އިނގިރޭސި މީޑިއާގެ ސަމާލުކަމަށް ރަޝިއާގެ ބިލިޔަނަަރު ރޯމަން އަބްރަމޮވިޗް އެރީ، 2003 އަހަރު، ރަޝިއާގެ 140 މިލިއަން ޕައުންޑަށް ޗެލްސީ ފުޓްބޯލް ކްލަބް އޭނާ ގަތުމުންނެވެ. އޭރު، އަބްރަމޮވިޗްއާ ބެހޭ މާ ގިނަ މައުލޫމާތެއް މީޑިއާ އަށް ތިލައެއް ނުވެ އެވެ. އޭރު، އެންމެ ބޮޑަށް ވެސް އެނގެން އޮތް ކަމަކީ އޭނާ އަކީ ތެލުގެ ވިޔަފާރިން މުއްސަނދިކަން ހޯދާފައިވާ، ރަޝިއާގެ މިހާރުގެ ރައީސް ލަޑިމިއާ ޕޫޓިންއާ ގާތް ގުޅުމެއް އޮންނަ ބިލިޔަނަރެއް ކަމަށެވެ.
އަބްރަމޮވިޗް ޗެލްސީ ގަތްއިރު، އެ ކްލަބަކީ އިނގިރޭސި ފުޓްބޯޅަައިގައި މާ ވަރުގަދަ ކްލަބެއް ނޫނެވެ. އޭރު ޗެލްސީ އަށް ލީގު ޗެމްޕިއަންކަން ނުލިބޭތާ ބައި ގަނުރުވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓަޑާއި އާސެނަލް އިން އަތްގަދަކޮށްފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ރަސްކަމާ ވާދަކުރުމަށް ޗެލްސީ ނުކުތީ އަބްރަމޮވިޗްގެ ބޮޑު އިންވެސްމަންޓާ އެއްކޮށެވެ. އަބްރަމޮވިޗްގެ އިންވެސްޓްމަންޓާއެކު ވެސް، ޗެލްސީ އަށް ރަނގަޅު ކާމިޔާބެއް ހޯދޭނެތޯ އޭރު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އަބްރަމޮވިޗް ކްލަބް ވޯލްޑް ކަޕްގެ ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
އަބްރަމޮވިޗް ،55، ޗެލްސީއާ ހަވާލުވިތާ 20 އަހަރުވާން ގާތްވެފައިވާއިރު، އެ ކްލަބުން ހޯދާފައިވާ ކާމިޔާބީތަކުން އެ ސުވާލަށް މިހާރު ވަނީ ޖަވާބު ދެވިފަ އެވެ. ޗެލްސީގެ ތާރީހުގައި ވެސް، އެންމެ ކާމިޔާބު ދުވަސްވަރެއްގެ ގޮތުގައި އޮތީ އަބްރަމޮވިޗްގެ ދައުރެވެ. މިހާރު އެއީ ޔޫރަޕާއި ދުނިޔޭގެ ކްލަބްތަކުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރެކެވެ.
އިނގިރޭސި އިންޓެލިޖަންސަށް އެހީވި ރަޝިއާގެ ކުރީގެ މިލިޓަރީ އޮފިސަރަކާއި އޭނާގެ ދަރިފުޅު މަރާލި މައްސަލައިގައި ރަޝިއާ ސަރުކާރުގެ އަތެއް އޮތް ކަމަށް ތުހުމަތުކުރެވުމާއެކު، އަމްބަމޮވިޗަށް އިނގިރޭސި ވިސާ އާކުރުމަށް އުނދަގޫވި އެވެ. އެހެންކަމުން، އިޒްރޭލުގެ ޕާސްޕޯޓެއް ހޯދައި، އޭނާ މިހާރު އިނގިރޭސިވިލަތުގައި އުޅެެނީ އެ ޕާސްޕޯޓުގަ އެވެ. އެކަމަކު، އޭގެ ފަހުން ޗެލްސީ ދަނޑުން އޭނާ ފެންނަނީ މަދު ފަހަރަކު އެވެ.
