އިއްޔެ ހަވީރު ކްލަބް ވެލެންސިއާ އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެގެން ދަނޑުން ފައިބައިގެންދިޔައީ ހިތްހަމަޖެހުމަކާ އެކީގަ އެވެ. އެއީ ފާއިތުވި ހަފްތާގައި ކްލަބް ގްރީން ސްޓްރީޓްސް އަތްދަށުވެ، ނުވަ މެޗުގެ ތެރޭ ފުރަތަމަ ފަހަރަށް ބަލިވުމުގެ މާޔޫސްކަމުން އަރައިގަނެވުނީމަ އެވެ. އެކަމަކު، އިއްޔެގެ މޮޅާ އެކު އެ ލިބުނު ހިތްހަމަޖެހުން ދިގުލައި ނުދިޔަ އެވެ. މެޗު ނިމުނުތާ ދެ ގަޑިއިރެއްހާއިރު ފަހުން ވެލެންސިއާ އާއި މުޅި ދެކުނު އޭޝިއާގެ ފުޓްބޯޅަ ވެސް ކުރިމަތިލާން ޖެހުނީ ވެެލެންސިއާ އަށް ކުޅޭ ސްރީ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް މަރުވެފައި ހުއްޓައި ފެނުނު ހަބަރާ އެވެ. މިއީ ފުރަތަމަ އަޑުއަހާފައި ގަބޫލުކުރަން ދަތި ހަބަރެކެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 31 އަހަރުގެ ޑަކްސަން ދިރިއުޅޭ ކޮޓަރީގައި ދަންޖެހި މަރުވެފައި ހުއްޓައި ފެނުނީ ހަބަރެއް ނުވެގެން އާއިލާ އިން އެންގުމުން ބެލި ބެލުމުގަ އެވެ. މަރުވެފައި ހުއްޓައި ފެނުނީ ޑަކްސަން ދިިރިއުޅެމުން އަންނަ ކޮޓަރީގަ އެވެ.
ޑަކްސަން މަރުވެފައި ހުއްޓައި ފެނުނު ހަބަރު ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ ވައިބާ ގްރޫޕްތަކާއި ވަޓްސަޕް ގްރޫޕްތަކުގައި ދައުރުވާން ފެށުމާ އެކު އެއްވެސް މީހަކަށް ފުރަތަމަ އެކަން ގަބޫލެއް ނުކުރެވުނެވެ. ކޮންމެ ކުޅުންތެރިއަކު ވެސް އަދި ކޮންމެ އޮފިޝަލަކު ވެސް ދިޔައީ އެކަން ކަށަަވަރުކުރަން އެކި ފޯން ކޯލްތައް ކުރަމުންނެވެ. އެއީ ދަނޑުމަތީގައި ޖާނުންފިދާވެގެން ޓީމު މޮޅުކޮށްދޭން އާދަޔާހިލާފު ހިތްވަރެއް ނެރޭ، ޑަކްސަން އެފަދަ ކަމެއް ކޮށްފާނެ ކަމަށް އެއްވެސް ކުޅުންތެރިއަކަށް ގަބޫލުނުކުރެވޭތީ އެވެ.

މާޒިޔާގެ ހަމްޕު (މ) އަތުން ވެލެންސިއާގެ ސިޒާން (ކ) އާއި ޑަކްސަން (ވ) ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"ޑަކްސަން ކަހަލަ ޕްލޭޔަރެއް އެ ފަދަ ކަމެއް ކޮށްފާނެ ކަމަށް ހިތައް ގެންނަން ވެސް އުނދަގޫ. އަދިވެސް ގަބޫލުކުރަން އުނދަގޫ،" ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުޅުންތެރިއަކު ބުންޏެވެ.
ޑަކްސަން މަރުވެފައި ހުއްޓައި ފެނުމާ އެކު ވެެލެންސިއާ އިން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެެ، މިހާރު އެއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.
ޑަކްސަން ހުރީ އަނިޔާވެގެން ކުޅުމާ ދުރުގައި
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން ވެލެންސިއާ 1-0 އިން ބަލިވި މެޗުގައި ޑަކްސަންގެ ކަކުލަށް އަނިޔާވެގެން އޭނާ ހުރީ އަނިޔާގަ އެވެ. އެހެންވެ، އިއްޔެ ވެލެންސިއާ އިން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ޑަކްސަން ނެތެވެ.
އާންމު ގޮތެއްގައި ސްކޮޑުގައި އަނިޔާގެ ސަބަބުން ނެތް ކަމުގައި ވިޔަސް ޑަކްސަން މެޗު ބަލަން ދަނޑަށް ދެ އެވެ. އެކަމަކު، އިއްޔެ އޭނާ ނުފެނެ އެވެ. އެހެންވެ، ދަންޖެހުނު ވަގުތެއް ސީދާ ބުނާކަށް އެއްވެސް މީހަކަށް ނޭނގެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ (ކ) ލަންކާގެ ޑަކްސަން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަަދަދު
ޑަކްސަން އެންމެ ފުރަތަމަ، ފުރަަތަމަ ޑިވިޝަން ކުޅެން ރާއްޖެ އައީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބް އަށެވެ. އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ޑަކްސަން ވަނީ މިދިޔަ އޮކްޓޫބަރު މަހު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ލަންކާ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. ލަންކާ އިން ފޯ ނޭޝަންސް ކަޕްގެ ފައިނަލަށް ދިޔައިރު، ޑަކްސަން މޮޅަށް ކުޅުނެވެ.
ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އިން އިންޑިއާއާ އެއްވަރުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޑަކްސަން އެވެ. އިންޑިއާގެ ވަރުގަދަ ސުޕަ ލީގުގައި ކުޅޭ ކުޅުންތެރިން ހުއްޓުވަން ޑަކްސަން އެ މެޗުގައި ދެއްކި ކުޅުމަށް ލަންކާގެ ކޯޗު އާމިރް އަލަގިޗް ވަނީ ތައުރީފުކޮށްފަ އެވެ.
މި ފަހަރުގެ ސީޒަނަށް ކްލަބް ވެލެންސިއާ ވަރުގަދަކުރިއިރު، ޑަކްސަން ގެންނަން ނިންމީ ސަރަހައްދީ މުބާރާތް، އޭއެފްސީ ކަޕްގައި ވެސް ކުޅެން ޖެހިފައި އޮތުމުންނެވެ.
މެޗަކުން ބަލިނުވެ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ޑަކްސަން އަކީ ޓީމުގެ ދިފާއީ އެއް ތަނބެވެ. ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ވެލެންސިއާ އިން މާޒިޔާ އަތުން 1-0 އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޑަކްސަން އެވެ. ފައިނަލް މެޗު ފެށިތަނުން ނިތްކުރި ކައިރިން ފަޅައިގެން ދިޔަ ނަމަވެސް އިތުރު ވަގުތުގެ ދެ ހާފް ވެސް ކުޅެ، ވެލެންސިއާ މޮޅުކޮށްދޭން ތަފާތު ދެއްކި އެވެ.

ޑަކްސަން ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހިފައިގެން.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު
ވެލެންސިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑަކްސަން މަރުވި ހަބަރަކީ ލިބުނު ޝޮކެއް ކަމަށާއި މި އުނދަގޫ ވަގުތުގައި ޑަކްސަންގެ އާއިލާއާ އެކު ވެލެންސިއާގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި މެނޭޖްމަންޓުން ތިބި ކަމަށެވެ. އަދި އަބަދުވެސް ޑަކްސަން ހަދާން ކުރާނީ ކްލަބަށް އަގުހުރި ހިދުމަތެއް ކޮށްދީފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ވެލެންސިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ވެލެންސިއާ އިން މި ސީޒަނުގައި ޑަކްސަން އަށް ދޭން ޖެހޭ މުސާރަ އަންނަނީ ދެމުންނެވެ. ޑަކްސަންގެ މަރުގެ އަސަރު ވެލެންސިއާ ޓީމަށް ނަފްސާނީ ގޮތުން ކުރާނެ ކަމަށް އެ ކްލަބްގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. އެއީ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހޯދިއިރު ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށްވެފައި، ކުއްލިއަކަށް ޓީމުގެ މުހިންމު ކުޅުންތެރިއަކު ހިތަށް ވެސް ގެންނަން އުނދަގޫ ގޮތަކަށް ވަކިވެދިއުމުންނެވެ.
ރާއްޖޭގައި ތިބި ލަންކާގެ ކުޅުންތެރިންނަށް ހިތާމަވެރި ވަގުތެއް
ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ޑަކްސަންއާ އެކު ލަންކާ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން އެބަތިބި އެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅޭ ޗަމޯދް ދިލްޝާން އާއި މުހައްމަދު އާކިބްގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ ގޯލު ބަަލަހައްޓަމުން އަންނަ ސުޖަން ޕެރޭރާ އެވެ. ޑަކްސަން އާއި ސުޖަން އަކީ އެކުގައި ލަންކާ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ ދެ އެކުވެރިންނެވެ. ސުޖަން އަށް ހުރީ ޑަކްސަންގެ މަރުގެ ހަބަރާ އެކު ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
ސުޖަން އޭނާގެ ފޭސްބުކްގައި ޑަކްސަންއާ އެކު ހުރި ފޮޓޯއެއް ހިއްސާކޮށް ވަނީ އަސަރުގަދަ ލިޔުމެއް ދޫކޮށްލައިފަ އެވެ. ސުޖަން ބުނީ ޑަކްސަންއާ އެކު އަބަދުވެސް ދެކެވިފައިހުރީ އެކުގައި ގިނަ މެޗުތަކަކުން މޮޅުވެ، ގިނަ ޓްރޮފީތައް ހޯދައި އެެކުގައި ފުޓްބޯޅައިން ރިޓަޔާކުރުމުގެ ވާހަކަތައް ކަމަށެވެ.
"އެކަމަކު ދިރިއުޅުމުން ރިޓަޔާތިކުރީ އަހަރެން ގާތުގައި އެއްވެސް ވާހަކައެއް ނުބުނެ. އަބަދުވެސް ހަނދާން ހުންނާނެ،" ސުޖަން ބުންޏެވެ.
ޑަކްސަންގެ މަރުގެ ހަބަރު އިވުމާ އެކު ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ފަރާތުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމަށް ގުޅައި ހުރިހާ ކަމެއް އޮޅުންފިލުވައި ހެދި އެވެ. ޑަކްސަންގެ މަރުގެ ހަބަރަކީ ލަންކާގެ ފުޓްބޯޅައިގެ ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަކަމަކަށް ނުވި އެވެ. މިދިޔަ ނޮވެމްބަރު މަހު ލަންކާގެ ފޯ ނޭޝަންސް ކަޕްގައި އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން އެންމެ ވަރުގަދަ އަށް ސަޕޯޓް ދިން އެއް ކުޅުންތެރިއަކީ ޑަކްސަން އެވެ.
ލަންކާގެ ގިނަ ނޫސްތަކުގެ ފަލަ ސުުރުހީގައި މިއަދު ލިޔެފައިވަނީ ޑަކްސަންގެ މަރަކީ މުޅި ލަންކާ އާއި ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް ލިބުނު "ޝޮކެއް" ކަމަށެެވެ.













