ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކްލަބުން ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބުކޮށް މި އަހަރުގެ ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ކުރީގައި އޮތީވެސް ކިންގްސް އެވެ. ދެ ވަނައިގައި އޮތީ ވާދަވެރި ޓީރެކްސް އެވެ. މި ދެ ޓީމުގެ ފަހަތުން އޮތީ ރެޑްވިންގްސް ބީސީ، ރެޕްޓާސް ބީސީ އަދި ބައުސް އެވެ. ފުލުގައި އޮތީ ސްޓީންގާސް ބީސީ އެވެ.
ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗު ކިންގްސް އިން ކާމިޔާބުކުރީ ރެޑްވިންގްސްއާ ވާދަކޮށް 83-113 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ތިން ކުއާޓާ އަށް ބަލާއިރު ކިންގްސް އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 32 ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ފަހު ކުއާޓާގައި ރެޑްވިންގްސް އިން ކިންގްސް އަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދި ނަމަވެސް އެ ޓީމަށް ކިންގްސް އަތުން މޮޅުވެވޭ ގޮތެއްނުވި އެވެ.
މުޅި މެޗަށް ބަލާއިރު ދެ ޓީމުގެ ވެސް ބިދޭސީ ދެ ކުޅުންތެރިންގެ ކުޅުން ފާހަގަކުރަންޖެހެ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރެޑްވިންގްސްގެ ތޯމަސް މަލިކް ވަނީ އެ ޓީމަށް 37 ޕޮއިންޓް ހޯދައިދީފަ އެވެ. ރެޑްވިންގްސްގެ އިތުރު ކުޅުންތެރިއަކަށް ހަތް ޕޮއިންޓަށް ވުރެ މަތިން ސްކޯ ކުރެވިފައެއް ނުވެ އެވެ. ކިންގްސް އަށް ބަލާއިރު ޑެކޯރޭ ޖޯންސްގެ 30 ޕޮއިންޓް ސްކޯ ކޮށްދީ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރިއިރު، އެ ޓިމްގެ މުހައްމަދު ހުވައިލިދު އަލީ އާއި އަބްދުﷲ އަމްޒަރު މުހައްމަދު ވަނީ ޑިފެންސުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޗެމްޕިއަން ކިންގްސް ފަހަތުން ވިއްދާފައި އޮތް ޓީރެކްސް ވެސް ވަނީ ދެ ވަނަ ބުރުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. ދަ ބައުސް އާ ވާދަކޮށް ޓީރެކްސް މެޗު ކާމިޔާބުކުރީ 63-93 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ޓީރެކްސް އިން 17 ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ތިން ވަނަ ކުއާޓާގައި ބައުސް އިން ކުޅުން ރަނގަޅު ކުރި ނަމަވެސް ފަހު ކުއާޓާގައި ޓީރެކްސް އިން ތަފާތު ބޮޑުކުރި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީރެކްސްގެ ކޮސްޓާ ޑޯޑެވިކެވެ. އޭނާ ވަނީ އެ ޓީމަށް 34 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. މީގެ އިތުރުން އަހުމަދު ޒަބީރު (ޒަބީ) އާއި އިސްމާއިލް ވިލްދާން ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ގިނަ ވަގުތު މެޗުގައި މި ދެ ކުޅުންތެރިން ކުޅުނުއިރު ޑިފެންސްގައި ވިލްދާންގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ޒަބީރު ވަނީ މުޅި މެޗުގައި ޓީމަށް 17 ޕޮއިންޓް ސްކޯކޮށްދީފަ އެވެ.
ގައުމީ ލީގުގެ ދެ ވަނަ ޑިވިޝަންގެ ލީގު ބުރުގެ މެޗުތައް ފަށާފައިވާއިރު، ވައިޕާސް ބީސީ އިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސްއާ ވާދަކޮށް 66-62 ޕޮއިންޓުން މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފަ އެވެ. ޔޫއެން ފްރެންޑްސް ލީގު ބުރުގައި ކުޅުނު ދެ ވަނަ މެޗުން ބަލިވީ ރޯޔަލްސްއާ ކުޅެގެން 94-82 ޕޮއިންޓުންނެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ފުރަތަމަ ޑިވިޝަންގެ ރެޕްޓާސް ބީސީ ނުކުންނާނީ ސްޓިންގާސް ބީސީއާ ދެކޮޅަށެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި އަންހެން ޑިވިޝަންގެ ލަޔަނެސް އާއި ކުއީންސް ވާދަކުރާއިރު، ފަހު މެޗުގައި ބެންޗު ނުކުންނާނީ އެލީޓާއި ދެކޮޅަށެވެ.