ޗެލްސީގެ ހިންގުން ފައުންޑޭޝަނާ ހަވާލުކުރީ "ނަމަކަށް"
އަބްރަމޮވިޗަކީ މީޑިއާއާ ދުރު މީހެކެވެ. އަދި މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރަން ބޭނުންވާ މީހެއް ނޫނެވެ. ރަޝިއާގައި ނުފޫޒު ގަދަ އެވެ. އަބްރަމޮވިޗް ދޮގުކުރަން ބޭނުންވިޔަސް، އޭނާ އަކީ ރަޝިއާގެ ރައީސް ޕުޓިންގެ އަރިސް މީހެކެވެ. އިނގިރޭސި މީޑިއާ އާއި ސިޔާސީ ފަރާތްތަކުގެ ފިއްތުންތައް މިއަދު އޭނާ އަށް ކުރިމަތިވުން ދަނީ އެ ސަބަބާ ހެދި އެވެ.
ރަޝިއާގެ ރައީސް ޕޫޓިން އޯޑަރަށް، ހުސްވި ހަފުތާގައި ރަޝިއާ އިން އަވައްޓެރި ޔޫކްރޭނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އިނގިރޭސި މީޑިއާ އާއި ސިޔާސީ ފަރާތްތަކުގެ ޕްރެޝަރު އަބްރަމޮވިޗަށް ވަނީ ކުރިމަތިވެފަ އެވެ.
އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ އެސެސްޓްތައް ވެސް ހިފެހެއްޓުމަށް، ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މި ފިއްތުންތަކާއެކު، އެ ކްލަބުގެ ހިންގުމާއި ބެލެހެއްޓުން ޗެލްސީގެ ފައުންޑޭޝަންގެ ޓްރަސްޓީންނާ އަބްރަމޮވިޗް ހަވާލުކޮށްފައިވާކަން އެ ކްލަބުން ވަނީ ހޮނިހިރު ދުވަހުގެ ރޭ އިއުލާންކޮށްފަ އެވެ.
މިއީ ރަޝިއާ އާއި ޔޫކްރޭން މައްސަލައާ ގުޅިގެން ޗެލްސީ އަށް ވެސް ކުރިމަތިވަމުންދާ ފާޑުކިއުންތަކާ ގުޅިގެން، ކްލަބު ހިމާޔަތްކުރުމަށް އަބްރަމޮވިޗް އެޅި ފިޔަވަޅެކެވެ. ޗެލްސީގެ ފައުންޑޭޝަންގެ ޓްރަސްޓީންނާ ކްލަބުގެ ހިންގުން ހަވާލުކުރިޔަސް، ޗެލްސީގެ ވެރިޔާގެ ގޮތުގައި ހުންނާނީ އަބްރަމޮވިޗެވެ. އެހެންކަމުން މިއީ "ނަމަކަށް" ގެނައި ބަދަލެއް ކަމަށް ބުނެ، މިހާރު ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ވަނީ އެ ކްލަބަށް އަމާޒުވެފަ އެވެ.
އެހެން ނަމަވެސް ކްލަބުގެ ފައުންޑޭޝަންގެ ޓްރަސްޓީންނާ ކްލަބު ހަވާލުކުރުމަށް އަބްރަމޮވިޗް ނިންމުމުން ދޭހަ ވަނީ، ރަޝިއާ އާއި ޔޫކްރޭންގެ މައްސަލައާ ގުޅިގެން، އިނގިރޭސިވިލާތުގައި ހުރި އޭނާގެ އެސެޓްތައް ހިފެހެއްޓުމުގެ ބިރު އޭނާ އަށް ވެސް އޮތް ކަމެވެ. ރަޝިއާ - ޔޫކްރޭން މައްސަލަ އަށް ހައްލެއް ހޯދުމަށް، ދެ ގައުމުގެ މެދުގައި ކުރެވޭ މަޝްވަރާތަކުގައި އަބްރަމޮވިޗް ބައިވެރިވާ ކަމަށް ރޭ މީޑިއާތަކުން ރިޕޯޓްކުރިއިރު، މިއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
ޕުޓިންއާ އޮތް ގާތް ގުޅުމާއި ރަޝިއާގައި އޮތް ނުފޫޒު
ރަޝިއާގެ އާދައިގެ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ އަބްރަމޮވިޗްގެ ވިޔާފަރި ފެށީ ވަރަށް ކުޑަކޮށެވެ. އެންމެ ފުރަތަމަ އޭނާ އަށް ރަނގަޅު އާމްދަނީއެއް ލިބެން ފެށީ، ރަބަރުން ކުޅޭ އެއްޗެހި ހަދާ ކުންފުންޏެއް ހަދައިގެނެވެ. ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު، ސޯވިއެޓް ޔޫނިއަން ރޫޅިގެންދިއުމާ އެކު، އޭގެ އެންމެ ބޮޑު ފައިދާއެއް ނެގި ވިޔަފާރިވެރިންގެ ތެރޭގައި އަބްރަޮމިޗް ހިމެނެ އެވެ. އޭރު ރަޝިއާގެ ދައުލަތުގެ ދަށުގައި ހުރި ބޮޑެތި އެސެޓްތައް، އަބްރަމޮޗިޗް ގަތީ ވަރަށް ކުޑަ އަގެއްގަ އެވެ.
