ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތެރެއިން ކޮވިޑާ ދެކޮޅަށް ޖަހާ ވެކްސިންގެ ކާޑުތަކެއް ވިއްކި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ވަނީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން "އަދަދު"އަށް ކަށަވަރުކޮށްދީފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދިނެވެ.
އެޗްޕީއޭއިން ވެކްސިން ކާޑު ދޫކުރަނީ ވެކްސިން ފުރިހަމަކޮށްފައިވާކަމުގެ މައުލޫމާތު އަންގައިދިނުމަށެވެ. އެގޮތުން ވެކްސިން ޖަހާ ކޮންމެ ފަހަރަކު ވެކްސިން ކާޑުގައި ޖެހި ވެކްސިންގެ ބާވަތާއި، ކިތައްވަނަ ޑޯޒްކަން އަދި ވެކްސިން ޖަހައިދިން ސިއްހީ މަސައްކަތްތެރިޔާގެ ނަމާއި ސޮއި ވެސް އެ ކާޑުގައި ހިމެނެ އެވެ.
އަދި އޭގެ އިތުރުން ވެކްސިން ޖެހި ތާރީހާއި ވަގުތު އަދި ވެކްސިން ޖެހި މީހާގެ މައުލޫމާތާއެކު ކާޑުގައި ހިމަނަ އެވެ.
ނަމަވެސް މި ވެކްސިން ކާޑުތައް ވިއްކުމުގެ މުއާމަލާތް ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން އެޗްޕީއޭގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ރާއްޖޭގައި މިހާރު އާންމުކޮށް ޖަހަމުން ދަނީ ވެކްސިންގެ ތިން ވަނަ ޑޯޒްކަމުގައިވާ ބޫސްޓާ ޑޯޒެވެ. ބޫސްޓާ ޑޯޒަށް ޖަހަނީ ފައިޒާ ވެކްސިނެވެ. ނަމަވެސް ވެކްސިންގެ ދެވަނަ ޑޯޒް އަދިވެސް ނުޖަހާ މީހުން ތިބިކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެ އެވެ.
ވެކްސިން ޖެހުމުން ކޮވިޑާ ދެކޮޅަށް ރައްކާތެރިކަން ލިބޭއިރު، ދަތުރުފަތުރުކުރުމާއި އެހެން ބައެއް ކަންކަމުގައި ވެސް ވެކްސިން ޖަހާ މީހުންނަށް ފަސޭހަތަކެއް ލިބެ އެވެ.












