ޕެރިސް (ފެބްރުއަރީ 28) - ރަޝިއާގެ ދިދައިގެ ދަށުގައި އެ ގައުމުގެ ގައުމީ ސަލާމް ޖަހައިގެން އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް ދުނިޔާގެ މައި ފުޓްބޯޅަ އިދާރާއިން މިރޭ އަންގައިފި އެވެ.
ފީފާ އިން މިރޭ ނެރުނު ބަޔާނެއްގައި އެ ގޮތަށް އެންގީ މިހާރު ރަޝިއާ އާއި ޔޫކްރެއިންގެ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ގިނަ ގައުމުތަކަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާ އިން ދެން ފީފާގެ މެޗުތައް ކުޅެން ޖެހޭނީ "ފުޓްބޯލް ޔޫނިއަން އޮފް ރަޝިއާ"ގެ ނަމުގައި ކަމަށެވެ.
މިއީ މި ވަގުތަށް އަޅާފައިވާ ފިޔަވަޅު ކަމަށާއި މުސްތަގުބަލުގައި ކަންތައްތައް ހިނގާގޮތަށް ބަލާފައި، ރަޝިއާއާ ދެމެދު އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށް ވެސް ފީފާގެ ބަޔާނުގައިވެ އެވެ.
ޔޫކްރެއިނަށް އަރައިގަނެ، ރަޝިއާ އިން ކުރަމުން އަންނަ ކަންތައްތައް ކުށްވެރިކުރާ ކަމަށް ބުނެ، ފީފާ އިން ވަނީ މިކަންކަމަށް ހައްލެއް ނައިސް ދިގުލައިގެން ދާނަމަ ކުޅިވަރު ހަރަކާތްތަކުން ރަޝިއާ ސަސްޕެންޑް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަމަށް އެކި ކުޅިވަރުގެ ދުނިޔޭގެ ފެޑެރޭޝަންތަކާ މަޝްވަރާކުރަން ފީފާ އިން އިސްނަގަން އޮތީ ތައްޔާރަށެެވެ.
މީގެ ކުރިން ވެސް މަނާބޭސް ބޭނުންކުރި އެތުލީޓުންތަކެއްގެ މައްސަލައިގައި ކުޅިވަރުގައި ރަޝިއާ އަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެ މައްސަލައިގައި ގިނަ އެތުލީޓުންތަކެއް ވަނީ ނިއުޓްރަލް އެތުލީޓުންގެ ގޮތުގައި ބައިނަލްއަގުވާމީ ގޭމްސްތަކުގައި ބައިވެރިވެފަ އެވެ.
ފީފާ އިން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވީ ބައެއް ގައުމުތަކުން އެކަމަށް ޕްރެޝަރު ކުރުމުންނެވެ.
އަންނަ މަހު ރަޝިއާގައި ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ޕްލޭއޮފް މެޗުތައް ނުބާއްވަން ޔޫރަޕްގެ ތިން ގައުމަކުން ވަނީ މީގެ ކުރިން ގޮވާލައިފަ އެވެ. ރަޝިއާގައި މެޗުތައް ހޯސްޓް ނުކުރަން ގޮވާލި ތިން ގައުމަކީ ޕްލޭއޮފްގައި ރަޝިއާ ފަޅީގައި އޮތް ގައުމުތައް ކަމަށްވާ ޗެކް ރިޕަބްލިކާއި ސްވިޑެން އަދި ޕޮލެންޑް އެވެ. ގަތަރު ވޯލްޑް ކަޕްގެ ޖާގައަކަށް ރަޝިއާ ފުރަތަމަ ކުޅެން އޮތީ އަންނަ މަހު 24 ވަނަ ދުވަހު ޕޮލެންޑާ އެވެ. ޕޮލެންޑުން ވަނީ މީގެ ކުރިން އެ މެޗު ރަޝިއާގައި ކުޅޭނަމަ ބޮއިކޮޓްކުރާނެ ކަމަށް ބުނެފަ އެވެ.
ރަޝިއާ ޕޮލެންޑް އަތުން މޮޅުވެއްޖެނަމަ ދެން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ރަޝިއާ ނުކުންނާނީ ޗެކް ރިޕަބްލިކާއި ސްވިޑެން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިހާރު އޮތްގޮތުން ރަޝިއާގެ މެޗުތައް ކުޅޭނީ ނިއުޓްރަލް ދަނޑެއްގަ އެވެ.
މެއި މަހު ރަޝިއާގެ ޕީޓާސްބާގުގައި ކުޅެން ހަމަޖެހިފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މިހާރު ވަނީ ފްރާންސްގެ ޕެރިހަށް ބަދަލުކޮށްފަ އެވެ. ޔޫރަޕްގެ މައި އިދާރާ ޔުއެފާ އިން ވެސް އަންނަނީ ރަޝިއާއާ ދެމެދު ދެން އަޅާނެ ފިޔަވަޅުތަކަކާ ދެމެދު މަޝްވަރާ ކުރަމުންނެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު، ރަޝިއާ އަށް އެންމެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން އަންނަނީ އިނގިރޭސިވިލާތުންނެވެ. އިންގްލެންޑުން ވަނީ ރަޝިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ކައިރި މުސްތަގުބަލެއްގައި މެޗެއް ނުކުޅޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ރަޝިއާގެ ގައުމީ އެއާލައިން "އެއިރޯފްލޮޓް"އާ އެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ކުރިއަށް ނުގެންދިއުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ ނިންމައިފަ އެވެ.