ތެލުގެ ވިޔަފާރީގެ ތެރެއިން ކުރިއަރައިގެންދިޔަ އަބްރަމޮވިޗްގެ މިލްކިއްޔާތުގައި މި ވަގުތު 13.1 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސްގެ މައުލޫމާތުތަކުން ދައްކަ އެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޔޮޓާއެކު، އަގުބޮޑު އެތައް އެސެޓްތަކެއް އެބައޮތެވެ.

ޗެލްސީގެ ކޯޗު ޓުޗެލް (ކ) އާއި އަބްރަމޮވިޗް: ރަޝިއާ-ޔޫކްރެއިން މައްސަލައިގެ އަސަރު ޗެލްސީ އަށް ކުރާ ކަމަށް ޓުޗެލް ބުނެފައިވޭ.
ސޯވިއެޓް ޔޫނިއަން ރޫޅުމާއެކު، އެކަމުގެ ފައިދާ ނަގައި ކުރި އަރައިގެންދިޔަ ބައެއް މަހުޖަނުން ޕުޓިންއާ ދެކޮޅަށް ނުކުތެވެ. އެހެން ނަމަވެސް، އަބްރަމޮވިޗް ސިޔާސީ ގޮތުން ކުރީ ސަފަކަށް ނުނިކުމެވެ. އަބްރަމޮވިޗްގެ މުއްސަނދިކަމާ އެކު، އޭނާ މަސައްކަތްކުރީ ޕުޓިން އަށް ވަފާތެރި މީހެއްގެ ގޮތުގަ އެވެ. ރަޝިއާގެ ޗުކޮޓްކާ ސަރަހައްދުގެ ގަވަރުނަރުކަން އަބްރަމޮވިޗަށް ދިނީ ޕުޓިން އަށް ވަފާތެރިއެއްގެ ގޮތުގައި އޭނާ ކުރި މަސައްކަތުގެ ބަދަލުގައި ކަމަށް ވެސް ބުނެ އެވެ.
މަޝްރަހު ހޫނުވެފައިވާއިރު، މިކަމުގެ ސަބަބުން އަބްރަމޮވިޗަށް ކުރިމަތިވަމުންދާ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ. އެކަމަކު، ދުނިޔޭގައި މިހާރު އޮތް އެންމެ ވަރުގަދަ އެއް ކްލަބު ކަމަށްވާ ޗެލްސީ އަށް މި މައްސަލައިގެ ސަބަބުން އަސަރުކުރާނެ ކަމާމެދު ސުވާލުތަކެއް އެބައޮތެވެ.
ޗެލްސީ އަށް އަބްރަމޮވިޗް ވަނީ ދެ ބިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދީފަ އެވެ. އޭނާގެ ކޮންޓުރޯލް އެ ކްލަބުން ގެއްލިއްޖެ ނަމަ، އެ ކްލަބު ބަނގުރޫޓުވުމުގެ ބިރު އެބައޮތެވެ. އެކަމަކު އެއީ، އިނގިރޭސި ފުޓްބޯޅަ އަށް ވެސް ލިބޭނެ ގެއްލުމެކެވެ. ހާލަތު ގޯސްވަމުންދާއިރު، ބައިނަލްއަގުވާމީ ދުނިޔޭގައި އަބްރަމޮވިޗަށް އިތުރު ހުރަސްތައް ކުރިމަތިވެދާނެ އެވެ. މި ކަމުގެ ސަބަބުން، ޗެލްސީ އަށް ކުރާނެ އަސަރެއް އެނގޭނީ އަޅާ ފިޔަވަޅުތަކަކުންނެވެ.












