ލިވަޕޫލް (މާޗް 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަ ސިޓި އާއި އެވަޓަން ވާދަކުރި މެޗުގެ ފަހު ހާފުގައި ސިޓީގެ ރޮޑްރީގޯ (ރޮޑްރީ) އަތުގައި ބޯޅަ ޖެހި ރެފްރީ ޕެނަލްޓީ ނުދިން މައްސަލައިގައި ލީގުން މާފަށް އެދެން ޖެހޭނެކަމަށް އެވަޓަން އިން ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން އެވަޓަން ވާދަކުރި މެޗު ސިޓީން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ފަހު ހާފުގައި ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ ރޮޑްރީ އަތުގައި ބޯޅަ ޖެހުމުން އެވަޓަން އިން ޕެނަލްޓީ އަކަށް އެޕީލްކުރިއެވެ. ނަމަވެސް ރެފްރީ ޕޯލް ޓިއާނީ އެ ޕެނަލްޓީ ނުދިނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ އަކަށް ހުރި ކްރިސް ކަވަނާ ވެސް ރީޕްލޭ ބެލުމަށްފަހު ނިންމީ އެއީ ޕެނަލްޓީ އެއް ނޫން ކަމަށެވެ. މި ނިންމުމަށް އެވަޓަންގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން އިނގިރޭސި ފުޓްބޯޅަ ދިރާސާކުރާ ގިނަ ބަޔަކު ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މެޗަށް ފަހު އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އެ ޓީމަށް މެޗުން ޕޮއިންޓެއް ގެއްލުނީ ރެފްރީގެ ފަރުވާކުޑަކަމުން ކަމަށެވެ. އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅަށް ވެސް އެއީ ހޭންޑްބޯޅައެއް ކަން އެނގޭ ކަމަށެެވެ.
"އަހަންނަކަށް ނޭނގެ ރެފްރީ ޕެނަލްޓީ ނުދިނީ ކީއްވެކަމެއް. އަހަރެންގެ ތިން އަހަރުގެ ކުޑަ އަންހެން ދަރިފުޅަށް ވެސް އެނގޭ ރޮޑްރީ އަތުގައި ބޯޅަ ޖެހުނުކަން. މީގަ ސުވާލު އުފައްދަން ޖެހޭ ޖާގައެއް ނެތް" މެޗަށް ފަހު ހިތްހަމަނުޖެހިފައި ހުރި ލަމްޕާޑް ބުންޏެވެ.
އެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރެފްރީ ނިންމީ ޕެނަލްޓީގެ ހާދިސާގެ ކުރިން އެވަޓަންގެ ރިޗާލިސަން އޮފްސައިޑްވެފައިވާ ކަމަށެވެ. ރިޗާލިސަން އޮފްސައިޑް ނުވާނަމަ އެއީ ޕެނަލްޓީއެއް ކަމަށް އޭނާ ވެސް ގަބޫލުކުރާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި އެންމެފަހުން އެވަޓަން އިން ވަނީ ޕްރިމިއާ ލީގަށް ސިޓީ އެއް ފޮނުވައިފަ އެވެ. އެވަޓަންގެ ޗީފް އެކްޒެކެޓިވް ޑެނިސް ބެރެޓް ބެކްސެންޑޭލް، ޕްރިމިއާ ލީގަށް ފޮނުވި ސިޓީގައި ވަނީ ރެފްރީ އަދި ވީއޭއާރުން އެވަޓަން އަށް ލިބެންޖެހޭ ހައްގެއް ނިގުޅައިގެންފައިވާ ކަމަށާއި، ޕްރިމިއާ ލީގުން މި ކަމަށް މައާފަށް އެދެން ޖެހޭކަމަށެވެ.
ސިޓީ އަތުން ބަލިވެ އެވަޓަން ވަނީ އިނގިރޭސި ލީގު ތާވަލްގެ 17 ވަނައަށް ވެއްޓިފަ އެވެ. އެ ޓީމު އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގުގައި ކުޅުނު 24 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ ހަ މެޗުންނެވެ. ލަމްޕާޑާ އެވަޓަން ކޯޗުކަން ހަވާލުކުރީ އެ މަގާމުގައި ހުރި ރަފައެލް ބެނިޓޭޒް ވަކިކޮށްފަ އެވެ.












