ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް ޝެވެނިން ސްކޮލާޝިޕްތަކެއް ދޭން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީއާއި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫއަކީ އިނގިރޭސިވިލާތުގެ އެކްރެޑިޓްކޮށްފައިވާ ޔުނިވާސިޓީއެއްގައި ފަތުރުވެރިކަމާ ގުޅޭ ދާއިރާއަކުން މާސްޓާޒް ޑިގްރީ ހާސިލުކުރުމަށް ފުރުސަތު ފޯރުކޮށްދިނުމަށް ސޮއިކުރި އެމްއޯޔޫއެކެވެ. އެ އެމްއޯޔޫގެ ދަށުން ކޮންމެ ދިރާސީ އަހަރު ދެ ސްކޮލާޝިޕެއް ފޯރުކޮށްދޭނެ އެވެ.
އެ ސްކޮލާޝިޕްތަކަކީ އެއް އަހަރު ދުވަހުގެ މާސްޓާޒް ޑިގްރީ ޕްރޮގްރާމްތަކަށް ދޭ ސްކޮލާޝިޕްތަކެކެވެ. އެފަދަ އެންމެ ފުރަތަަމަ ސްކޮލާޝިޕްތައް ދޫކުރާނީ އަންނަ އަހަރުން ފެށިގެންނެވެ.
އެ ސްކޮލާޝިޕްތަކާ ގުޅޭ ގޮތުން މަޓީއިން ބުނީ އެ ސްކޮލާޝިޕްތަކަކީ އިނގިރޭސިވިލާތުގެ ބައިނަލްއަގްވާމީ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ތެރެއިން ތައުލީމީ ގޮތުން ރަނގަޅު އަދި ލީޑަޝިޕް ހުނަރުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ދޭ ސްކޮލާޝަޕްތަކެއް ކަމަށެވެ.
އަދި މަޓީއިން އިތުރަށް ބުނީ އެ ޖަމިއްޔާގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި "ޝެވެނިން/މަޓީ ސްކޮލާޝިޕް" ޕްްރޮގްރާމް ކާމިޔާބީއަށް ބެލުމަށްފަހު އެ ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ގަސްދުކުރާ ކަމަށެވެ.

މަޓީ އާއި އިނގިރޭސި ހައި ކޮމިޝަނާ ދެމެދު މިއަދު ސޮއިކުރި އެމްއޯޔޫގައި އިނގިރޭސި ހައި ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ކެރޮން ރޮސްލާ އެވެ.












