މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް, މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑުކުރުމަށް ނިންމާފައިނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން ވަނީ އެއް ރުފިޔާއިން އިތުރުކޮށްފަ އެވެ. އެގޮތުން, މިހާރު ގަނޑު ނުކުރާ މަސް ކިލޯއެއް މިފްކޯއިން ގަންނަނީ 15 ރުފިޔާއަށެވެ. އަދި ގަނޑުކުރި މަސް ގަންނަނީ 17 ރުފިޔާއަށެވެ. އެއީ ކުރިން ގަތް އަގުތަކަށްވުރެ އެއް ރުފިޔާ ބޮޑު އަގެކެވެ.
އެކަމާ ގުޅިގެން މިފްކޯގެ މަސްދަޅުފަދަ ބައެއް އުފެއްދުންތަކުގެ އަގުތައް އިތުރުވެގެންދާނެ ކަމަށް އަޑު ފެތުރުނެވެ. ކުރިއަށް އޮތީ ރޯދަ މަސްކަމުން އާންމުންގެ ގިނަ ބަޔަކު ވަނީ މަސްދަޅުފަދަ އުފެއްދުންތަކުގެ އަގުބޮޑުވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް މީހުން މިފްކޯގެ ފިހާރަތައް ދޮށުގައި މަސްދަޅު ކޭސް ގަތުމަށް ދިގު ކިއުތަކެއް ވެސް ހެދި އެވެ.
މިފްކޯއިން މިހާރު ވަނީ މަސްވެރިން އަތުން މަސް ގަންނަ އަގު އިތުރުކުރަން ނިންމި ނަމަވެސް މަސްދަޅުފަދަ އުފެއްދުންތަކުގެ އަގު ބޮޑުކުރަން ނިންމާފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި ރޯދަ މަހުގެ ޕްރޮމޯޝަނާ އެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓައިގެން ކަސްޓަމަރުންނަށް ހިދުމަތްދެމުން ގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
މިފްކޯއިން މީގެ ކުރިން ދިޔައީ 22 ރުފިޔާއަށް ކިލޯއެއްގެ އަގުން މަސްވެރިންގެ އަތުން މަސް ގަންނަމުންނެވެ. ނަމަވެސް, އެކަން ބަދަލުކުރީ ސަރުކާރަށާއި މިފްކޯއަށް އެކަމުގައި ބޮޑެތި ގެއްލުންތަކެއް ވާތީވެ މި ސަރުކާރު ވެރިކަމަށް އައިސް 2019 ވަނަ އަހަރު ތެރެ އެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި މިހާރު މަސް ގަންނަ އަގު އިތުރުކުރީ ވެސް އެ ވައުދުގެ ދަށުންނެވެ.














