން ޓީމުން އިލްތިމާސްކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ފައްޔާޒާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ( އިންތި) ގެ ޓީމުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ފައްޔާޒްގެ ޓީމުން މިރޭ ނެރުނު ބަޔާނުގައި ބުނީ އަމާޒުވާ ފާޑުކިޔުންތައް ތަހައްމަލުކޮށް، ކެތްތެރިކަން އިސްކުރާތީ ކެމްޕޭނުގެ ބައިވެރިންނަަށް ޝުކުރުދަންނަވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުންނަކީ ވާދަވެރި ސިޔާސީ ނިޒާމަށް ފަރިތަ ބައެއް ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.
"...ކުރިއަށް އޮތް ތަނުގައި ވެސް ދެބަސްވުމާއި ނުނިޔަތުން އެކަހެރިވެ، ޑިމޮކްރެޓިކް، ދުޅަހެޔޮ ކެމްޕޭނަކުން ކާމިޔާބު ހޯދުމުގައި ދެމިތިބުމަށް އިލްތިމާސްކުރަމެވެ،" ފައްޔާޒްގެ ޓީމުން މިރޭ ނެރުނު ކުރު ބަޔާނުގައި ބުންޏެވެ.
އެމްޑީޕީގެ އެެތެރޭގެ އިންތިހާބަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށް އިންތިގެ ޓީމުން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މިއަދު ކުރި ބަހުސްގައި ދެފަރާތުގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރި އެވެ.













